Roadha Mihaaru
ޒިޔާދަށް ކުރާ ދައުވާގައި ހެއްކަކު ހާޒިރެއް ނުވި

ޒިޔާދަށް ކުރާ ދައުވާގައި ހެއްކަކު ހާޒިރު ނުވުމުން ބަންދު ކޮށްގެން ވިޔަސް ކޯޓަށް ގެންނަން ނިންމައިފި

07 ސެޕްޓެމްބަރ 2021

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުރާ ދައުވާގައި ދައުލަތުގެ މުހިންމު ހެކިވެރިއަކު ކޯޓަށް ހާޒިރު ނުވުމުން އޭނާ ބަންދު ކޮށްގެން ވިޔަސް، ކޯޓަށް ހާޒިރުކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުރާ ދައުވާގައި ދައުލަތުގެ މުހިންމު ހެކިވެރިއަކު ކޯޓަށް ހާޒިރު ނުވުމުން އޭނާ ބަންދު ކޮށްގެން ވިޔަސް، ކޯޓަށް ހާޒިރުކުރަން ނިންމައިފި އެވެ.

ޒިޔާދުގެ މައްޗަށް، ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލައިގަ އެވެ. ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަންގެ އޭރުގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާ ކުރެ އެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގަން މިއަދު ބޭއްވި އަޑުއެހުމުގައި، އެއް ހެކިވެރިިއަކު ހެކިބަސް ދޭން ބޭނުންނުވާ ކަމަށް ބުނެ ކްރިމިނަލް ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނީ އޭނާ ހާޒިރު ނުވާން ދެއްކީ މަގްބޫލު އުޒުރެއް ނޫން ކަމަށާއި އަދި އޭނާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ބަޔާން ދީފައިވާ މީހަކަށް ވާތީ އޭނާގެ ހެކިބަސް ނެގުން މުހިންމު ކަމަށެވެ. އެހެންވެ، ދައުލަތުން އެދުނީ ބަންދުގައި ބަހައްޓައިގެން ވިޔަސް، އޭނާ ހާޒިރު ކުރުމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ ހެކިވެރިން ކޯޓަށް ހާޒިރު ނުވާ ނަމަ، ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމުގެ ބާރު އޮތަސް، އެގޮތަށް އާންމުކޮށް އަމަލު ނުކުރާ ކަމަށެވެ. އަދި ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރިޔަސް، ގަދަކަމުން ހެކިބަސް ނަގާނީ ކިހިނެތްތޯ ގާޒީ ސުވާލު އުފެއްދެވި އެވެ.

ޒިޔާދާއި އިބްރާހިމްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އެ ހެކިވެރިޔާއަކީ ޒިޔާދާއި އިބްރާހިމްގެ ފަރާތުން ވެސް ދިފާއުގައި ހުށަހަޅާފައިވާ ހެއްކެއް ކަމަށެވެ. އެކަމަކު ހެކިބަސް ދޭން ބޭނުން ނުވާ މީހަކު ގަދަކަމުން ކޯޓަށް ގެނެސްގެން ހެކިބަސް ނެގިދާނެތޯ އޭނާ ވެސް ސުވާލު އުފެއްދެވި އެވެ.

އެކަމަކު ދައުލަތުން ބުނީ ގާނޫނުގައި ނެތަސް، އިސްލާމީ ޝަރީއަތުގައި ހެކިބަސް ދިނުމަކީ ވާޖިބެއް ކަމަށެވެ. އަދި މަގްބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވުމަކީ އަދުލު އިންސާފަށް ހުރަސް އެޅުން ކަމަށާއި އެފަދަ ކަންކަމަށް ފުރުސަތު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ގާޒީ ވިދާޅުވީ އެ ހެކިވެރިޔާ ހާޒިރު ކުރަން ދައުލަތުން ބޭނުންވާތީ އެގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ. އަދިި ބަންދުގައި ބަހައްޓައިގެން ގެންނަން ޖެހިއްޖެ ނަމަ، އެގޮތަށް އަމަލު ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެން ނަމަވެސް ވަކީލް ނޫރު ވިދާޅުވީ އެ ހެކިވެރިޔާގެ ނަން ދިފާއީ ހެކިންގެ ލިސްޓުގައި އޮއްވާ އޭނާ ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަކީ މަޖުބޫރު ކޮށްގެން ހެކިބަހެއް ހޯދަން ފުރުސަތު ލިބޭ ކަމެއް ކަމަށެވެ. އަދި ހެކިވެރިއަކު ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރެވޭނެ ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އޭނާ އެދިވަޑައިގަތީ ބަންދުކޮށްގެން ހާޒިރު ކުރުމުގެ ކުރިން އަމިއްލަ އިހްތިޔާރުގައި ކޯޓަށް އައުމުގެ ފުރުސަތު ދިނުމަށެވެ.

ގާޒީ ވިދާޅުވީ ހެކިވެރިޔާ ބަންދުކުރަން އެންގުމުގެ ކުރިން އޭނާ ހާޒިރުވާން އަންގައި، ޗިޓް ފޮނުވާނެ ކަމަށެވެ.

