Roadha Mihaaru
އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރުމުން ހައި ކޯޓަށް

އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރުމުން ހައި ކޯޓަށް

25 ނޮވެމްބަރ 2020

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހޯދަން ދިޔަރެސް ނޫހުން ޑިފެންސް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ނުދިން މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި ޝަކުވާ ވެސް ޑިފެސް މިނިސްޓްރީއާ އެއްކޮޅަށް ނިންމުމުން އެކަން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހޯދަން ދިޔަރެސް ނޫހުން ޑިފެންސް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ނުދިން މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި ޝަކުވާ ވެސް ޑިފެސް މިނިސްޓްރީއާ އެއްކޮޅަށް ނިންމުމުން އެކަން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ދައުލަތުން ހަރަދުކުރާ ނަމަ އެ މައުލޫމާތު ހޯދަން ހުށަހެޅުމުން ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ނުދިނީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތެއް ކަމަށް ބަލައިފަ އެވެ. މިނިސްޓްރީގެ މި ނިންމުން ރަނގަޅު ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަނީ ނިންމައިފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވަނީ ޑިފެންސް މިނިސްޓްރީން މައުލޫމާތު ހާމަނުކުރަން ނިންމި ސަބަބު ރަނގަޅުކަމަށް ކަނޑައަޅައި މިދިޔަ މަހުގެ 27 ވަނަ ދުވަހު މައްސަލަ ނިންމަވައިފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފުކުރެވޭނެ އެވެ. އިންޑިއާ ސިފައިންނާ ގުޅޭ މައްސަލަ ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އެކަމަކު މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ހޯދަން އެދުނު މައުލޫމާތު ނުދިނީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތެއް ކަމަށް ބަޔާންކުރިއަސް އެ މައުލޫމާތު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތެއް ބުނެދީފައިނުވާ ކަމަށް އަޒާން އިސްތިއުނާފުކުރި މައްސަލައިގައި ބުންޏެވެ. އޭގެ އިތުރުން އިންޑިއާ ސިފައިންގެ މައުލޫމާތު ނުދީ ހިފަހައްޓާފައިވަނީ މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަމުގެ މާއްދާ އާއި ގާނޫނަށް ތަބާވުމުގެ މާއްދާއާ މާނަކުރުމުގެ މާއްދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައި ވެ އެވެ.

ފިޔާޒު ވިދާޅުވީ އިންޑިއާ ސިފައިންނާ ގުޅޭ މައުލޫމާތު ދެވެން ނެތީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާއާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22 ވަނަ މާއްދާއަށް ބަލާއިރު، ހޯދަން އެދުނު މައުލޫމާތު ދީފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ޑިފެންސް މިނިސްޓްރީން ޖަވާބުދީފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި ބޭރުގެ ސިފައިންގެ އިތުރުން އެ މީހުންނަށް ކުރާ ހަރަދުގެ ތަފްސީލް ދިނުމަށް ވެސް ވަކިން ހުށަހެޅި އެވެ. އެކަމަކު އެ މައުލޫމާތުން ވެސް ނުސީދާ ގޮތެއްގައި ސިފައިންގެ އަދަދު ހާމަވާނެ ކަމަށާއި އެހެންވެ އެ މައުލޫމާތު ޑިފެންސް މިނިސްޓްރީން ނުދޭން ނިންމި ސަބަބަށް ވެސް އިންފޮމޭޝަން ކޮމިޝަނަރު ތާއީދުކޮށްފައި ވެ އެވެ.

އެ އަދަދު ހާމަކޮށްފި ނަމަ ދެ ގައުމުގެ ގުޅުމަށް ބުރޫއަރައިފާނެ ކަމަށް ޑިފެންސުން ވަނީ ބުނެފަ އެވެ.

"މިކަންކަމަށް ރިއާޔަތްކޮށް މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން މިނިސްޓްރީ އޮފް ޑިފެންސްގެ މުރާޖައާ ކޮމިޓީން ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭ ކަމަށް ނުފެންނާތީ އެ ނިންމުން ރަނގަޅުކަމަށް އަޅުގަނޑު ކަނޑައަޅައިފިން،" ފިޔާޒު ވިދާޅުވި އެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓްކުރުމުގައި އިސްކޮށް އުޅެނީ އިންޑިއާ ސިފައިންނެވެ. ފުރަަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ސ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.