Roadha Mihaaru
"މިސްކިތު ޕްރޮޖެކްޓްގައި އެސްޖޭއިން ގާނޫނާ ހިލާފުނުވޭ"

ޒިކުރާ މިސްކިތުގެ ޕްރޮޖެކްޓްގައި އެސްޖޭ އިން ގާނޫނާ ޚިލާފެއް ނުވޭ: އެޑްވޮކެސީ ޗެމްބާސް

27 ސެޕްޓެމްބަރ 2020

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރަތްކުރުމަށް ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގެ މަރުހަލާގެ ތެރޭގައި އެ ކުންފުނިން ގާނޫނާ ހިލާފުނުވާ ކަމަށް އެސްޖޭ ކޮންސްޓްރަކްޝަންގެ ލޯ ފާމް، އެޑްވޮކެސީ ޗެމްބާސް އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރަތްކުރުމަށް ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގެ މަރުހަލާގެ ތެރޭގައި އެ ކުންފުނިން ގާނޫނާ ހިލާފުނުވާ ކަމަށް އެސްޖޭ ކޮންސްޓްރަކްޝަންގެ ލޯ ފާމް، އެޑްވޮކެސީ ޗެމްބާސް އިން މިއަދު ބުނެފި އެވެ.

އެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރަތްކުރުމަށް ހަވާލުކުރުމުގެ ތެރޭގައި ކުންފުނީގެ ފަރާތުން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާކަމަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް ނާޖައިޒް ފައިދާ ހޯދައިދިން މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ކުރީގެ ވެރިޔާ މ. މުހައްމަދީއާބާދު އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުވާކޮށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މިއަދު ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.

އެކަމާ ގުޅިގެން އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ޕްރޮޖެކްޓާ ހަވާލުވުމުގެ ކުރިން މިނިސްޓްރީގެ ފަރާތުން ހޯދަންޖެހޭ ހުއްދަތައް ހޯދާފައިވޭތޯ އެސްޖޭ އިން ބެލި ކަމަށެވެ. ބިޑްކުރުމަކާ ނުލައި ޕްރޮޖެކްޓް އެވޯޑުކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން މާޗު 15، 2018 ގައި މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ހުއްދަތައް ހޯދުމަށް ރައީސް އޮފީހުގައި އެދުމުން، ރައީސް އޮފީހުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދާފައިވާ ކަމަށް ބުންޏެވެ.

ޕްރޮޖެކްޓަށް ހުށަހެޅި ޕްރޮޕޯޒަލްތައް ބެލުމަށްފަހު ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ދައުލަތަށް އެންމެ ފައިދާހުރި އަދި ބަޖެޓަށް ބުރަ ބޮޑު ނުވާގޮތަށް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ކަމަށް ބަޔާންކޮށްފައިވާ ކަމަށާ އަދި އެ ކުންފުންޏަކީ ހައުސިން ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ކެޓަގަރީގައި އަންލިމިޓެޑުކޮށް ބިޑްކުރެވޭގޮތަށް ކެޓަގަރައިޒްކޮށްފައިވާ ކުންފުންޏެއް ކަމަށް ވެސް ބަޔާނުގައި ފާހަގަކުރި އެވެ.

އެސްޖޭ ކޮންސްޓްރަކްޝަނަކީ 2016 އަދި 2017 ވަނަ އަހަރު 200 މިލިއަން ރުފިޔާގެ އަގުހުރި ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް ކާމިޔާބުކަމާ އެކު ނިންމާފައިވާ ކުންފުންޏެއް ކަމާއި އެ ޕްރޮޖެކްޓް އެވޯޑުކުރުމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ހުށަހެޅުމަށް، ފިނޭންސް މިނިސްޓްރީން، އިސްލާމިކް މިނިސްޓްރީގައި އެދިފައިވާ ކަމަށާއި މިނިސްޓްރީގެ ފަރާތުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ޕްރޮޖެކްޓް ކުރިއަށްގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅުމުން މެއި 31، 2018 ގައި ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި ޒިކުރާ މިސްކިތުގެ ޕްރޮޖެކްޓް އެސްޖޭ ކޮންސްޓްރަކްޝަނަށް އެވޯޑުކުރަން ނިންމާފައިވާކަން ޖޫން 3، 2018 ގައި ރައީސް އޮފީހުން އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.

"ޕްރޮޖެކްޓުގެ މަސައްކަތްކުރުމަށް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ޖުލައި 9، 2018 ގައި ވެފައިވާ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރީގައި އެންމެހައި ކަންކަން އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުުން ކަށަވަރުކޮށްފައި އޮތުމުން، މި ޕްރޮޖެކްޓު އެވޯޑުކޮށްފައިވަނީ މާލިއްޔަތު ގާނޫނާ ގަވާއިދާ އެއްގޮތަށްކަން ޕްރޮޖެކްޓު އެވޯޑުކުރުމުގެ ކުރީގައި އެސްޖޭ ކޮންސްޓްރަކްޝަން އިން ކަށަވަރުކޮށްފައިވާކަން މި ލޯފާމަށް ގަބޫލުކުރެވެ އެވެ،" އެޑްވޮކެސީ ޗެމްބާސް އިން ބުންޏެވެ.

ބަޔާނުގައި ބުނީ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ވާދަވެރި ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރިއަސް ކުރީގެ ސަރުކާރުން އަދި މި ސަރުކާރުން ވެސް ބިޑްކުރުމަކާ ނުލައި ސިންގަލް ސޯސްކޮށް ގިނަ ޕްރޮޖެކްޓުތަކެއް ހަވާލުކޮށްފައިވާއިރު، ޒިކުރާ މިސްކިތް ހެދުމުގެ މަޝްރޫއު ވެސް ހަވާލުކޮށްފައިވަނީ ސިންގަލް ސޯސްކޮށް ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ތެރެއިންކަމަށް އެ ލޯފާމުން ބެލި ބެލުމުން ކަށަވަރުވާ ކަމަށެވެ.

އެސްޖޭ ކޮންސްޓްރަކްޝަން އިން ގާނޫނާ ހިލާފު ކަންތައްތަކެއް ކޮށްފައިވާކަމަށް ދައްކައި އެ ކުންފުނީގެ ނަމަށް ހުތުރުވާ ގޮތަށް ވާހަކަދައްކަމުންދާއިރު، ކަމުގެ ހަގީގަތް ހޯދުމަކާ ނުލައި އެފަދަ ފަރާތްތަކުން ދައްކާ ވާހަކަތައް ގަބޫލުނުކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން އެޑްވޮކެސީ ޗެމްބާސް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.