Roadha Mihaaru
މެމްބަރުން ނެތިގެން އިމްތިޔާޒް މައްސަލަ ޕާކުކޮށްފި

ބަހުސް ކުރާ މެމްބަރުން ތަޅުމުގައި ނެތް ކަމަށް ބުނެ ނަޝީދުގެ އިމްތިޔާޒް މައްސަލަ އެއްފަރާތްކޮށްފި

19 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި މައްސަލާގައި ބަހުސްކުރަން ކަނޑައަޅާފައިވާ މެމްބަރުން ތަޅުމުގައި ނެތް ކަމަށް ބުނެ، މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ މިއަދު އެއްފަރާތްކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި މައްސަލާގައި ބަހުސްކުރަން ކަނޑައަޅާފައިވާ މެމްބަރުން ތަޅުމުގައި ނެތް ކަމަށް ބުނެ، މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ މިއަދު އެއްފަރާތްކޮށްފި އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ހުށަހެޅުއްވި އެ މައްސަލަ އަށް ބަހުސް ކުރުމަށް މިއަދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 37 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް ބަހުސް ފެށި އެވެ. އެ މައްސަލަ ބަލައިގަނެ، ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.

ހެނދުނުގެ ސައި ވަގުތަށް ބަހުސް މެދުކަނޑާލުމަށް ފަހު، ޖަލްސާ އަލުން ފެށުމާއެކު ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ބަހުސްގައި ވާހަކަ ދައްކަވަން އަދި ހަތަރު މެމްބަރުން ތިއްބެވި ކަމަށާއި ނަމަވެސް، އޭގެ ތެރެއިން އެއްވެސް މެމްބަރަކު ތަޅުމުގައި ނެތް ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 184 ވަނަ މާއްދާގެ ދަށުން، ބަހުސްގައި ވާހަކަ ދައްކަވަން ރިޔާސަތުން ހަމަހަމައަށް ބަހާލައި، އެ ފުރުސަތު ދޭން ވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ މާއްދާގެ ދަށުން ހަމަހަމަ ފުރުސަތު ދޭން ޖެހެނީ، މައްސަލަ ހުށަހެޅުއްވި މެމްބަރަށާއި ސިޔާސީ ޕާޓީތަކުގެ ކޮންމެވެސް އެއް މެމްބަރަކަށް އަދި މިނިވަން މެމްބަރުންގެ ތެރެއިން އެއް މެމްބަރަކަށެވެ.

އެއާ އެކު، ރިޔާސަތުން ވަނީ މިއަދުގެ އެޖެންޑާގައި ދެން އޮތް އައިޓަމްގެ ބަހުސް ފައްޓަވައިފަ އެވެ.

އެ ބަހުސް ފެއްޓެވުމާއެކު، އެމްޑީޕީގެ މެމްބަރުން ނިޒާމީ މައްސަލަ ނަންގަވައި ރިޔާސަތުގެ ނިންމުމަށް އިއުތިރާޒު ކުރެއްވި އެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިމްތިޔާޒްގެ މައްސަލައެއް ހުށަހަޅައި، ބަހުސްކުރަން އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ވަކި ގޮތަކަށް އެ މައްސަލަ ނިންމަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"...މަޖިލީހަށް ފެންނަ ގޮތެއް ނުނިންމައި، އެހެން އެޖެންޑާ އައިޓަމަކަށް މިވަނީ ދެވިފައި. މިއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުރެވޭ ކަމެއް ކަމަށް ފެންނާތީ މި ނިޒާމީ މައްސަލަ މި ނެގީ،" އަސްލަމް ވިދާޅުވި އެވެ.

ޖަވާބުގައި ރިޔާސަތުން އަފީފް ވިދާޅުވީ، ބަހުސްގައި ވާހަކަ ދައްކަވަން ކަނޑައަޅާފައިވާ މެމްބަރުންނަށް ވަގުތު ދޭންޖެހޭ ކަމަށް ގަވާއިދުގައި ބުނާ ކަމަށެވެ.

އެ ފުރުސަތު ނުދީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް މަޖިލީހުގެ އިދާރާގެ ލަފާ އާ ވެސް ހަވާލާ ދެއްވައި އަފީފް ވިދާޅުވި އެވެ.

ނިޒާމީ ނުކުތާތައް ނަންގަވައިގެން އެއް މެމްބަރަކު އަނެއް މެމްބަރަކަށް ރައްދު ދެއްވުމާއި ވައްކަމުގެ ތުހުމަތުތައް މިއަދުގެ ބަހުސްގެ ތެރެއިން ވެސް އަމާޒުކުރައްވަމުން ގެންދެވި އެވެ.

އަދި މަޖިލީހުގެ ގަވާއިދާ ހިިލާފަށް މަޖިލިސް "ހިސޯރުކޮށްގެން" ޖަލްސާ ކުރިއަށް ގެންދަވާ ކަމުގެ ތުހުމަތު އެމްޑީޕީ މެމްބަރުން ގެންދެވީ ތަކުރާރުކޮށް ރިޔާސަތަށް އަމާޒުކުރައްވަމުންނެވެ.

ބަހުސްގެ ތެރެއިން، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ އިތުބާރުނެތް ކަމުގެ މައްސަލަތަކާއި މަޖިލީހުގެ މުހިންމު މަސައްކަތްތައް ނުނިންމައި ޗުއްޓީއަށް ނުދިއުމަށް ހުށަހަޅުއްވައިފަ އެވެ. އެ ހުށަހެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ތާއީދުކުރައްވައިފަ އެވެ.

އެ ހުށަހެޅުމަށް ވޯޓަށް އަހައި ގޮތެއް ނިންމުމަށް ރޮޒެއިނާ ވަނީ ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ.

އިމްތިޔާޒްގެ މައްސަލާގައި ބުނީ ކީކޭ؟

ޝަރީފު ހުށަހެޅުއްވި އިމްތިޔާޒްގެ މައްސަލާގައި ބުނީ އީވާގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް ހަމަވުމަށް ފަހު، އެންމެ އަވަހަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިހުގެ ރައީސް ކަމަށް ބުނެފައިވީ ނަމަވެސް ނަޝީދު އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އިންކާރު ކުރައްވާފައިވާ ކަމަށެވެ.

ރިޔާސަތާ ހަވާލުވެވަޑައި ނުގެން އެ ދުވަހު މަޖިލީހުގެ ކުޑަދޮށާއި އެހެނިހެން ހަރަކާތްތަކުގައި ނަޝީދު ބައިވެރިވެވަޑައިގަތް ކަމަށާއި އޭގެ ސަބަބުން އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މިއީ މުޅި މަޖިލީހުގެ ހައްގަށް އަރައިގަތުން. ޖުމްލަ ގޮތެއްގައި އިމްތިޔާޒަށް އުނިކަން އަންނަ އަމަލެއް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ނަޝީދު އެގޮތަށް އަމަލު ކުރައްވާފައި ވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފަށެވެ. އެކަމާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒަށް ނަޝީދު އަރައިގަތް މައްސަލަ ބަލައިދިނުމަށް ޝަރީފް ހުށަހެޅުއްވި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އިމްތިޔާޒާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ނަމަ އެހެން ހުރިހާ މަސައްކަތަކަށް ވުރެ ކުރިން އިސްކަން ދޭން ޖެހެ އެވެ. އެ އާ ގުޅޭ ގޮތުން ގޮތެއް ނުނިންމައި އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ގަވައިދުގައި ވެ އެވެ.