Roadha Mihaaru
ދަރިން ޖާމިނުކޮށްފައި ވެސް އަންމަޓީ ދުލެއް ނުކުރި

ދަރިން ޖާމިނުކޮށްފައި ވެސް އަންމަޓީ ދުލެއް ނުކުރި

16 ސެޕްޓެމްބަރ 2021

ހުޅުމާލޭގައި ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)ގެ ބަންދު ދަމަހައްޓަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ހުޅުމާލޭގައި ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)ގެ ބަންދު ދަމަހައްޓަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށް ފަހު، ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލައި އޭނާ އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން ބަންދު ކުރި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނުނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާކުރަން ޖެހޭތީ ބޭއްވި އަންމަޓީގެ ބަންދު އަޑުއެހުމުގައި އޭނާ އެދިފައި ވަނީ ނުފިލާނެކަން ކަށަވަރު ކުރެވޭ ފިޔަވަޅުތަކެއް އަޅާފައި ދޫކޮށްލާށެވެ. ނަމަވެސް، އޭނާ ފިލާފާނެ ކަމަށް ގަބޫލު ކުރެވޭތީ އެކަމަށް ދައުލަތުން ދެކޮޅު ހެދި އެވެ.

އެ ފިޔަވަޅުތަކަކީ ޕާސްޕޯޓު ހިފެހެއްޓުން، މާލެއިން ފުރައިގެންދާ ނަމަ ކޯޓުގެ ހުއްދަ ހޯދައިގެން ފުރައިގެން ދިޔުން، ކަފާލާތުގެ އުސޫލުތަކުގެ ތެރެއިން މީހަކު ޖާމިނުކޮށްފައި ދޫކޮށްލުން އަދި ފުރައިގެން ނުދާކަން ކަށަވަރު ކުރަން ކޯޓުން ކަނޑައަޅާ ތަނަކަށް ގަވައިދުން ދާން ޖެހޭ ގޮތަށް ހެދުމެވެ. އަންމަޓީ ކޯޓުގައި އެދިފައި ވަނީ އޭނާގެ ދެ ދަރިން ޖާމިނުކޮށްފައި އިތުރު ފިޔަވަޅުތައް ވެސް އަޅާފައި ދޫކޮށްލާށެވެ.

ނަމަވެސް، ގާޒީ ހަސަން ސައީދު މިއަދު ނިންމެވީ އޭނާ ފިލާފާނެ ކަމުގެ އިހްތިމާލު އަދި ވެސް ދެމި އޮތް ކަމަށެވެ. އަދި އެ އިހްތިމާލު ފިލައިދާނެ ފަދަ ސަބަބެއް އޭނާގެ ފަރާތުން ހުށަހަޅާފައި ނުވާތީ ބަންދު ދަމަހައްޓަން ނިންމެވި އެވެ.

އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ނެތަސް، އޭނާއަށް ތުހުމަތު ކުރެވޭ ކުށަކީީ އެތައް ބައެއްގެ ހައްގު ހިމެނޭ ކުށަކަށް ވާތީ އެފަދަ ކުށްތަކަށް އަރައިގަތުމަށް ހުރަސްއަޅަން ޖެހޭ ކަމަށް ވެސް އެ ނިންމެވުމުގައިވެ އެވެ.

މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުން އަންމަޓީ ބަންދުން ދޫކޮށްލި އެވެ. ނަމަވެސް، ހައި ކޯޓުން ނިންމީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރާށެވެ.

އައްމަޓީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ތަހުގީގަށް ހާޒިރު ނުވެ ރާއްޖެއިން ބޭރުގައި އުޅެފަ އެވެ. އޭނާ ހޯދަން 2019 ވަނަ އަހަރު އިންޓަޕޮލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ލަންކާގެ ފުލުހުން އޭނާ މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރުމުން ޖެހިގެން އައި މާޗް މަހު ދިވެހި ފުލުހުން ވަނީ އެ ގައުމަށް ގޮސް އޭނާ ރާއްޖެ ގެނެސްފަ އެވެ.