Roadha Mihaaru
އޮޕަރޭޝަނަކަށް ފުރަން އައްމަޓީގެ ޕާސްޕޯޓް ދޫކޮށްފި

މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖޭން ބޭރަށް ދާން އައްމަޓީގެ ޕާސްޕޯޓް ދޫކޮށްފި

07 ޑިސެމްބަރ 2023

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކުގެ ޝަރީއަތުގައި އޭނާ ވަނީ ޕާސްޕޯޓް ދޫކޮށްލުމަށް އެދިފަ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އައްމަޓީގެ މެޑިކަލް ލިޔުންތަކުން އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގޭ ކަމަށާއި މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު، ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭ ކަމަށެވެ.

އައްމަޓީގެ އާއިލާ ދިރިއުޅެނީ ވެސް ސްރީ ލަންކާގައި ކަމަށް އޭނާ ފާހަގަކޮށްފައިވާ ކަމަށާއި އެހެންވެ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ޕާސްޕޯޓް މަނާކުރަން ނެރެފައިވާ އަމުރު ވަގުތީ ގޮތުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް ކޯޓުން ބުންޏެވެ.

އަމުރު ސަސްޕެންޑްކުރީ މި މަހުގެ 26 ވަނަ ދުވަހާ ހަމައަށެވެ.

އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރާއިރު، އޭނާ ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ މިހާރު ހުރީ ޝަރުތުތަކާ އެކު ދޫކޮށްލައިފަ އެވެ.