Roadha Mihaaru
ޒިކުރާ މިސްކިތް 10 ބުރިއަށް ހަދަން ހަވާލުކޮށްފި

އޮފީސް އިމާރާތަކާ އެކު، ޒިކުރާ މިސްކިތް 10 ބުރިއަށް ހަދަނީ

09 ޖުލައި 2018

އޮފީސް ބައިތަކެއް ވެސް ހިމެނޭ ގޮތަށް، ޒިކުރާ މިސްކިތް 10 ބުރި އަށް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ، އިސްލާމިކް މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އޮފީސް ބައިތަކެއް ވެސް ހިމެނޭ ގޮތަށް، ޒިކުރާ މިސްކިތް 10 ބުރި އަށް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ، އިސްލާމިކް މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

ޒިކުރާ މިސްކިތް ހުންނަ ތަނުގައި، "ދާރުލް ޒިކްރާ"ގެ ނަމުގައި ހަދާ އިމާރާތަށް ހިނގާ ހަރަދުގެ ބޮޑު ބައެއް ކޮންޓްރެކްޓަރު އަމިއްލައަށް ކުރާ ގޮތަށް ހަވާލުކުރި މަޝްރޫއުގެ އަގު 130 މިލިއަން ރުފިޔާއަށް އަރަ އެވެ. މީގެ ތެރެއިން 30 މިިލިއަން ރުފިޔާ ދެނީ ސަރުކާރުންނެވެ.

ދާރުލް ޒިކުރާގެ ފުރަތަމަ ތިން ބުރި ހާއްސަކުރަނީ މިސްކިތަށެވެ. އަނެއް ހަތް ބުރި ހަދާނީ އޮފީހެއްގެ ގޮތުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިމާރާތުގެ ބޭސްމެންޓް ބޭނުންކުރާނީ ޕާކުކުރާ ތަނެއްގެ ގޮތުގައި ކަމަށެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި އޮފީހަށް ހާއްސަކުރާ ބައިތައް ދޫކުރާނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ އުސޫލްތަކެއްގެ ދަށުންނެވެ.

"އެހެން ނަމަވެސް އެއީ އިސްލާމްދީނާ ތައާރުޒު ނުވާ ކަންކަމަށް... ދޫކުރާނީ،" ޒިޔާދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ހަނދާނުގައި 1980 ގެ އަހަރުތަކުގެ ކުރީކޮޅު ހެދި ޒިކުރާ މިސްކިތުގެ އާ އިމާރާތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 25 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އަންނަ އަހަރުގެ ރޯދަމަހު ނަމާދުކުރެވޭ ވަރަށް ފުރަތަމަ ތިން ބުރި ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.