Roadha Mihaaru
މޮރީނިއޯ އަށް ޕްރެޝަރާއި އޮކްސިޖަން ހަމަހަމަ

މޮރީނިއޯ އަށް ޕްރެޝަރާއި އޮކްސިޖަން ހަމަހަމަ

27 ފެބުރުއަރީ 2021

ލަންޑަން (ފެބްރުއަރީ 27) - ކޯޗުންގެ ވަޒީފާގައި ޕްރެޝަރު އޮންނަން ޖެހޭ ކަމަށާއި އޭނާގެ ނަަޒަރުގައި އެއީ އޮކްސިޖަން ލިބުން ކަހަލަ ކަމެއް ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ލަންޑަން (ފެބްރުއަރީ 27) - ކޯޗުންގެ ވަޒީފާގައި ޕްރެޝަރު އޮންނަން ޖެހޭ ކަމަށާއި އޭނާގެ ނަަޒަރުގައި އެއީ އޮކްސިޖަން ލިބުން ކަހަލަ ކަމެއް ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން ޓޮޓެންހަމް ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވިއިރު، އެ ޓީމު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމާ ދެމެދު 23 ޕޮއިންޓުގެ ފަރަގެއް ވެ އެވެ. އަދި ހަަތަރު ވަނައިގައި އޮތް ވެސްޓް ހޭމާއި ޓޮޓެންހަމާ ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް އަރަ އެވެ. މި ނަތީޖާތަކާ އެކު ޓޮޓެންހަމްގެ ކޯޗުގެ މަގާމުގައި ދެމިހުންނަން މޮރީނިއޯ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

އެކަމަކު މޮރީނިއޯ ބުނީ އޭނާ ކަންބޮޑުވާ ހިސާބަށް އެންމެ ފަހުން ކަންތައްތައް ދިޔައީ 2018 ގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ފަހުން ޓީމަކާ ހަވާލުނުވެ ހުރި މުއްދަތުގައި ކަމަށެވެ.

"ހަގީގަތުގައި މައްސަލައަކަށް ވާނީ [ޓީމަކާ ހަވާލުވެ ހުންނައިރު] ޕްރެޝަރެއް ނެތުން. އަހަންނަށް އެކަމަކީ [ޕްރެޝަރަކީ] އޮކްސިޖަން ކަހަލަ ކަމެއް. އެއީ އަހަރެމެންގެ ދިރިއުޅުމުގައި [ކޯޗުންގެ ދިރިއުޅުން] ކަންތައް އޮންނަ ގޮތް،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކޮންމެ ކޯޗެއް ވެސް ޓީމަކާ ހަވާލުވާނީ ހާސިލްކުރާނެ އަމާޒުތަކެއް ބާއްވައިގެންނެވެ. އެހެންކަމުން އެހެންވުމާ އެ އަމާޒުތައް ހާސިލްވަންދެން ޕްރެޝަރު އޮންނާނެ ކަމަށް އޭނާ ބުންޏެވެ.

"ދުނިޔޭގެ ކޮންމެ ޓީމަކާ ހަވާލުވެ ހުރި ކޮންމެ ކޯޗަކަށް ވެސް އޮންނާނެ ޕްރެޝަރެއް. ޖެހޭނީ އެއަށް ހޭނިގެން މަސައްކަތްކުރަން. ޕްރެޝަރު ތެރޭގައި މަސައްކަތްކޮށްގެން ކުރިއެރުން ލިބޭނީ ވެސް،" ކުރިން ޗެލްސީގެ ކޯޗުކަން ވެސް ކުރި މޮރީނިއޯ ބުންޏެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ނޮވެމްބަރު 2019 ގަ އެވެ. މޮރީނިއޯގެ ކޯޗިން ކެރިއަރުގެ ފުރަތަމަ 50 ލީގު މެޗަށް ފަހު އެންމެ ރެކޯޑް ދަށީ ވެސް މިހާރު ޓޮޓެންހަމްގައި ހުރެ ނެރޭ ނަތީޖާތަކުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލީވީއާ އެކު އެ ކްލަބްގެ ބޯޑު މެމްބަރުން ދާދި ފަހުން ވަނީ މޮރީނިއޯގެ މުސްތަގުބަލާ ބެހޭ ގޮތުން ވާހަކަ ދައްކަން ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ނިންމީ މޮރީނިއޯއާ މެދު ގޮތެއް ނިންމަން މި ސީޒަނުގެ ނިޔަލަށް މަޑުކުރާށެވެ. އެއީ ސީޒަނުގެ މެދުތެރެއިން މޮރީނިއޯ ވަކިކުރާ ނަމަ އޭނާ އަށް މާލީ ބޮޑު ބަދަލެއް ދޭން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި އޮތުމުންނެވެ. އެއްބަސްވުމުގައިވާ ގޮތުން ސީޒަނެއްގެ މެދުތެރެއިން ވަކިކުރާ ނަމަ އޭނާ އަށް 30 މިލިއަން ޕައުންޑް ދޭން ޖެހެ އެވެ.