"އެއްވެެސް ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައެއް ނުދެން"

މިއަދުގެ އަޑުއެހުމުގައި ޒިޔާދާއި އިބްރާހިމްގެ ފަރާތުން އެ ދައުވާއަށް އިންކާރު ކުރެއްވި އެވެ. ވަކީލް ނޫރު ވިދާޅުވީ އެ ދެ ބޭފުޅުން އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރު ނާޖާއިޒް ފައިދާއެއް ހޯދައި ދީފައި ނޯންނާނެ ކަމަށެވެ. އެސްޖޭ ކުންފުންޏާ އެކު ހެދި އެއްބަސްވުމަށް ބަދަލު ގެނައީ އިދާރީ އޮޅުމެއް އޮތުމުން ކަމަށާއި އެއީ ޖިނާއީ ނިޔަތެއްގައި ކުރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބަދަލު ގެނައީ އިސްލާމިކް މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފުންގެ ލަފައާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިކުރާ މިސްކިތުގެ މަޝްރޫއުއަކީ ރައީސް އޮފީހުގެ ނިންމުމަކަށް ހިންގި މަޝްރޫއުއެއް ކަން ފާހަގަ ކުރައްވައި، ވަކީލް ވިދާޅުވީ އެ މަޝްރޫއުއާ ގުޅޭ ހުރިހާ ކަމެއް ނިންމީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގެ ހުއްދަ އޮވެގެން ކަމަށެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަނަކީ ގާބިލް ކުންފުންޏެއްތޯ ބަލައި، އެކަމުގެ ގޮތް ނިންމީ ވެސް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީން ކަމަށް ވަކީލް ވިދާޅުވި އެވެ. އެކަމާބެހޭ ލިޔުންތައް މިހާރު ވެސް ފެންނަން އެބަހުރި ކަމަށް ވަކީލް ވިދާޅުވި އެވެ.

ދެ ހެއްކެއްގެ ހެކިބަސް

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ދެ ހެކިވެރިއެއްގެ ހެކިބަސް ނެގި އެވެ. އިސްލާމިކް މިނިސްޓްރީގައި އޭރު މަސައްކަތްކުރި މުވައްޒަފަކު ހެކިބަސް ދެމުން ބުނީ ޒިކުރާ މިސްކިތުގެ މަޝްރޫއުއާ ގުޅޭ ކަންކަން ކުރިއަށް ގެންދާކަން އޭނާއަށް އޭރު އެނގުނަސް، އެކަމާބެހޭ އިތުރު މައުލޫމާތެއް ނޭނގޭ ކަމަށެވެ. އަދި އުސޫލުތަކާ ޚިލާފަށް ކަމެއް ކުރަން އޭނާއަށް އަންގާފައި ނެތް ކަމަށް އޭނާ ބުންޏެވެ.

އެސްޖޭއާ އެކު ހެދި އެއްބަސްވުން ތަހުލީލުކުރި ފުލުސް މީހާގެ ހެކިބަސް ވެސް މިއަދު ނެގި އެވެ. ހެކިބަސް ދެމުން އެ ފުލުސް މީހާ ބުނީ އެސްޖޭއާ އެކު ހެދި އެއްބަސްވުމުގައި ކޮށްފައިވާ ސޮއިތަކާއި ޒިޔާދާއި އިބްރާހިމްގެ ސޮއި ދިމާވާ ކަމަށެވެ. ސޮއިތައް ދިމާވޭތޯ ބެލީ އެހެން ލިޔުންތަކެއްގައި އެ ދެ ބޭފުޅުން ކޮށްފައި ހުރި ސޮއިތަކެއް އަސްލަކަށް ބަލައިގެން ކަމަށާއި އެގޮތަށް އެކަންކުރީ އޭސީސީގެ އެދުމަކަށް ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

ވަކީލް ނޫރު ވިދާޅުވީ ޒިޔާދާއި އިބްރާހިމްގެ ސޮއިގެ ސާމްޕަލެއް އެ ދެ ބޭފުޅުންގެ އަތުން ހޯދާފައި ނުވާ ކަމަށެވެ. އެހެން ލިޔުންތަކެއްގައި ހުރި އެ ބޭފުޅުންގެ ސޮއިތަކެއް ސާމްޕަލެއްގެ ގޮތުގައި ބެލިއިރު، ސާމަޕްލް ލިޔުންތަކުގައި ހުރީ އަސްލު ސޮއި ކަން ފުލުހުންނަށް އެނގެނީ ކިހިނެތްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ޖަވާބުގައި ފުލުސް މީހާ ބުނީ ސާމްޕަލް ލިޔުންތަކުގައި ހުރީ އެ ބޭފުޅުންގެ ސޮއިކަން ކަށަވަރުނުވާ ކަމަށެވެ.

މިއަދުގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ދިޔަ ވަގުތު ދައުލަތުގެ ވަކީލުން އޮފީހުގައި ތިބެގެން އެހެން މީހުންނާ ވާހަކަ ދައްކާތީ، އެ މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އަޑުއެހުން މެދުކަނޑާލުމަށް ފަހު ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރު ކޮށްގެން ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. އެހެންވެ، ފަހުން އެ އަޑުއެހުން ކުރިއަށް ގެންދިިޔައީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރު ކޮށްގެންނެވެ. އެކަމަށް ދައުލަތުން ފަހުން މައާފަށް އެދުނެވެ.

އެ މައްސަލާގެ ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ހާޒިރު ނުކުރެވުނު ހެކިވެރިޔާގެ ހެކިބަސް ނެގުން ކަން ގާޒީ އިއުލާން ކުރެއްވި އެވެ. އޭގެފަހުން ދިފާއީ ހެކިންގެ ހެކިބަސް ނަގާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެސްޖޭއާ އެކު ހެދި އެއްބަސްވުމުގެ މައްސަލައިގައި ޒިޔާދާއި އިތުރު މީހަކަށް ދައުވާ ކުރާއިރު، މި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެއްބަސްވުން ބާތިލްކުރި މައްސަލައިގައި އެ ކުންފުނިިން ވަނީ ބަދަލު ހޯދަން ދައުވާކޮށްފަ އެވެ.