03 ފެބުރުއަރީ 2021
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައި މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައި މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ޖުލައި، 2017 ގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފާރިސް ހައްޔަރުކުރީ މަޖިލީހުގެ އޭރުގެ ރައީސް އަބްދުުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހަ މަސް ވަންދެން ޖަލުގައި ބެހެއްޓި އެވެ. އެ މައްސަލާގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ ގޯސްކޮށް ކަމަށް ދާދި ފަހުން ހައި ކޯޓުން ވަނީ ނިންމައިފަ އެވެ.
ފާރިސް ހައްޔަރުކުރުމުގެ އަމުރު އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ފާރިސް ހައްޔަރުކުރަން ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރި ކަމަށެވެ. އަދި އޭނާ ހައްޔަރުކުރަން ޖެހޭ ސަބަބެއް ވެސް އޮތުމުން ހައްޔަރުކުރުމުގެ އަމުރު ނެރުނީ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މެމްބަރުން ހައްޔަރުކުރުމުގައި އަމަލުކުރަން ޖެހޭ އިޖުރާއާތު ފުރިހަމަ ކުރުމަށް ފަހު ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ހުކުމުގައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މެމްބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮތަސް، އެ ހާލަތުގައި މެމްބަރުން ހައްޔަރުކުރުން އެއްކޮށް މަނާ ނުވާނެ ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ އެ މާއްދާގެ ބޭނުމަކީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް މެމްބަރުން ޖަލްސާތަކަށް ނުދެވޭނެހެން ހައްޔަރުކުރުން މަނާކުރުން ކަމަށެވެ. ނަމަވެސް އެ މާއްދާ އޮތް ގޮތުން މެމްބަރުން ހައްޔަރުކުރުމުގެ އަމުރު ނެރެން އޭގެ ޒާތުގައި ހުރަހެއް ނެތް ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އަޣުލަބިއްޔަތުން ނިންމީ ފާރިސް ހައްޔަރުކުރަން ކްރިމިނަލް ކޯޓުން މީގެ ތިން އަހަރު ކުރިން ނެރުނު އަމުރު ރަނގަޅު ކަމަށެވެ.
ރިޝްވަތުގެ ތުހުމަތުގައި ހަ މަސް ވަންދެން ޖަލުގައި ބެހެއްޓުމަށް ފަހު ފާރިސް ޖެނުއަރީ 2018 ގައި ދޫކޮޮށްލުމާ އެކު އޭގެ ދެ ދުވަސް ފަހުން އަނެއްކާވެސް ރިޝްވަތުގެ އެހެން ތުހުމަތެއްގައި ހައްޔަރުކުރި އެވެ. އަދި ފަހުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބަންދުކޮށް، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ވެސް ކުރި އެވެ. އެކަމަކު ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތުގެ ދައުވާތައް ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ކުށެއްގައި ފާރިސް ހަތަރު މަހަށް ޖަލަށް ލާން ކުރިން ހުކުމްކުރި އެވެ. އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
"ފާރިސްގެ ފޯނު ދެވަނަ ފަހަރަށް ހިފެހެއްޓީ ގޯސްކޮށް"
ފާރިސް ދެވަނަ ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓު
ފާރިސް ދެވަނަ ފަހަރަށް ހައްޔަރުކުރި އަމުރަށް ތާއީދު
ފާރިސް ބަންދުކުރި މައްސަލަ ހުކުމާ ހަމައަށް
3 އަހަރު ކުރިން ފާރިސް ހައްޔަރުކުރި މައްސަލަ ނުނިމި
ދައުލަތުން ހުށަހެޅި މެމްބަރު ފާރިސްއާ އެއްކޮޅަށް
"މެމްބަރުންގެ މައްސަލަ ހިނގަނީ ސިޔާސީ މަގްސަދެއްގައި"
"ފާރިސަށް ކުރީ ދެސުވާލު، މައްސަލަ އޮތީ އުފައްދާފައި"
ފާރިސް ބަންދުކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފަށް
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު އިސްތިއުނާފަށް