Roadha Mihaaru
އެސްޖޭއާ އެކު ބައިވެރިވި ކުންފުންޏެއްގެ މައްސަލަތަކެއް!

ޒިކުރާ މިސްކިތުގެ މައްސަލަ: އެސްޖޭއާ އެކު ބައިވެރިވި ކުންފުންޏެއްގެ ތަހުގީގު ހިންގަން ލަފާ ދީފި

27 ސެޕްޓެމްބަރ 2020

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ކުރި މުއާމަލާތުގައި ބައިވެރިވި ޑަބްލިއު އެންޑް އޭ އޯވަސީސް އާއި އެ ކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުސް އޮފީހަށް ހުށަހެޅުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލަފާ ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ކުރި މުއާމަލާތުގައި ބައިވެރިވި ޑަބްލިއު އެންޑް އޭ އޯވަސީސް އާއި އެ ކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުސް އޮފީހަށް ހުށަހެޅުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލަފާ ދީފި އެވެ.

ޒިކުރާ މިސްކިތް އަޅަން އެސްޖޭއާ ހަވާލުކުރުމުގައި އެ ކުންފުންޏަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގުކޮށް ޕީޖީ އަށް ހުށަހެޅުމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދާއި އެންޑޯމަންޓް ސެކްޝަނުގެ ކުރީގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.

ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި މައްސަލައިގައި އެ ދެ މީހުންނަށް ދައުވާ އުފުލުމުގެ އިތުރުން އެ މައްސަލައިގައި ފާހަގަވި ބައެއް ކަންކަން ޕީޖީ އޮފީހުން ވަނީ އޭސީސީ އަށް ހުށަހަޅައިފަ އެވެ.

އެ އޮފީހުން ބުނީ ޒިކުރާ މިސްކިތުގެ މުއާމަލާތުގެ އެކި މަރުހަލާތަކުގައި ޑަބްލިއު އެންޑް އޭ އޯވަސީސް ޕީޓީއީ ބައިވެރިވެފައިވާ ކަމަށެވެ. އެ މުއާމަލާތްތަކުގައި، އެ ކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނަ ކަމަށެވެ. ތަފްސީލެއް ނުދެ އެވެ.

ޕީޖީ އޮފީހުން އޭސީސީ އަށް ލަފާ ދިނީ އެބައި ތަހުގީގު ކުރަން ފުލުސް އޮފީހަށް ހުށަހެޅުމަށެވެ.

ސިންގަޕޫރުގެ ޑަބްލިއު އެންޑް އޭ އޯވަސީސް އަކީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އެމްޕީއެލްގެ ޓަވަރުތައް އަޅާ ކުންފުންޏެވެ.

މީގެއިތުރުން، އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައި ނުވާ މައުލޫމާތުތަކެއް އެސްޖޭ އަށް ލިބުނު ކަމަށް ލިޔެކިޔުންތަކުން ފެންނަން އޮތް މައްސަލަ ވެސް ތަހުގީގު ކުރަން ހުށަހަޅަން ޕީޖީ އޮފީހުން ވަނީ ލަފާ ދީފަ އެވެ. އެއީ، އެކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫން ކަމާ މެދު ގޮތެއް ނިންމުމަށެވެ.

މިނިސްޓަރު ކަމުގައި ޒިޔާދު ހުންނެވިއިރު "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރި އަށް އެ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 2018 ގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމީ ސަރުކާރުންނެވެ.

ކުރީގެ ސަރުކާރުން ވަނީ އެ ފައިސާ ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފަ އެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުން މި ސަރުކާރުން އޮތީ ބާތިލްކޮށްފަ އެވެ. އެ މައްސަލައިގައި 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.