Roadha Mihaaru
މޮރީނިއޯ ވަކިކުރާނަމަ ބޮޑު ބަދަލެއް ދޭން ޖެހޭ

މޮރީނިއޯ ވަކިކުރާނަމަ ޓޮޓެންހަމުން ބޮޑު ބަދަލެއް ދޭން ޖެހޭ

22 ފެބުރުއަރީ 2021

ލަންޑަން (ފެބްރުއަރީ 22) - މި ސީޒަން ނިމުމުގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިިކުރަން އެ ކްލަބުން ނިންމައިފިނަމަ އޭނާ އަށް ބޮޑު މާލީ ބަދަލެއް ދޭން ޖެހޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލަންޑަން (ފެބްރުއަރީ 22) - މި ސީޒަން ނިމުމުގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިިކުރަން އެ ކްލަބުން ނިންމައިފިނަމަ އޭނާ އަށް ބޮޑު މާލީ ބަދަލެއް ދޭން ޖެހޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން ޓޮޓެންހަމް ކުޅުނު މެޗުން ވެސްޓް ހޭމް އަތުން ބަލިވިއިރު، ޓޮޓެންހަމް އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމާ ދެމެދު 23 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަދި ހަަތަރު ވަނައިގައި އޮތް ވެސްޓް ހޭމާއި ޓޮޓެންހަމާ ދެމެދު އޮތް ފަރަގަކީ ނުވަ ޕޮއިންޓެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މޮރީނިއޯގެ ކޯޗިން ކެރިއަރުގައި ފުރަތަމަ 50 ލީގު މެޗަށް ފަހު އެންމެ ރެކޯޑް ދަށީ ޓޮޓެންހަމްގަ އެވެ.

މޮރީނިއޯ ބުނީ އޭނާގެ ކޯޗިން އުސޫލުތައް އަދިވެސް ވަރަށް ފުރިހަމަކަމަށާއި މައްސަލައެއް ހުރިކަން ފާހަގަނުވާ ކަމަށެވެ. ޓޮޓެންހަމް އޮތީ ބޮޑު މައްސަަލަތަކެއްގެ ތެރޭގައި ނޫން ކަމަށާއި މިކަން ހައްލުކުރެވެން އޮތީ އޭނާ އެކަނި ކުރާ މަސައްކަތުން ނޫން ކަމަށާއި އެ ކްލަބްގެ އެންމެން ގުޅިގެން ކަމަށް މޮރީނިއޯ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލީވީއާ އެކު އެ ކްލަބްގެ ބޯޑު މެމްބަރުން މިދިޔަ ހަފްތާގައި ވަނީ މޮރީނިއޯގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކަން ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ މޮރީނިއޯއާ މެދު ގޮތެއް ނިންމުން މި ސީޒަނުގެ ނިޔަލަށް މަޑުކުރުމަށެވެ. އެއީ ސީޒަނުގެ މެދުތެރެއިން މޮރީނިއޯ ވަކިކުރާނަމަ އޭނާ އަށް މާލީ ބަދަލެއް ދޭން ޖެހޭގޮތަށް ކޮންޓްރެކްޓްގައި އޮތުމުންނެވެ. އެއްބަސްވުމުގައިވާ ގޮތުން ސީޒަނެއްގެ މެދުތެރެއިން މޮރީނިއޯ ވަކިކުރާނަމަ އޭނާ އަށް 30 މިލިއަން ޕައުންޑް ދޭން ޖެހެ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިދިޔަ މަހު ޗެލްސީގެ ކޯޗުކަމުން ވަކިކުރި ފްރޭންކް ލަމްޕާޑަށް ދޭން ޖެހޭ މާލީ ބަދަލު އެ ކްލަބުން ދެނީ މުސާރައެއްގެ ގޮތުގަ އެވެ. ކޯޗުކަމުން ވަކިކުރި މުއްދަތުން ފެށިގެން މި ސީޒަނުގެ ނިޔަލަށް ލަމްޕާޑަށް ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު ދޭން ޗެލްސީން ވަނީ ނިންމައިފަ އެވެ. މި ސީޒަން ނިމުމުގެ ކުރިން ލަމްޕާޑް އެހެން ޓީމަކާ ހަވާލުވެއްޖެނަމަ ދެން ޗެލްސީން ލަމްޕާޑަށް ފައިސާ ދޭނީ އެއް އަހަރު ތެރޭގައި ބަހާލައިގެންނެވެ.