Roadha Mihaaru

ފާރިސް ޖަލުގައި އަހަރެއް، އެކަމަކު އޭނާގެ އިސްލާހީ މަސައްކަތް ކުރިއަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި ގެންގުޅޭތާ މިއަދު އަހަރެއް ވީ އިރު، އޭނާގެ އިސްލާހީ މަސައްކަތް ހަމަ ކުރިއަށް ދާ ކަމަށް، އިދިކޮޅު ޕާޓީތަކުން ރޭ ބުނެފި އެވެ.

ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

18 ޖުލައި 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި ގެންގުޅޭތާ މިއަދު އަހަރެއް ވީ އިރު، އޭނާގެ އިސްލާހީ މަސައްކަތް ހަމަ ކުރިއަށް ދާ ކަމަށް، އިދިކޮޅު ޕާޓީތަކުން ރޭ ބުނެފި އެވެ.

ފާރިސްގެ މައްޗަށް ދެ ދައުވާއެއް މިހާރު ކުރެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާ އާއި މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ކުރާ ޓެރަރިޒަމްގެ ދައުވާ އެވެ. އޭގެ އިތުރުން އޭނާގެ މައްޗަށް އުފުލި ޝަހްސު އޮޅުވައިލުމުގެ ދައުވާ ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އެ ހުކުމް އައި އިރު ފާރިސް ބަންދުގައި ހުންނަވާތާ އެއަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނީ ފާރިސް ހައްޔަރުކުރީ އިސްލާހީ މަސައްކަތަށް ހުރަސް އަޅަން ކަމަށެވެ. ފާރިސް ނުކުންނެވީ ސަރުކާރުން ހިންގަމުން ދިޔަ ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ހުއްޓުވަން ކަމަށާއި އެ އަޑުތައް ކަނޑުވާލުމުގައި ސަރުކާރުގެ މަގްސަދު ހާސިލް ނުވި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިސްލާހީ މަސައްކަތުގެ ފޮނިމީރު ކަމުގެ ރަހަ ދިވެހިން ދެކެން ފާނެ ކަމަށެވެ.

އިސްލާހީ މަސައްކަތުގައި ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި މެމްބަރުންނަކީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި އިދިކޮޅު 12 މެމްބަރުން ކަމަށާއި އެ ދުވަހު އިސްލާހީ މަސައްކަތްތައް ނުފެށި ނަމަ މިއަދު ރާއްޖެ އޮތް ހާލަތު ދެނެގަންނަން އުނދަގޫ ވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"އިސްލާހީ މަސައްކަތުގެ އެއް މޭސްތިރި ކަމުގައިވާ ފާރިސް އިސްވެ ހުންނަވައިގެން ފެއްޓެވި މަސައްކަތްތަކުގެ ނަތީޖާ ނުކުންނަ ދުވަސް މިއަދު މިވަނީ ފެންނަ ހިސާބުގަ އެވެ،" ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ ގުޅިގެން ރިޔާސީ އިންތިހާބަށް ނުކުންނަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ރަނިން މޭޓު ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ހޮވަން ހުރިހާ ރައްޔިތުން އަތުކުރި އޮޅާލަން ގޮވާލައިފަ އެވެ. އަދި ކުރިމަތީގައި އޮތް ބޮޑެތި އެތައް ހުރަސްތަކާ އެކު ވެސް މަސައްކަތް ކާމިޔާބު ކުރަން އިތުރު ހިތްވަރެއްލާން ބަޔާނުގައި އެދުނެވެ.

"ފާރިސް އެ ހުންނެވީ އެ ހިތްވަރުގަ އެވެ. އާއިލާއާ ދުރުގައި ހާއްސަކޮށް، ދަރިފުޅާ ދުރުގައި ހުންނަން ޖެހުނު ނަމަވެސް، މިއަދު ވެސް އޭނާގެ ވިސްނުމާއި ފިކުރު ހިންގަވަނީ ދިވެހިންނަށް ޖެހިފައިވާ މުސީބާތުން ދިވެހިން ސަލާމަތްކޮށް ދިނުމަށެވެ. އެ އަޒުމުގައި ފާރިސް އެވަޑައިގަންނަވަނީ ކުރިއަށެވެ. އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހުމެއް ނެތެވެ،" ބަޔާނުގައިވެ އެވެ.

ފާރިސްގެ އިތުރުން ކުރީގެ ރައީސް މައުމޫން ވެސް ހުންނެވީ ޖަލުގައި ބަންދުކޮށްފަ އެވެ.