Roadha Mihaaru
"މުގާބޭ" އަށް ގޮވައި، ޖަލްސާ ހުއްޓުވައިފި

އިވާގެ މައްސަލަ އެޖެންޑާނުކުރާތީ "މުގާބޭ" އަށް ގޮވައި، ޖަލްސާ ހުއްޓުވައިފި

12 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރާތީ، އެމްޑީޕީ މެމްބަރުން ނިޒާމީ ނުކުތާތައް ނަންގަވައި، ތަޅުމުގައި އަޑުގަދަކޮށް މިއަދުގެ ޖަލްސާ ހުއްޓުވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރާތީ، އެމްޑީޕީ މެމްބަރުން ނިޒާމީ ނުކުތާތައް ނަންގަވައި، ތަޅުމުގައި އަޑުގަދަކޮށް މިއަދުގެ ޖަލްސާ ހުއްޓުވައިފި އެވެ.

އީވާގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވެސް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން އިސްވެ ހުށަހަޅާފައިވާއިރު، އެ މައްސަލަ އޮތުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުވެރިވެވަޑައިގަންނަވާ ކަމަށް އެ ދެ ބޭފުޅުން ވެސް އަންގަވާފައިވާތީ، މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށީ، ރިޔާސަތު ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާ ހަވާލުކުރައްވައިގެންނެވެ.

ޖަލްސާ ފެށުމާ އެކު، އެމްޑީޕީ މެމްބަރުން ފުރަތަމަ ޝަކުވާ ކުރެއްވީ ރިޔާސަތުގައި އަފީފު އިންނެވުމުންނެވެ. މަޖިލީހުގެ ގަވާއިދާ ހަވާލާދީ، ނިޒާމީ ނުކުތާ ނަންގަވައިގެން އެކަން ސާފުކޮށް ދެއްވުމަށް ރިޔާސަތުގެ ކިބައިން އެދެމުން ގެންދެވި އެވެ.

މީގެ ކުރިން ވެސް އަޅުގަނޑު މިތާ [ރިޔާސަތުގައި] އިނދެފިން. ތި މައްސަލައެއް އެއިރު ނުނަންގަވާ-- ހަސަން އަފީފް

ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމާ ގުޅޭގޮތުން، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އެ ވަގުތު ޖަލްސާ ކުރާ މާލަމުގައި އިންނެވި އެވެ. ސުވާލުކުރަން ރިޔާސަތު ފުރުސަތު ދިނުމުން، ސުވާލު ނުކުރައްވާ މުޣުނީ ގެންދެވީ އަފީފް ރިޔާސަތުގައި އިންނެވި ސަބަބު ސާފުކޮށްދެއްވަން ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ.

"..މި މަޖިލީހުގައި ވާނުވާ ރެކޯޑަށްޓަކައި އެބަޖެހޭ ސާފުކޮށްދެއްވަން،" މުޣުނީ އެދިވަޑައިގަތެވެ.

އެއާއެކު އަފީފު ވަނީ، ސުވާލު ކުރަން ދެކޮޅު ހައްދަވާތީ އެ އައިޓަމް ކުރިއަށް ނުގެންދަވައި، ނަހުލާ ވަޑައިގަތުމުގެ އިޒުނަ ދެއްވައިފަ އެވެ.

އެއާ ވިދިގެން، އެމްޑީޕީ މެމްބަރުން ދެން ފާހަގަކުރައްވަން ފެއްޓެވީ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދަށް ހަމަވެފައިވާއިރު، އެ މައްސަލަ މިއަދަށް އެޖެންޑާ ނުކުރި މައްސަލަ އެވެ.

