Roadha Mihaaru
"ފިލައިގެން އުޅުމަކުން އިތުބާރު އޮތް ކަމަކަށް ނުވާނެ"

ވޯޓަށް ފިލައިގެން އުޅުމަކުން އިތުބާރު އޮތް ކަމަކަށް ނުވާނެ: ރޮޒެއިނާ

19 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތުން އިތުބާރުނެތް ކަމަށް ހުށަހެޅުމުން، ވޯޓު ނެގިޔަނުދީ މުޅި މަޖިލިސް ހިސޯރުކޮށްގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އުޅުއްވާ ކަމަށް ތުހުމަތުކުރައްވައި، އެ ދެ ބޭފުޅުންނަށް އައްޑޫ މީދު ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތުން އިތުބާރުނެތް ކަމަށް ހުށަހެޅުމުން، ވޯޓު ނެގިޔަނުދީ މުޅި މަޖިލިސް ހިސޯރުކޮށްގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އުޅުއްވާ ކަމަށް ތުހުމަތުކުރައްވައި، އެ ދެ ބޭފުޅުންނަށް އައްޑޫ މީދު ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ނަޝީދާއި އީވާގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހެޅުމާއެކު، މުޅި މަޖިލީހުގައި މަރުތަޅު އެޅި ހުރިހާ މަސައްކަތްތަކެއް ހުއްޓިފައި އޮންނަތާ މަހެއްހާ ދުވަސް ވަނީ ވެފަ އެވެ. އަދި އެ މައްސަލަ ހުށަހަޅާފައި އޮތުމުން، ރިޔާސަތާ ހަވާލުވާން ވެސް އެ ދެ ބޭފުޅުން ވެސް ވަނީ މަޖިލީހުގެ އިދާރާއަށް އަންގަވައިފަ އެވެ.

މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައިގަނޑު މަސްއޫލިއްޔަތަކީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުން ކަމަށާއި، އެކަން ކުރައްވަން ދެ ބޭފުޅުން ވެސް އިންކާރު ކުރައްވައި، މަޖިލީހުގެ އިމްތިޔާޒަށް ފާޅުގައި އަރާވަޑައިގެންފައިވާ ކަމަށެވެ.

"...ވޯޓަށް ފިލައިގެން އުޅުމަކުން އިތުބާރު އޮތް ކަމަކަށް ނުވާނެ،" ރޮޒެއިނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ރިޔާސަތާ ހަވާލުވާން ނަޝީދު އިންކާރުކުރައްވާތީ، މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ހުށަހެޅުއްވި މައްސަލަ ބަހުސްކުރަން މިއަދު ފާސްވި ނަމަވެސް، އެ ބަހުސް ވެސް ކުރިއަށްދާ ގޮތެއް ނުވި އެވެ.

ވަކި ހިސާބަކުން އެ ބަހުސް ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އެއްފަރާތްކުރައްވައި އެޖެންޑާގެ ޖެހިގެން އިން އައިޓަމަށް ވަޑައިގެންނެވީ، ބަހުސްގައި ވާހަކަ ދައްކަވަން ކަނޑައަޅާފައިވާ މެމްބަރުން ތަޅުމުގައި ނެތް ކަމަށް ވިދާޅުވެ އެވެ.

މަޖިލީހުގެ ގަވާއިދުގެ 184 ވަނަ މާއްދާގެ ދަށުން، ބަހުސްގައި ވާހަކަ ދައްކަވަން ރިޔާސަތުން ހަމަހަމައަށް ބަހާލައި، އެ ފުރުސަތު ދޭންވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ މާއްދާގެ ދަށުން ހަމަހަމަ ފުރުސަތު ދޭންޖެހެނީ، މައްސަލަ ހުށަހެޅުއްވި މެމްބަރަށާއި، ސިޔާސީ ޕާޓީތަކުގެ ކޮންމެވެސް އެއް މެމްބަރަކަށް އަދި މިނިވަން މެމްބަރުންގެ ތެރެއިން އެއް މެމްބަރަކަށެވެ.

އެއާ އެކު، ރިޔާސަތުން ވަނީ މިއަދުގެ އެޖެންޑާގައި ދެން އޮތް އައިޓެމްގެ ބަހުސް ފައްޓަވައިފަ އެވެ.

އެކަމަށް ފާޑުވިދާޅުވަމުން ރޮޒެއިނާ ވިދާޅުވީ، މެމްބަރުން ގަދަކަމުން ބަހުސްގައި ވާހަކަ ދެއްކުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ފުރުސަތު ދިނުމުން އެ ފުރުސަތުގެ ބޭނުން ނުހިފާނެނަމަ، މުޅި މަޖިލިސް ހުއްޓުމަކަށް އައިސްގެން ނުވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ ފަހުން ރޮޒެއިނާ ވަނީ މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތައް ނުނިންމައި ޗުއްޓީއަށް ނުދިއުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"މި ވޯޓަށް ނާހައި މަޖިލިސް ޗުއްޓީއަށް ގެންގޮއްސިއްޔާ އިއްޒަތްތެރި ރައީސް ސީދާ މި މަޖިލިސް ހިސޯރު ކުރި ކަމަށް ނޫން އެހެން އެއް ގޮތަކަށް ވެސް މި ކަމެއް ނިމިގެނެއް ނުދާނެ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ނިމޭއިރު، އީދު ބަންދު މެދަށް ވަންނާތީ، މި ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހެވެ. ތިން ވަނަ ދައުރު ފެށޭނީ އަންނަ އޯގަސްޓު މަހުގެ 16 ވަނަ ދުވަހެވެ.