Roadha Mihaaru
ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

ޒިޔާދުގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

02 ނޮވެމްބަރ 2021

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޒިޔާދުގެ މައްޗަށް ދައުލަތުން ކުރީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މައްސަލައިގަ އެވެ. އޭނާގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އޭރުގެ އެންޑޯސްމަންޓް ސެކްޝަންގެ ކުރީގެ ވެރިިޔާ މ. މުހައްމަދީއާބާދު އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުލަތުން ދައުވާކުރި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެސްޖޭއާ އެކު ހެދި އެއްބަސްވުމުގައި ސޮއިކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަން ހެކިންގެ ބަހުން އެނގޭއިރު، އެއްބަސްވުމުގައި ކުށެއް އޮއްވައި އެއްބަސްވުމުގައި ސޮއިކުރި ކުރުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ޒިންމާއަކީ މަޝްރޫއު ހިންގުން ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ދައުލަތުން އެސްޖޭ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދޭން ޖެހުމުން ދައުލަތަށް ގެއްލުންވި ކަމަށް ދައުލަތުން ބުންޏަސް، އެކަން ސާބިތުނުވާ ކަމަށެވެ. އެހެންވެ، ޒިޔާދާއި އިބްރާހިމް އަބްދުﷲ ސައީދަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެ އެއްބަސްވުން މި ސަރުކާރުން ބާތިލް ކުރުމުން އެ ކުންފުނިން ވަނީ ބަދަލު ހޯދަން ދައުވާކޮށްފަ އެވެ.