Roadha Mihaaru
ރަށްރަށުގެ ގެ އަޅައިދެވޭނީ ވިޔަފާރި އުސޫލުން: އަސްލަމް

ރަށްރަށުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން: އަސްލަމް

17 ފެބުރުއަރީ 2021

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސަރުކާރުން ހިންގުމުގެ ވިސްނުމެއް ނެތް ކަމަށާއި އެފަދަ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން، ރަށްރަށުގެ ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ފައިސާ ހޯދައިގެން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސަރުކާރުން ހިންގުމުގެ ވިސްނުމެއް ނެތް ކަމަށާއި އެފަދަ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން، ރަށްރަށުގެ ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ފައިސާ ހޯދައިގެން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ހައުސިން މަޝްރޫއުތައް ހިންގުމަށް ޓަކައި 25 ރަށަކުން 99 އަހަރަށް ބިން ކުއްޔަށްދިނުމަށް ޓަކައި އެކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ރަށްރަށުން ބިން ކުއްޔަށް ދޭން ކަނޑައަޅާފައިވާ ބޭސް ވެެލިއު އިން ބަލާއިރު، ކުއްޔަށްް ދެވެން ހުރި ބިންތަކުން 1.3 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ވިސްނުމަކީ، ކައުންސިލްތަކުން އެ ރަށެއްގެ ބިން ވިއްކައިގެން ލިބޭ ލާރިން، އެ ލާރި އެއީ ސީޑް މަނީގެ ގޮތުގައި ބޭނުން ކޮށްްގެން، ބޭންކަކަށް ލޯނަަކަށް ދާން ވިޔަސް އިކުއިޓީގެ ގޮތުގައި ބޭނުންކުރެވޭނޭ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކޮންސެޕްޓްގައި މަޝްރޫއުތައް ހިންގާނީ ރަށުކައުންސިލާއި ބޭންކާއި ގޯތީގެ ވެރިފަރާތް ވެސް ބައިވެރިވެގެންނެވެ. އެހެން ނަމަވެސް ރާއްޖޭގެ ކޮންމެ ރަށަކީ އެގޮތަށް ވިޔަފާރި އުސުލުން ހައުސިން މަަޝްރޫއުތައް ހިންގޭނެ ރަށަކަށް ނުވެދާނެ ކަމަށާއި ސަރުކާރުން އިންޓަވެން ކުރާނީ އެފަދަ ރަށްތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ހައުސިން އަކީ މާކެޓްގައި ވެލިއު ހުރި ޕްރޮޑަކްޓެއް ކަމަށާއި އެކަން ހިންގޭނީ ހަމަ ވިޔަފާރި އުސޫލުން ކަމަށެވެ.

"ސަރުކާރަށް ލޯނު ނަގާފައި ގެދޮރު އަޅާފައި އެ އަޅަން ދިޔަ ޚަރަދު ނުލިބޭނެ ގޮތަކަށް އެކަން ކުރާ ކަމަށް ވަންޏާ އެއީ ދިވެހިރާއްޖޭގައި އަޅުގަނޑުމެންނަކަށް ސަސްޓެއިންކުރެވޭ ކަހަލަ ސްކީމަކަށް ނުވާނެ،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެމްބަރަކު ކުރެއްވި ސުވާލެއް މިނިސްޓަރު އަސްލަމް އަޑުއައްސަވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެމްބަރަކު ކުރެއްވި ސުވާލެއް މިނިސްޓަރު އަސްލަމް އަޑުއައްސަވަނީ.---ފޮޓޯ: މަޖިލިސް

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް އަސްލަމާ ކުރެއްވި ސުވާލުގައި އެއްސެވީ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން، ރަށްރަށުގައި ހުރި އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އަޅަން އެދޭ ފަރާތްތަކަށް 2019 ވަނަ އަހަރު ހުޅުވައިލި ފުރުސަތުގައި ފުރި ފޯމްތަކަށް ވީ ކިހިނެއްތޯ އެވެ. އެ ފޯމްތައް ފުރުމަށް ފަހު އެ މަޝްރޫއާ ބެހޭ އެއްވެސް މައުލޫމާތެއް، ފޯމް ފުރި މީހުންނަށް އަދިވެސް ނުލިބޭ ކަމަށާއި ގޯތިތަކުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ ވެސް އޭނާ އެއްސެވި އެވެ.

އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ރަށްތަކުގައި ވިޔަފާރި އުސޫލުން ހައުސިން މަޝްރޫއުތައް ހިންގަން މިދިޔަ އަހަރު އަންސޮލިސިޓޭޑެޑް ޕްރޮޕޯސަލްތަކަށް ހުޅުވައިލި ކަމަށާއި އެ މަސައްކަތް ކުރަން ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އެ ފަރާތްތަކާ އެކުގައި ސަރުކާރުން މަޝްވަރާތަކެއް ވެސް ކުރި ކަމަށާއި އެހެން ނަަމަވެސް އެފަރާތްތަކުން ހުށަހެޅި އަގަކީ ސަރުކާރަށް އެކަން ކުރެވޭނެ އަގަކަށް ނުވާތީ ކުރިއަށް ނުދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަނގަޅު އަގެއް ހުށަނޭޅުނު ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެއީ އޭރު ދުނިޔެއަށް ކުރިމަތިވެފައި އޮތް ހާާލަތުގެ ސަބަބުން ކަމަށް ވެދާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އަމިއްލަ ގޯތިތަކުގައި ހައުސިން މަޝްރޫއު ހިންގަން އެދި ފޯމް ފުރި މީހުންގެ ފޯމްތަކަށް ދެންވާނީ ކިީއްްތޯ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ސުވާލުކުރެއްވުމުން އަސްލަމް ވިދާޅުވީ އޭރު ކުރި މަސައްކަތަކީ ބޯހިޔާވަހިކަމަށް މީހުން ބޭނުންވާ ވަރު ބަލަން ބޭނުންކުރެވޭނެ މައުލޫމާތެއް ކަމަށެވެ.

"އަޅުގަނޑު ނެތިން ދަންނަވާކަށް މިވެނި ރަށަކަށް މިހާ ހައުސިން ޔުނިޓް ސަރުކާރުން އަޅާފައި ދޭށެކޭ މިއުޅެނީ. އެ ވިސްނުން ބޮލަށް ނައުން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި ރަށްރަށުގައި ސަރުކާރުން ހައުސިން ޔުނިޓް އަޅާނެ ކަމަށް ކުރިން ބުނި އަދަދުތައް އެއީ ހަމަ ސަރުކާރުން އަޅާފައި ދޭނެ ތަންތަން ކަމަށް ވިސްނިފައި އޮވެއްޖެއްޔާ އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި އެހެން ދިމާވީ ކިޔައިދެވުނު ގޮތުން ކަމަށެވެ.