Roadha Mihaaru
ސީލައިފްގެ އެމްޑީ އައްމަޓީ ލަންކާގައި ހައްޔަރުކޮށްފި

އެތައް ބަޔަކަށް ލަނޑުދިން ސީލައިފްގެ އެމްޑީ އައްމަޓީ ލަންކާ އިން ހައްޔަރުކޮށްފި

22 ފެބުރުއަރީ 2021

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް އަދި ފައިސާ ވެސް އަނބުރާ ނުދިން މައްސަލާގައި ހައްޔަރުކުރަން އަމުރު ނެރެފައިވާ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ސްރީ ލަންކާ އިން ހައްޔަރުކޮށްފި އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް އަދި ފައިސާ ވެސް އަނބުރާ ނުދިން މައްސަލާގައި ހައްޔަރުކުރަން އަމުރު ނެރެފައިވާ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ސްރީ ލަންކާ އިން ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކުރިކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށެއް ނުދެ އެވެ. އައްމަޓީ ހައްޔަރުކުރުމާ ބެހޭ ގޮތުން ސުވާލުކުރުން، ލަންކާގައި ހުންނަވާ ރާއްޖޭގެ ހައި ކޮމިޝަނަރު އުމަރު ރައްޒާގު ވެސް އެކަމާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ނުދެއްވި އެވެ.

އައްމަޓީ ހައްޔަރުކުރިކަން، އޭނާގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް އެކަމާ ބެހޭ ގޮތުން އަދި ނުލިބެ އެވެ.

އައްމަޓީ އިއްޔެ ހައްޔަރުކުރި އިރު، އޭނާ ހައްޔަރުކުރަން އިންޓަޕޮލް މެދުވެރިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ ރެޑް ނޯޓިސް ނެރެފަ އެވެ. އޭނާ ހައްޔަރުކުރަން ނެރުނު ނޯޓިސްގައިވާ ގޮތުން އޭނާ އަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތެވެ.

ރެޑް ނޯޓިސް ނެރުނުތާ އަހަރެއް ފަހުން އަންމަޓީ ހައްޔަރުކުރި ނަމަވެސް އޭނާ ސްރީ ލަންކާގައި ދިރިއުޅޭކަމާއި ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި ނުފޫޒު ގަދަ އެތައް ބަޔަކާ ބައްދަލުވެ ފޯނުން މުއާމަލާތްކުރާކަން އޮތީ އެނގޭށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރު އެޗްޑީސީން އިއުލާނުކުރި މަޝްރޫއެއްގައި ސީ ލައިފާ ހަވާލުކުރި 3،000 ހައުސިން ޔުނިޓްގެ މަސައްކަތް ނުކުރި ނަމަވެސް އެތައް ބައެއްގެ އަތުން ފައިސާ އޮތީ ނަގައިފަ އެވެ. ސީ ލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.

ސީ ލައިފްގެ މައްޗަށް ދައުވާކުރި މީހުންނަށް ބަދަލުދޭން އެއްބަސްވީ، ދައުލަތުން ސީ ލައިފްގެ އެހެން ކުންފުންޏަކަށް ދައްކަން އެއްބަސްވި 12 މިލިއަން ޑޮލަރުންނެވެ. އެ ފައިސާ އަކީ އެމްޑީޕީގެ ކުރީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ސީ ލައިފުން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން 2018 ވަނަ އަހަރު ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ ފައިސާ އެވެ. ނަމަވެސް އެ ފައިސާ ދައުލަތުން ނުދޭން ނިންމުމުން ކުރި ދައުވާގައި، މިއީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށް މިދިޔަ ޑިސެމްބަރު މަހު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ސީ ލައިފް މައްސަލާގައި ބަދަލު ދޭން ނިންމުމުން އެޗްޑީސީ އާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ. ނަމަވެސް އެޗްޑީސީން ބުނެފައިވަނީ ސީ ލައިފްގެ މައްސަލައިގައި ސަރުކާރާއި އެޗްޑީސީގެ އިހުމާލެއް ނެތް ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާތީ އިންސާފު ހޯދައިދޭން އެއްބަސްވުމެއް ހެދީ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން އެޗްޑީސީ އަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ސީ ލައިފުން ހޯދުމުގެ މަސައްކަތްކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެޗްޑީސީން އެތައް ބަޔަކަށް ބަދަލު ދީފައި ވާއިރު، ސީ ލައިފުން 12 މިލިއަން ހޯދަން ކުރި ދައުވާ ނާކާމިޔާބު ވުމުން އެ ކުންފުނިން އެޗްޑީސީން އަށް ފައިސާއެއް ހޯދޭނެ ގޮތަކީ ކޮބައިކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.