ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް ބުނެ، ރިޝްވަތު ލިބުނު ކަމަށް ބުނާ މަޖިލީހުގެ މެމްބަރު ކްރިމިނަލް ކޯޓުގައި މިއަދު ފާރިސްއާ އެއްކޮޅަށް ހެކިބަސް ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް ބުނެ، ރިޝްވަތު ލިބުނު ކަމަށް ބުނާ މަޖިލީހުގެ މެމްބަރު ކްރިމިނަލް ކޯޓުގައި މިއަދު ފާރިސްއާ އެއްކޮޅަށް ހެކިބަސް ދީފި އެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ފާރިސްގެ މައްޗަށް ދައުލަތުން ދައުވާކުރީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރަން ފާރިސްގެ ފަރާތުން މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ އެވެ. ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ދިން އެ މެމްބަރުގެ ނަން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅީ ފާރިސްގެ ފަރާތުން ރިޝްވަތު ހުށަހެޅިކަން ސާބިތު ކުރުމަށެވެ.
ކޯޓުގައި ހެކިބަސް ދެމުން އެ މެމްބަރު ބުނިގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރީ ފާރިސްގެ ފަރާތުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ހޯދައިގެން ނޫން ކަމަށާއި އެފަދަ ގޮތަކަށް ފައިސާއެއް ހޯދަން އެދިފައި ވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލާގައި އޭނާ ސޮއިކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމަކަށް ކަމަށާއި އެ ލިޔުމުގައި ސޮއިކުރީ ފާރިސްގެ ހާޒިރުގައި ކަމަށް އޭނާ ބުންޏެވެ. އެކަަމަކު އޭނާ ނިސްބަތްވާ ޕާޓީން އެކަމާ ދެކޮޅު ހަދާކަން އެނގުނު ހިސާބުން އޭނާގެ ނަން އެއިން އުނިކުރަން އެދިފައިވާނެ ކަމަށް ހެކިބަސް ދެމުން އޭނާ ބުންޏެވެ.
އެ މެމްބަރު ވިދާޅުވުމުން، ރިޝްވަތުގެ މުއާމަލާތުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ކަމަށް ދައުލަތުން ތުހުމަތު ކުރާ އަހުމަދު ޝާފިއުއާ ދެކޮޅަށް ތަހުގީގަށް ބަޔާނެއް ދީފައިވާނެތޯ ދައުލަތުން ސުވާލުކުރި އެވެ. ޖަވާބުގައި އޭނާ ބުނީ އެފަދަ ބަޔާނެއް އޭރު ތަހުގީގަށް ދިނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭނާ ސޮއިކުރަން އިން ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޝާފިއު އާންމު ކުރުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ. އެކަމަކު މިހާރު ޝަރީއަތުގައި މާތްﷲ ގަންދީ ހުވާކޮށްގެން ހުރެ ހެކިބަސް ދެނީ ތެދު ބަހުން ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން އެ ޕެޓިޝަންގައި ސޮއިކުރި ފަހުން ފާރިސްއާ އެއްވެސް ވަރަކަށް ބައްދަލު ނުވާ ކަމަށާއި ދެ މީހުންގެ ދެމެދުގައި އެއްވެސް ވާހަކަައެއް ވެސް ނުދެކެވޭ ކަމަށް އޭނާ ބުންޏެވެ.
ސޮއިކުރި ކުރުމާ ގުޅިގެން އެއްވެސް އެއްޗެއް އެ މެމްބަރަށް ލިބިފައިވޭތޯ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ސުވާލު ކުރެއްވުމުން ވެސް، އޭނާ ބުނީ އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށާއި އޭގައި ސޮއިކުރީ ހަމައެކަނި މައުމޫންގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ މައުމޫނަކީ އޭނާ ވަރަށް އިހްތިރާމް ކުރާ ބޭފުޅެއް ކަމަށްވާތީ އެވެ.
އޭނާ ބުނިގޮތުގައި ޝާފިއު އަކީ އޭނާގެ ގާތް ރަހުމަތްތެރިއެކެވެ. އެހެންވެ، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ފައިސާ ބޭނުންވާތީ އެކަމާ ގުޅޭގޮތުން ޝާފިއުއާ ދެ މީހުން ވާހަކަ ދެއްކި ކަމަށް އޭނާ ބުންޏެވެ. އެކަމާ ގުޅިގެން ފައިސާގެ ބައެއް އެހީ ޝާފިއު ހޯދައިދިން ކަމަށާއި އެކަމަކު އެއްވެސް ލިޔުމެއްގައި ސޮއިކުރަން ޝާފިއު އެދިފައިނުވާ ކަމަށް އޭނާ ބުންޏެވެ.
