Roadha Mihaaru
"އަލީ ފުރުވާލުމުން ކަންބޮޑުވޭ، މައްސަލަ ބަލައިދީ"

އަލީ ވަހީދު ފުރުވާލި މައްސަލަ ބަލައިދޭން މަޖިލީހުގެ އަންހެން މެމްބަރުން ހުށަހަޅުއްވައިފި

11 ފެބުރުއަރީ 2021

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި އެތަނުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދު ބޭރަށް ފުރުވާލުމުގައި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އަމަލުކުރައްވާފައި ވަނީ ރަނގަޅަށްތޯ ޖުޑިޝަރީ ކޮމިޓީން ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރުންތައް މިއަދު އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި އެތަނުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދު ބޭރަށް ފުރުވާލުމުގައި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އަމަލުކުރައްވާފައި ވަނީ ރަނގަޅަށްތޯ ޖުޑިޝަރީ ކޮމިޓީން ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރުންތައް މިއަދު އެދިވަޑައިގެންފި އެވެ.

މި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހުށަހަޅުއްވައިދެއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގަތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން ގިނަ މުވައްޒަފުންތަކަކަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުކޮށްފައިވާ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ އިއްޔެ އެވެ. ބޭނުން ގައުމަކަށް ވަޑައިގެންނެވޭ ގޮތަށް ޕާސްޕޯޓްދޫކޮށްލީ ބަލި ހާލަތު ހުރި ގޮތުންނާއި ޖާމިނުވާނެ ފަރާތެއް ހުށަހެޅުން ކަމަށް ޕީޖީ އޮފީހާއި ކްރިމިނަލް ކޯޓުން ބުނެ އެވެ.

މަޖިލީހުގެ 85 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަތަރު އަންހެން މެމްބަރުން ވަނީ ޖިންސީގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވި، ޝަރީއަތް ހިނގަމުން ދަނިކޮށް އަލީ ވަހީދު ފުރުވާލުމުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެއީ މި މައްސަލައިގައި އަނިޔާ ލިބޭ މީހުން ތަހައްމަލްކުރަން ޖެހުނު އިތުރު އަނިޔާއެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އަލީ ވަހީދު ފުރާވަޑައިގަތް ސަބަބާ ގުޅޭ ގޮތުން ޕީޖީ އޮފީހާއި ކްރިމިނަލް ކޯޓުން ދިފާއުގައި ދައްކާ ވާހަކަތަކަށް މެމްބަރުންގެ ސިޓީގައި ހަވާލާދީފައިވެ އެވެ.

ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލްކޮށް އޭނާ ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިންއިރު ސީރިއަސް ދައުވާތަކެއް އުފުލާފައިވާ ފަރާތެއް ބޭރަށް ފުރައިގެން ދިއުމަށް އަޑުއެހުމުގައި ޕްރޮސިކިއުޓަ ޖެނެރަލްގެ ފަރާތުން އިއުތިޒާރުކޮށްފައި ނުވާ ކަން މެމްބަރުން ފާހަގަކުރައްވަ އެވެ. ސިއްހީ ފަރުވާ އަށް އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވަން ޖެހޭ ކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުކޮށް އޭނާގެ ވާހަކަ އަޑުއެހި ކަމަށް ޕީޖީ އޮފީހުން ބުނާތީ އެފަދަ އިން އަމަލުކުރިތޯ އާއި މުޅި މި މައްސަލާގައި ވެސް އަމަލުކޮށްފައިވާ ގޮތް ބަލަން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

.

.

މަޖިލީހުގެ އަންހެން މެމްބަރުން ފޮނުއްވި ސިޓީ

މަޖިލީހުގެ އަންހެން މެމްބަރުން ފޮނުއްވި ސިޓީ

"ޖިންސީ އަނިޔާ ދިނުމުގެ މިފަދަ ބޮޑެތި ސީރިއަސް ތުހުމަތުތަކެއްކޮށް ތަހުގީގު ކުރެވި ދައުވާ އުފުލިފައިވާ މައްސަލައެއްގައި ދައުވާ އުފުލާފައިވާ ފަރާތަށް ރާއްޖެ އިން ބޭރަށް ފުރައިގެން ދެވިފައި ވުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމެކެވެ. އަދި އަޅުގަނޑުމެންގެ ނަޒަރުގައި މިއީ މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކަށް ތަހައްމަލް ކުރަން ޖެހުނު އިތުރު އަނިޔާއެކެވެ،" މެމްބަރުންގެ ސިޓީގައިވެ އެވެ.

