01 އެޕްރީލް 2021
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދެވަނަ ފަހަރަށް ހައްޔަރުކޮށް، ބަންދުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދެވަނަ ފަހަރަށް ހައްޔަރުކޮށް، ބަންދުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
މާޗް، 2017 ގައި ނަގަން އޭރުގެ އިދިކޮޅު ފަރާތްތައް ގުޅިގެން ނަގަން އުޅުނު މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ރިޝްވަތުގެ ތުހުމަތެއްގައި ފާރިސް ހަ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ޖެނުއަރީ، 2018 ގައި ޝަރުތުތަކާ އެކު ކޯޓުން ދޫކޮށްލި އެވެ. އެކަމަކު އޭގެ ތިން ދުވަސް ފަހުން އެހެން ތުހުމަތެއްކޮށް، ފާރިސް ހައްޔަރުކުރި އެވެ. ދެވަނަ ފަހަރަށް އޭނާގެ މައްޗަށް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން މެމްބަރުންނަށް ނުފޫޒު ފޯރުވަން ގާނޫނާ ޚިލާފު ކަންތައްތަކެއް ކުރިކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އޭރު އަމުރުކުރި އެވެ.
ދެވަނަ ފަހަރަށް ބަންދުކުރި މައްސަލަ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސްގެ ފަރާތުން އިސްތިއުނާފު ކުރިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ފާރިސް ބަންދުކުރީ އޭނާއާ ދެކޮޅަށް ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ހުރުމުން ކަމަށެވެ. އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މެމްބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުންޏަސް، އެއީ މެމްބަރަކު ހައްޔަރުކުރުން އެއްކޮށް މަނާކުރާ ކަމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ފާރިސް ހައްޔަރު ކުރުމުގެ އަމުރު ނެރުމާއި ހައްޔަރު ކުރުމަށް ފަހު ފުލުހުން އަމަލު އަމަލު ކޮށްފައިވަނީ ވެސް ޖިނާއީ އިޖްރައާތުގެ ގާނޫނާ އެއްގޮތަށް ކަމަށެވެ. ފާރިސްގެ ބަންދު މުއްދަތު މަޖިލިސް ސިއްރު ކޮށްގެން ކުރިއަށް ގެންދިއުމުގައި ވެސް މައްސަލައެއް ނެތް ކަމަށާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރިތާ ހަފުތާއެއް ނުވާ ފަނޑިޔާރަކު ފާރިސްގެ ހައްޔަރު އަމުރާއި ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުމަކީ ވެސް ގާނޫނީ ހުރަހެއް އޮތްކަމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފާރިސް ދެވަނަ ފަހަރަށް ބަންދުކުރަން ނެރުނު އަމުރު ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.
ފާރިސް ދެވަނަ ފަހަރަށް ހައްޔަރުކޮށް، 15 ދުވަހަށް ބަންދުގައި ބަހައްޓާފައި ވަނިކޮށް ފެބްރުއަރީ 1، 2018 ގެ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ބަންދުން ދޫކޮށްލި އެވެ. އޭގެ ދެ ދުވަސް ފަހުން އަނެއްކާވެސް އޭނާ ހައްޔަރުކޮށް، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާޗް، 2018 އާ ހަމައަށް ބަންދުގައި ބެހެއްޓި އެވެ. އޭގެ ފަހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއްގެ ދަށުން ސެޕްޓެމްބަރު، 2018 ގެ ރިޔާސީ އިންތިޚާބު ނިމުމާ ހަމައަށް ފާރިސް ޖަލުގައި ބެހެއްޓި އެވެ.
ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެެ ޓެރަރިޒަމްގެ ދައުވާ އުފުލައި، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރި މައްސަލައެއްގައި ޝަހްސު އޮޅުވައިލުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް އޭނާ ޖަލަށްލާން ހުކުމްކުރި އެވެ. އޭނާގެ ޖަލު ހުކުމް ހައި ކޯޓުން ފަހުން ބާތިލްކުރި އެވެ. ރިޝްވަތުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ ދައުލަތުން ފަހުން އަނބުރާ ގެންދިޔަ އެވެ.
"ފާރިސްގެ ފޯނު ދެވަނަ ފަހަރަށް ހިފެހެއްޓީ ގޯސްކޮށް"
ފާރިސް ބަންދުކުރި މައްސަލަ ހުކުމާ ހަމައަށް
"ފާރިސަށް ކުރީ ދެސުވާލު، މައްސަލަ އޮތީ އުފައްދާފައި"
ފާރިސް ޝަރީއަތް ނިމެންދެން ބަންދަށް
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު ރަނގަޅު: ހައިކޯޓު
ފާރިސް ބަންދުގައި ބެހެއްޓީ ގޯސްކޮށް: ހައި ކޯޓް
ފާރިސް ދެވަނަ ފަހަރަށް ހައްޔަރުކުރި އަމުރަށް ތާއީދު
3 އަހަރު ކުރިން ފާރިސް ހައްޔަރުކުރި މައްސަލަ ނުނިމި
ފާރިސްގެ ރިޝްވަތުގެ މައްސަލަ ބޭރުކޮށްލައިފި
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް