Roadha Mihaaru
އިންޑިއާ ސިފައިންގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި

އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލަ ހައި ކޯޓުން ބަލައިގެންފި

08 ޑިސެމްބަރ 2020

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހޯދަން ދިޔަރެސް ނޫހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި ޝަކުވާ ޑިފެންސް މިނިސްޓްރީއާ އެއްކޮޅަށް ނިންމުމުން އިސްތިއުނާފުކުރި މައްސަލަ ހައި ކޯޓުން އިއްޔެ ބަލައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހޯދަން ދިޔަރެސް ނޫހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި ޝަކުވާ ޑިފެންސް މިނިސްޓްރީއާ އެއްކޮޅަށް ނިންމުމުން އިސްތިއުނާފުކުރި މައްސަލަ ހައި ކޯޓުން އިއްޔެ ބަލައިގެންފި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ދައުލަތުން ހަރަދުކުރާ ނަމަ އެ މައުލޫމާތު ހޯދަން ހުށަހެޅުމުން ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ނުދިނީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތެއް ކަމަށް ބުނެ އެވެ. އެ މިނިސްޓްރީގެ އެ ނިންމުން ރަނގަޅު ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު ވަނީ މިދިޔަ އޮކްޓޯބަރު 27 ގައި ނިންމަވައިފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ 30 ދުވަހުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފުކުރެވޭނެ އެވެ. އެ މައްސަލަ ހައި ކޯޓަށް ހުށަހެޅި މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ.

ރާއްޖޭގައި ތިބި ބޭރުގެ ސިފައިންގެ އިތުރުން އެ މީހުންނަށް ކުރާ ހަރަދުގެ ތަފްސީލު ދިނުމަށް ވެސް ވަކިން ހުށަހެޅި އެވެ. އެކަމަކު އެ މައުލޫމާތުން ވެސް ނުސީދާ ގޮތެއްގައި ސިފައިންގެ އަދަދު ހާމަވާނެ ކަމަށާއި އެހެންވެ އެ މައުލޫމާތު ޑިފެންސް މިނިސްޓްރީން ނުދޭން ނިންމި ސަބަބަށް ވެސް އިންފޮމޭޝަން ކޮމިޝަނަރު ތާއީދުކުރެއްވި އެވެ.

ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ބޭރުގެ ސިފައިންގެ އަދަދު ހާމަކޮށްފި ނަމަ ދެ ގައުމުގެ ގުޅުމަށް ބުރޫއަރައިފާނެ ކަމަށެވެ. ހޯދަން އެދުނު މައުލޫމާތު ނުދިނީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތެއް ކަމަށް ބަޔާންކުރިއަސް އެ މައުލޫމާތު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތެއް ބުނެދީފައިނުވާ ކަމަށް އިސްތިއުނާފުކުރި މައްސަލައިގައި ބުންޏެވެ. އޭގެ އިތުރުން އިންޑިއާ ސިފައިންގެ މައުލޫމާތު ނުދީ ހިފަހައްޓާފައިވަނީ މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަމުގެ މާއްދާ އާއި ގާނޫނަށް ތަބާވުމުގެ މާއްދާއާ މާނަކުރުމުގެ މާއްދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައި ވެ އެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓްކުރުމުގައި އިސްކޮށް އުޅެނީ އިންޑިއާ ސިފައިންނެވެ. ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރެވެ. ސ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.