އެކަމަށް ޖަވާބު ދެއްވަމުން، ރިޔާސަތުން އަފީފް ވިދާޅުވީ އެކަން ވަރަށް ތަފްސީލުކޮށް އަމީންއާންމުގެ ސިޓީއަކުން މެމްބަރުންނަށް މައުލޫމާތު ދެއްވާފައިވާނެ ކަމަށެވެ. އަފީފު އިޝާރާތް ކުރެއްވި ސިޓީގައި އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވެފައި ވަނީ، އީވާގެ މައްސަލައިގެ ވަގުތު ކަނޑައަޅަންޖެހޭއިރު، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުން މަޑުޖެހިފައިވާތީ، މައްސަލަ އެޖެންޑާ ކުރެވޭނީ އާންމު ކޮމިޓީން އެ މައްސަލައިގެ ވަގުތު ކަނޑައެޅުމުން ކަމަށެވެ.

އެކަމަކު އެއިގެ ފަހުން ވެސް އެމްޑީޕީ މެމްބަރުން ގެންދެވީ ފުލުފުލުގައި ނިޒާމީ ނުކުތާތައް ނަންގަވައި އީވާގެ މައްސަލަ ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވަމުންނެވެ.

ކޮމިޓީތައް އެކުލަވާނުލެވޭ ކަމަށް އަމީން އާއްމު ވިދާޅުވި ވާހަކަ އަށް ރިޔާސަތުން އަފީފު އިޝާރާތް ކުރައްވާތީ، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާއިން "ގެއްލުނު" ކަން ފާހަގަކުރައްވައި، އެ ސުވާލު އަމާޒުކުރައްވައިފަ އެވެ.

"ރިފްއަތުގެ މައްސަލަ އެޖެންޑާއިން އުނިކޮށްފައި ވަނީ ގަވާއިދުގެ ކޮން މާއްދާއަކަށް ރިއާއަތްކޮށްތޯ؟،" މޯޑު ސުވާލު ކުރެއްވި އެވެ.

ރާއްޖޭގެ ދެކުނު އިން ވަކިކުރުމުގައި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް ބުނެ، އިދިކޮޅު މެމްބަރުން އިސްވެ ބަންޑާރަ ނައިބު މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަ މިދިޔަ ހަފްތާގައި އެޖެންޑާ ކުރެވި ބަހުސް ވެސް ފެއްޓި އެވެ. އެކަމަކު އެ މައްސަލައިގެ ތެރެއިން އުފެދުނު ގާނޫނީ ސުވާލުތަކާއެކު އެ މައްސަލަ ރިޔާސަތުން ވަނީ ޕާކުކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި އަފީފު ވިދާޅުވީ އެޖެންޑާ ކަނޑައަޅުއްވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަމަށެވެ.

އެއާއެކު މެމްބަރުން ވަނީ ރިޔާސަތަށް ނިސްބަތްކޮށް "މުގާބޭ" އަށް ގޮވައި އަޑުގަދަކުރައްވައިފަ އެވެ. މެމްބަރުން އަޑުގަދަކުރައްވާތީ، އަފީފު ވަނީ 15 މިނެޓެއްހާ އިރަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލައްވައިފަ އެވެ.

އެއިގެ ފަހުން ޖަލްސާ ފެށުމަށް ފަހު، މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ހުށަހެޅުއްވުމުގެ ފުރުސަތު ރިޔާސަތުން ދެއްވި އެވެ. އެކަމަކު އެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން ގެންދެވިއިރު ވެސް، އެމްޑީޕީ ގިނަ މެމްބަރުން ގެންދެވީ ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަކުރައްވައި، އެކަމަށް ހުރަސްއަޅުއްވަމުންނެވެ. އަދި އާދަމް ޝަރީފްގެ ވާހަކަ ހުއްޓުވަން އޭނާގެ މައިކު ވެސް އަތުލި އެވެ.

އެއާއެކު މަޖިލީހުގެ ކުރިއަށް ގެންދެވޭނެ ޖާގައެއް ނެތް ކަމަށް ވިދާޅުވެ، ރިޔާސަތުން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފަ އެވެ.