Roadha Mihaaru
އައްމަޓީ ތަހުގީގުގެ ބޮޑު ބައި ނިމިއްޖެ: ޕޮލިސް

އައްމަޓީ ތަހުގީގުގެ ބޮޑު ބައި ނިމިއްޖެ: ޕޮލިސް

17 މެއި 2021

ހައުސިން ޔުނިޓުތަކެއް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު ފިލައިގެން އުޅުނު ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާގެ މައްޗަށް ތުހުމަތުކުރާ މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައުސިން ޔުނިޓުތަކެއް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު ފިލައިގެން އުޅުނު ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާގެ މައްޗަށް ތުހުމަތުކުރާ މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި މިހާރު ކުރަމުން އަންނަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވުމަށްޓަކައި ތަހުގީގުގައި ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު މަސައްކަތް ނުކޮށް އަދި ފައިސާ ވެސް ނުދިން މައްސަލަ މީގެ ކުރިން ފުލުހަށް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު އައްމަޓީ ފިލައިގެން ރާއްޖެއިން ބޭރުގައި އުޅުމުން އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

އެހެންވެ، އޭނާ ހޯދަން އިންޓަޕޮލް މެދުވެރޮކޮށް ރެޑް ނޯޓިސް ނެރުނެވެ. ނަމަވެސް އައްމަޓީ ސްރީ ލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެވޭ ވަރުވީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރު އެޗްޑީސީން އިއުލާނުކުރި މަޝްރޫއެއްގައި ސީ ލައިފާ ހަވާލުކުރި 3،000 ހައުސިން ޔުނިޓްގެ މަސައްކަތް ނުކުރި ނަމަވެސް އެތައް ބައެއްގެ އަތުން ފައިސާ އޮތީ ނަގައިފަ އެވެ. ސީ ލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.

އެ ކުންފުންޏާ ދެކޮޅަށް ދައުވާކުރި މީހުންނަށް ބަދަލު ދޭން އެއްބަސްވީ ދައުލަތުން ސީ ލައިފްގެ އެހެން ކުންފުންޏަކަށް ދައްކަން އެއްބަސްވި 12 މިލިއަން ޑޮލަރުންނެވެ. އެ ފައިސާއަކީ އެމްޑީޕީގެ ކުރީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ސީ ލައިފުން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން 2018 ވަނަ އަހަރު ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ ފައިސާ އެވެ. ނަމަވެސް އެ ފައިސާ ދައުލަތުން ނުދޭން ނިންމުމުން ކުރި ދައުވާގައި، މިއީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށް މިދިޔަ ޑިސެމްބަރު މަހު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.