Roadha Mihaaru
މެމްބަރުންގެ ކުދިން ބަލަހައްޓަން ހާއްސަ ކޮޓަރިއެއް

މެމްބަރުންގެ ތުއްޕުޅު ބޭފުޅުން ބަލަހައްޓަން މަޖިލިހުގެ އިދާރާގައި "މައިންގެ ކޮޓަރިއެއް"

12 އޮކްޓޯބަރ 2020

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މަޖިލިހުގެ މަސައްކަތަށް ވަޑައިގަންނަވާއިރު، ތުއްޕުޅު ބޭފުޅުން ބެލެހެއްޓޭނެ އެހެން އިންތިޒާމެއް ނެތް ނަމަ މަޖިލިހުގެ އިދާރާ އަށް ގެންދަވައިގެން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މަޖިލިހުގެ މަސައްކަތަށް ވަޑައިގަންނަވާއިރު، ތުއްޕުޅު ބޭފުޅުން ބެލެހެއްޓޭނެ އެހެން އިންތިޒާމެއް ނެތް ނަމަ މަޖިލިހުގެ އިދާރާ އަށް ގެންދަވައިގެން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސައިފި އެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުު ވިދާޅުވީ، މަޖިލީހުގައި އެކަމަށް މިހާރު ޚާއްސަ ކޮޓަރިއެއް ހުންނާނެ ކަމަށާއި މެމްބަރުން އެދިވަޑައިގަންނަވާ ނަމަ އެތަން ބޭނުން ކުރެއްވޭނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މެމްބަރުންގެ ތުއްޕުޅު ބޭފުޅުން ބަައިތިއްބަން ހަމަޖައްސާފައިވާ ކޮޓަރީގައި އެ ކުދިންނަށް ކުޅެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މައިންގެ ކޮޓަރިއެއް މިހާރު މަޖިލިހުގައި ހުންނާނެ. މިއަދު އަޅުގަނޑުމެންނަށް އެ ކޮޓަރީގެ ބޭނުންކުރަން ފެށޭނެ. އެހެންވީމާ އެއްވެސް ބޭފުޅެއްގެ ކުޑަކުދިން ވަގުތުކޮޅަކަށް އެހެން ތަނަކަށް ފޮނުއްވެވެން ނެތް ކަމަށް ވަނީ ވިއްޔާ މަޖިލީހުގައި އިރާދަކުރެއްވިއްޔާ މިހާރު އެ ކުދިން ބެލެހެއްޓޭނެ މައިންގެ ކޮޮޓަރީގައި،" ނަޝީދު ވިދާޅުވި އެވެ.

އެ ތަނުގައި ބައިތިއްބާފައި ތިބޭ ކުދިން އެ މަނިކުފާނަށް ވީ ވަރަކުން ބައްލަވަމުން ގެންދަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގައި އެ އިންތިޒާމު ހަމަޖެއްސިޔަސް އެންމެ ރނގަޅު ގޮތަކީ އާއިލާގެ ގާތުގައި ކުދިން ބޭތިއްބުމެވެ.

މަޖިލިހުގެ މެމްބަރުންގެ ތުއްޕުޅު ބޭފުޅުން ބައިތިއްބާ ކޮޓަރީގެ ވާހަކައަށް ނަޝީދު ވަޑައިގެންނެވީ އާލާސްވެ އިންނެވި މެމްބަރަކަށް ޗެމްބަރުގައި ގޮނޑި ހުރި ގޮތުން އުނދަގޫވެ، އެހެން އިންތިޒާމެއް ހަމަޖައްސަަން އެދިވަޑައިގެންނެވި ވާހަކަ ވިދާޅުވުމަށް ފަހު އެވެ. އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގައި ގޮނޑި ޖަހާ ގަވައިދެއް ނެތް ކަމަށާއި ގޮނޑިތައް ހުރީ ޒަމާނުއްސުރެ ގޮނޑި ޖަހަމުން އަންނަ ގޮތަށް ކަމަށެވެ. ގޮނޑި ޖަހާފައި ހުރީ މާބަނޑު އަންހެނުންނަށް ވަދެ ނުކުމެ އުޅެން އުނދަގޫވާ ގޮތަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން މިކަން ހިންގަންވީ ގޮތެއް ނޫން އެއީ. މާބަނޑު އަންހެނުންނަށް މި ތަންތަނުގެ ބޭނުން ނުކުރެވޭ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުން،" ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ގިނަ އަދަދެއްގެ އަންހެން ބޭފުޅުން ކުރިން އިންތިހާބުވި ނަމަވެސް މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ތިއްބެވީ އެންމެ ހަތަރު އަންހެން މެމްބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.