އެ މެމްބަރު އެގޮތަށް ހެކިބަސް ދިނުމުން ފާރިސްގެ ވަކީލުން އެދުނީ ވަގުތުން އެ މައްސަލަ ބާތިލްކޮށް ދިނުމަށެވެ. މުޅި އެ މައްސަލަ ބިނާކޮށްފައިވަނީ އެ މެމްބަރު ބުނާ ބުނުމެއްގެ މައްޗަށް ކަމަށާއި އެކަމަކު އެއީ ހަގީގަތެއް ނޫންކަން މިހާރު ހާމަވެފައިވާތީ އެ މައްސަލަ ބާތިލް ކުރަން އެދޭ ކަމަށް ފާރިސްގެ ވަކީލުން ތަކުރާރުކޮށް ބުންޏެވެ.
އެކަމާ ގުޅިގެން ގާޒީ ހައިލަމް ވިދާޅުވީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ ދައުލަތުން ފާރިސްއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހެޅި ދެ ލިޔުމެއް ބަލައިނުގަނެވޭނެ ކަމަށް ނިންމައިފަ އެވެ. ބަލައިނުގަތުމަށް ނިންމީ ފާރިސް ދިރިއުޅުއްވާ ގެއިން ފެނުނު ކަމަށް ބުނާ ކަރުދާސް ގަނޑަކާއި މަސީހުގެ އިތުބާރު ނެތްކަމަށް އޭރު މަޖިލީހަށް ހުށަހެޅި ޕެޓިޝަނެވެ.
އެ ދެ ލިޔުން ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ގާޒީ ހައިލަމް ނިންމެވީ ހެކި ހާމަ ކުރުމުގެ މަރުހަލާގައި ދައުލަތުން އެ ދެ ލިޔުން ހުށަހަޅާފައި ނެތުމުންނެވެ. ފަހުން ހާމަވާ ހެކިތައް ފިޔަވައި އެހެން ހެކިތަކަކީ ހެކި ހާމަ ކުރުމުގެ މަރުހަލާގައި ހުށަހަޅަންޖެހޭ ހެކިތައް ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ އެ ދެ ލިޔުން ހެއްކެއްގެ ގޮތުގައި ދައުލަތުން އޭރު ފާހަގަ ކޮށްފައިނުވާ ކަމަށެވެ.
ފާރިސް ދިރިއުޅުއްވާ ގެއިން ފެނުނީ މަޖިލީހުގެ ބައެއް މެމްބަރުންގެ ނަން ލިޔެފައިވާ ގަނޑެކެވެ. އެ ގަނޑަކާ ގުޅިގެން، އެ ގެ ފާސްކުރި ތިން ފުލުހަކު ދައުލަތުން އޮތީ ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ. އެ ފުލުހުންގެ ހެކިބަސް ނަގަން މިއަދު ހަމަޖައްސާފައި އޮތަސް، އެ ގަނޑު ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ކޯޓުން ނިންމާފައިވާތީ ދައުލަތުން ބުނީ އެ ތިން ފުލުހުންގެ ހެކިބަސް ނަގަން މިހާރު ބޭނުން ނުވާ ކަމަށެވެ.
މީގެ އިތުރުން ރިޝްވަތުގެ މުއާމަލާތުގެ މެދުވެރިއެއްގެ ރޯލު އަދާކުރި ކަމަށް ބުނާ ޝާފިއުގެ ހެކިބަސް ވެސް ނަގަން ބޭނުންވާ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު ފާރިސްގެ ވަކީލުން އެކަމަށް ދެކޮޅު ހެދި އެވެ. ސަބަބެއްގެ ގޮތުގައި ފާރިސްގެ ވަކީލުން ބުނީ ޝާފިއުގެ ނަން ހެއްކެއްގެ ގޮތުގައި ކުރިން ދައުލަތުން ހުށަހަޅާފައި ނެތް ކަމަށާއި އޭރު ހުށަހެޅީ އޭނާ ތަހުގީގަށް ދިން ބަޔާނެއް ކަމަށެވެ. އެހެންވެ ޝާފިއުގެ ހެކިބަސް ނުނެގޭނެ ކަމަށް ފާރިސްގެ ވަކީލުން ބުންޏެވެ،
އެ މައްސަލާގެ އިތުރު އަޑުއެހުމެއް މާދަމާ ވެސް ބާއްވާނެ އެވެ.
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ފާރިސަށް ކުރާ ދައުވާ ރިޝްވަތު ހުށަހެޅުމަށް ބަދަލުކޮށްފި
"ނިންމީ ރައީސަކަށް އިބޫ، ނައިބަކަށް ފާރިސް ގެންނަން"
އަޅުގަނޑު މިހުރީ ގަދަކޮށް، ދޫނުދެއްވާތި: ފާރިސް
ފާރިސް ބަންދުކުރި މައްސަލަ އިސްތިއުނާފް ކުރަނީ
ފާރިސް ހައްޔަރުކުރީ ހެއްކެއް ގަރީނާއެއް ނެތި: މައުމޫން
ފާރިސް އަކީ ހިތްވަރުގަދަ މީހެއް: މައުމޫން
ވޯޓު "މިނިވަނެއް ނޫން"، ސަރުކާރު "ބަލިވެއްޖެ"!
މިނިވަން ވޯޓަކަށް ދާން ސަރުކާރުން ޖެހިލުންވޭ: މައުމޫން