Roadha Mihaaru
މަތިންދާބޯޓު އެއްބަސްވުން ނުދޭން ނިންމީ ރަނގަޅަށް

އިންޑިއާގެ މަތިންދާބޯޓާ ބެހޭ އެއްބަސްވުމުގެ ކޮޕީ ނުދޭން ނިންމީ ރަނގަޅަށް: އައިކޮމް

18 ފެބުރުއަރީ 2021

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުމާ ގުޅޭގޮތުން ރާއްޖެ އާއި އިންޑިއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީ ނުދޭން ނިންމި ނިންމުން ރަނގަޅު ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ އިއްޔެ ނިންމަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުމާ ގުޅޭގޮތުން ރާއްޖެ އާއި އިންޑިއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީ ނުދޭން ނިންމި ނިންމުން ރަނގަޅު ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ އިއްޔެ ނިންމަވައިފި އެވެ.

"ދިޔަރެސް" ނޫހުން ވަނީ މަތިންދާބޯޓު ބޭނުންކުރުމާ ގުޅޭގޮތުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ހޯދަން ޖުލައި 23، 2020 ގައި ޑިފެންސް މިނިސްޓްރީ އަށް ހުށަހަޅައިފަ އެވެ. ނަމަވެސް މިނިސްޓްރީން ބުނީ އެ މައުލޫމާތު ދީފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ.

އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅީ ނޮވެމްބަރު 26، 2020 ގަ އެވެ. ތިން ބައްދަލުވުމަކަށް ފަހު އެ ކޮމިޝަނުން އިއްޔެ ވަނީ މައްސަލަ ނިންމައިފަ އެވެ.

އެ މައްސަލައިގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ކޮމިޝަނަރު ވަނީ، ހޯދަން އެދިފައިވާ މައުލޫމާތަކީ ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ގައުމުގެ ގުޅުމަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމަށް ބެލެވޭ މައުލޫމާތަކަށް ވުމާއެކު ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަށް ރިޔާއަތްކުރާއިރު އެދިފައިވާ މައުލޫމާތު ހާމަކުރުމުން ރައްކާތެރިކޮށްދޭ މަސްލަހަތަށް ވުރެ ހާމަނުކުރުމުން ރައްކާތެރިކޮށްދޭ މަސްލަހަތު ބޮޑުކަން ފާހަގަކުރައްވައިފަ އެވެ.

"މަތީގައި ބަޔާންކުރެވުނު ކަންކަމަށް ރިޔާއަތްކުރާއިރު، މައްސަލަ ރައްދުވާ އިދާރާގެ މުރާޖާ ކޮމިޓީގެ ނިންމުން ބަދަލުކުރަން އަންގަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމައިފީމެވެ،" މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ވެ އެވެ.

ދިޔަރެސް ނޫހުން މީގެ ކުރިން ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް ވެސް ހުށަހަޅައިފަ އެވެ. ޑިފެންސް މިނިސްޓްރީ އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެކަން ކާމިޔާބުނުވުމުން މިހާރު އެ މައްސަލަ ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.