މެމްބަރުން އެދިވަޑައިގަތީ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށް ޝަރީއަތް ފެށުމުގެ ގޮތުން ޕްރޮސިކިއުޓަ ޖެނެރަލް އަޅުއްވަން ނިންމަވާފައި ހުރި ފިޔަވަޅުތަކަކީ ކޮބައިކަން ވެސް ސާފުކޮށްދެވުމަށެވެ.

"މީގެ އިތުރުން މި ޒާތުގެ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތަކަކީ ވެސް ކޮބައިތޯ ދެނެގަނެ އެ ބަދަލުތައް ތަންފީޒުކުރުމަށްޓަކައި އެޅުއްވެން ހުރި ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް ވެސް އެދެމެވެ،" ސިޓީގައިވެ އެވެ.

ކުރީގެ ސަރުކާރުގައި އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ހުންނަވައި މި ވެރިކަން ގެނައުމަށް ސިޔާސީ ފަރާތްތަކާ އެކު މަސައްކަތް ކޮށްދެއްވި އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް އޭނާއާ ޖާމިނުވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އެވެ.

ހަތް ދައުވާއެއް އުފުލައި ޝަރީއަތް ފެށިތަނުން އޭނާ "ފުރުވާލުމުން" ސަރުކާރާއި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ އިތުރުން ކްރިމިނަލް ކޯޓަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. ޖިންސީގޯނާގެ މައްސަލަތަކުގައި މުއައްސަސާތައް ސީރިއަސް މިންވަރާއި އިންސާފު ލިބުމުގައި ހަމަހަމަކަން ގާއިމްވުމާ މެދު ސުވާލުތަކެއް ދަނީ އުފައްދަމުންނެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އަންނާނެ އެވެ.

އަލީ ވަހީދު ބޭރަށް ފުރާވަޑައިގަތުމާ ގުޅޭ ގޮތުން މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ކިޔައިދެއްވި ގޮތުގައި އޭނާގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަހަށެވެ. އިނގިރޭސިވިލާތަށް އިއްޔެ ފުރާވަޑައިގަތީ ހަތަރު މަހުން އެނބުރި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އަލީ ވަހީދު އެދިވަޑައިގަތީ ޓްރެވަލް ޑޮކިއުމެންޓެއްގައި ފަރުވާއަށް ދުބާއީ ނުވަތަ ޖަރުމަނަށް ވަޑައިގަންނަވާށެވެ. އެކަމަކު، ޕީޖީން ބޭނުންވީ އަލީ ވަހީދު ބޭނުން ތަނަކަށް އޭނާ ވަޑައިގަތުމުގެ ހުއްދަދޭން ކަމަށް މި މައްސަލައިގައި އިތުބާރު ހިފޭ ބޭފުޅަކު "މިހާރު"އަށް ކަށަަވަރުކޮށްދެއްވި ނަމަވެސް ޕީޖީން އެކަން ދޮގުކުރެ އެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި ހުށަހެޅީ ބޭސްފަރުވާ ކުރަން އެދިވަޑައިގަންނަވާ ގައުމަކަށް ފުރާވަޑައިގެންނެވޭ ގޮތަށް ޓްރެވަލް ޑޮކިއުމެންޓެއް ދޫކޫރާށެވެ.

އަލީ ވަހީދު ފުރާވަޑައިގަތުމާ ގުޅޭ ގޮތުން ސަރުކާރަށް ފާޑުކިއުން އަމާޒުވެފައި ވިޔަސް ރައީސް އޮފީހަށް އެނގިގެން ހިނގި ކަމެއް ނޫން ކަމުގެ ޔަގީންކަން ދެއްވަން ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އިއްޔެ ވިދާޅުވެފައި ވަނީ އެކަން އެނގިވަޑައިގަތީ ޚަބަރުން ކަމަށެވެ. ދެން ހަވާލާދެއްވީ ކްރިމިނަލް ކޯޓާއި ޕީޖީ އޮހުން މި މައްސަލައިގައި އާއްމުކުރައްވާފައިވާ ވާހަކަތަކަށެވެ.