Roadha Mihaaru
ފައިސާ ދިނަސް، ޒިކުރާ މިސްކިތް ނުފެށި ލަސްވަނީ!

މިސްކިތް ހަދަން 30 މިލިއަން ރުފިޔާ، އެކަމަކު މިސްކިތުގެ މަސައްކަތެއް ނުފެށޭ!

03 އެޕްރީލް 2019

އޮފީސް ބައިތަކެއް ވެސް ހިމެނޭ ގޮތަށް، ޒިކުރާ މިސްކިތް ހަދަން މީގެ ކުރީ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނަށް 30 މިލިއަން ރުފިޔާ ދީފައި ވިޔަސް، އެ މަސައްކަތް ނުފެށި އޮތް މައިގަނޑު ސަބަބަކީ ބިމުގެ ރަޖިސްޓްރީ ނެތުން ކަމަށް "މިހާރަ"ށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޮފީސް ބައިތަކެއް ވެސް ހިމެނޭ ގޮތަށް، ޒިކުރާ މިސްކިތް ހަދަން މީގެ ކުރީ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނަށް 30 މިލިއަން ރުފިޔާ ދީފައި ވިޔަސް، އެ މަސައްކަތް ނުފެށި އޮތް މައިގަނޑު ސަބަބަކީ ބިމުގެ ރަޖިސްޓްރީ ނެތުން ކަމަށް "މިހާރަ"ށް އެނގިއްޖެ އެވެ.

އޭރުގެ އިސްލާމިކް މިނިސްޓްރީން، "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރިއަށް ހަދަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ ޖުލައި 9، 2018 ގަ އެެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ އެ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާއަށްވާއިރު އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމާފައި ވެ އެވެ.

އެނގިފައިވާ ގޮތުގައި ދެ ބުރަކަށް ބަހާލައިގެން ސަރުކާރުން ވަނީ އެސްޖޭ ކޮންސްޓްރަކްޝަނަށް މިދިޔަ އަހަރުގެ ތެރޭގައި އެ 30 މިލިއަން ރުފިޔާ ދީފަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އަދި ކުންފުނިން ވެސް ވާހަކައެއް ނުދެއްކި އެވެ.

މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ރޯދަމަހު (މި އަހަރުގެ ރޯދަމަހު) ނަމާދުކުރެވޭ ވަރަށް ފުރަތަމަ ތިން ބުރި ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެކަމަކު ކޮންޓްރެކްޓްގައި ސޮއިކުރިތާ އަށް މަސްދުވަސް ވީއިރު ވެސް އެތަނުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އެ އިމާރާތުގެ ފުރަތަމަ ތިން ބުރި ހާއްސަކުރަނީ މިސްކިތަށެވެ. އަނެއް ހަތް ބުރި ހަދާނީ އޮފީހެއްގެ ގޮތުގައި ކަމަށް އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިޔާދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ފައިސާ ދިންތާ އަހަރެއް ވެގެންދާއިރު އެސްޖޭ ކޮންސްޓްރަކްޝަނަށް މަސައްކަތް ނުފެށިގެން އުޅެނީ އެ ބިމުގެ ރަޖިސްޓްރީ ނެތިގެންނެވެ. އަދި އެތަނުގައި ދިރާގާއި ސްޓެލްކޯ އަދި އެކި ތަންތަނުގެ 47 ޑިސްޓްރިބިއުޝަން ފޮށި ހުރުމަކީ ވެސް އެ މަސައްކަތް ކުރިއަށް ގެންދަން ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ވެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ހަނދާނުގައި 1980ގެ އަހަރުތަކުގެ ކުރީކޮޅު އިމާރާތްކުރި ޒިކުރާ މިސްކިތުގެ އާ އިމާރާތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 25 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިނިސްޓްރީން މިހާރު ބޭނުންވަނީ މިސްކިތް ހަދަން ހަވާލުކުރި އެއްބަސްވުން ބާތިލްކުރާށެވެ. އެކަމާ ގުޅޭގޮތުން އެސްޖޭ ކުންފުންޏާއި މިނިސްޓްރީން އިއްޔެ ބައްދަލުކޮށްފައިވާ ކަމަށް ވެސް ވެ އެވެ.