Roadha Mihaaru
މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި

މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި

14 ޖޫން 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި ފަހުން މައުމޫން މިއަދާ ހަމައަށް ވެސް ހުންނެވީ ފުލުހުންގެ ބަންދުގައި ދޫނިދޫގަ އެވެ. މާފުށީ ޖަލަށް އެމަނިކުފާނު ބަދަލުކުރީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުންޏެވެ.

މާފުށީ ޖަލަށް މިއަދު ބަދަލުކުރީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށެވެ. ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި އެމަނިކުފާނުގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އެ ހުކުމުގައިވަނީ ބާތިލް ކޮށްފަ އެވެ.

އެ މައްސަލާގައި މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ޖަލު ހުކުމް ވަނީ އިއްވައިފަ އެވެ. އެކަމަކު އެ ދެ ބޭފުޅުން ކުރިން ވެސް ތިއްބެވީ މާފުށީ ޖަލުގަ އެވެ.