Roadha Mihaaru
އަންމަޓީ އަދިވެސް ލަންކާ ފުލުހުންގެ ބަންދުގައި

އަންމަޓީ ލަންކާ ފުލުހުންގެ ބަންދުގައި، ރާއްޖެ ގެނެވޭނެ ދުވަހެއް ނޭނގޭ

01 މާޗް 2021

ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔަކަށް ލަނޑުދިން، ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ވީ ސްރީ ލަންކާ ފުލުހުންގެ ބަންދުގައި ކަމަށާއި އޭނާ ރާއްޖެ ގެނެވޭނެ ދުވަހެއް ނޭނގޭ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔަކަށް ލަނޑުދިން، ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ވީ ސްރީ ލަންކާ ފުލުހުންގެ ބަންދުގައި ކަމަށާއި އޭނާ ރާއްޖެ ގެނެވޭނެ ދުވަހެއް ނޭނގޭ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓު އިމާރާތް ކުރުމަށް ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނަގާފައި ވެ އެވެ. ނަމަވެސް މަސައްކަތް ނުކޮށް އަދި ފައިސާ ވެސް އަނބުރާ ނުދިން މައްސަލައިގައި އޭނާ ހައްޔަރުކުރަން އިންޓަޕޯލުން އޭޕްރީލް، 2019 ގައި ރެޑް ނޯޓިސް ނެރެފައި ވެ އެވެ.

ފިލައިގެން އުޅެނިކޮށް ލަންކާ އިން އަންމަޓީ ހައްޔަރުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރެ އެވެ.

ދިވެހި ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ލަންކާގެ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އައްމަޓީ ވީ އެ ގައުމުގެ ފުލުހުންގެ ބަންދުގައި ކަމަށެވެ. އެހެންވެ، އޭނާ ރާއްޖެ ގެނެވޭނެ ދުވަހެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރު އެޗްޑީސީން އިއުލާނުކުރި މަޝްރޫއެއްގައި ސީ ލައިފާ ހަވާލުކުރި 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ނުކުރި ނަމަވެސް އެތައް ބައެއްގެ އަތުން ފައިސާ އޮތީ ނަގައިފަ އެވެ.

ސީ ލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.

އެ ކުންފުނީގެ މައްޗަށް ދައުވާކުރި މީހުންނަށް ބަދަލުދޭން އެއްބަސްވީ، ދައުލަތުން ސީ ލައިފްގެ އެހެން ކުންފުންޏަކަށް ދައްކަން އެއްބަސްވި 12 މިލިއަން ޑޮލަރުންނެވެ. އެ ފައިސާއަކީ އެމްޑީޕީގެ ކުރީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށްފަހު، އެ އެއްބަސްވުން 2011 ވަނަ އަހަރު އުވާލުމުން ސީ ލައިފުން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން 2018 ވަނަ އަހަރު ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ ފައިސާ އެވެ. ނަމަވެސް އެ ފައިސާ ދައުލަތުން ނުދޭން ނިންމުމުން ކުރި ދައުވާގައި، މިއީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށް މިދިޔަ ޑިސެމްބަރު މަހު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.