Roadha Mihaaru
އޭޖީގެ މައްސަލަ "ގެއްލިއްޖެ" ކަންބޮޑުވުމެއް ނެތް!

އޭޖީގެ މައްސަލަ މަޖިލިހުން "ގެއްލިއްޖެ"، ކަންބޮޑުވުމެއް ވެސް ނެތް!

07 ޖޫން 2023

ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން އިއްގެ ޖަލްސާގައި ކޮޅަށް ތެދުވެވަޑައިގެން އިހުތިޖާޖު ކުރެއްވީ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދާތީ އެވެ. މިދިޔަ ހޯމަ ދުވަހާއި އިއްޔެގެ ޖަލްސާގައި ފެނުނީ އެކިއެކި ކަންކަން ކުރިއަށް ނެރުއްވައި، ބަންޑާރަ ނައިބު ރިފްއަތުގެ މައްސަލައިގެ ބަހުސް ކުރިއަށް ނުގެންދެވިގެން ރިޔާސަތުން އުޅުނު ތަނެވެ. މައްސަލަ ހުށަހެޅި މެމްބަރުން ވެސް ތަފާތު މައްސަލަތައް ޖެއްސުމުން ދެ ދުވަހުގެ ޖަލްސާ ވެސް ކުރިއަށް ގެންދިޔައީ ނިޒާމީ މައްސަލަތަކުގެ އޮއިވަރެއްގަ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން އިއްގެ ޖަލްސާގައި ކޮޅަށް ތެދުވެވަޑައިގެން އިހުތިޖާޖު ކުރެއްވީ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދާތީ އެވެ. މިދިޔަ ހޯމަ ދުވަހާއި އިއްޔެގެ ޖަލްސާގައި ފެނުނީ އެކިއެކި ކަންކަން ކުރިއަށް ނެރުއްވައި، ބަންޑާރަ ނައިބު ރިފްއަތުގެ މައްސަލައިގެ ބަހުސް ކުރިއަށް ނުގެންދެވިގެން ރިޔާސަތުން އުޅުނު ތަނެވެ. މައްސަލަ ހުށަހެޅި މެމްބަރުން ވެސް ތަފާތު މައްސަލަތައް ޖެއްސުމުން ދެ ދުވަހުގެ ޖަލްސާ ވެސް ކުރިއަށް ގެންދިޔައީ ނިޒާމީ މައްސަލަތަކުގެ އޮއިވަރެއްގަ އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އޭޖީ އޭނާގެ ދިފާއުގައި ދެއްކެވި ވާހަކައިން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހެޅުއްވި މައްސަލައާ އެކު ބޮޑު ސުވާލެއް އުފެދި، ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެގެ ޖަލްސާގައި ނިންމެވީ، އިމްތިޔާޒުގެ މައްސަލަ ބެލެންދެން އޭޖީގެ އިތުބާރުގެ މައްސަލަ ޕާކު ކުރުމަށެވެ.

އޭޖީގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދަން ފުރުސަތު ނުދެއްވާތީ އެމްޑީޕީގެ މެންބަރުން އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވައި އިއްޔެގެ ޖަލްސާފައި ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވި އެވެ. ނަމަވެސް އެޖެންޑާގައި ދެން ހުރި މަސައްކަތްތަކަށް ނަޝީދު ވަޑައިގަތުމުން، އެ މެންބަރުން ތެދުވެވަޑައިގެން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރެއްވި އެވެ.

އެ ކަން ހޫނުވެ، މަޖިލީހުގެ ނިޒާމު ގެއްލިއްޖެ ކަމަށް ކަނޑައަޅައި، ހެނދުނުގެ ސަޔަށް ފަހު އެންމެ ފަހުން އިއްޔެގެ ޖަލްސާ ނިންމާލީ އެވެ.

އޭގެ ފަހުން، ޑިމޮކްރަސީއާ ދުރު، އަމިއްލަ މަންފާ އަށް ގާނޫނުތަކާއި ގަވައިދުތައް މުގުރާލާކަމަށް ތުހުމަތުކޮށް، މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ނިންމައި، އެކަމަށް ބޭނުންވާ ވަރަށް ހަތް ގަޑިއިރުގެ ތެރޭގައި ސޮއި ހަމަކުރި އެވެ.

އިމްތިޔާޒުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް، އެހެން މައްސަލައެއްގެ ބަހުސަށް މަޖިލިހުގެ ގަވާއިދު ތަން ނުދޭ ކަމަށް ވިދާޅުވެ، އިއްޔެގެ ޖަލްސާގައި ދެ ފަރާތުން ހޫނު ޒުވާބެއް ހިންގިޔަސް މިއަދުގެ ޖަލްސާގެ މަންޒަރު މުޅިން ތަފާތެވެ. ޖަލްސާގައި އެހެން ކަންކަން އެޖެންޑާ ކޮށްފައި އޮތަސް އަޅައެއް ނުލަ އެވެ. އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއަކު ނެތެވެ. ވީ ގޮތެއް ވެސް ނޭނގުނެވެ.

މިއަދުގެ ޖަލްސާ ފެށީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އުފައްދަން މަސައްކަތް ކުރާ ޕާޓީ އަށް ސޮއިކުރި މީހުންނަށް ސަރުކާރުން ބިރު ދައްކާ ކަމަށް ބުނެ، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިންނެވެ.

އެ މައްސަލަ ވޯޓަށް އަހައި މަޖިލީހުން ބޭރުކޮށްލުމުން، އެޖެންޑާގައި ދެން އޮތް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މުދަލާއި ހިދުމަތުގެ އަގުބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރުގެ ބަހުސް ކުރިއަށް ނަޝީދު ކުރިއަށް ގެންދެވި އެވެ.

ސަރުކާރާ އިދިކޮޅު މެމްބަރުން ފުލުފުލުގައި ފުރުސަތު ހޯއްދަވައިގެން ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރުގަދަ ތުހުމަތުތަކާއި ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރައްވަމުން ގެންދެވިއިރު، ސަރުކާރު މެމްބަރަކު ތަޅުމުން ނުފެނުނެވެ.

އިއްޔެގެ ޖަލްސާ ހޫނުވި ނުކުތާ މިއަދު ފާހަގަކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެކަންޏެވެ.

"އެޓާނީ ޖެނެރަލްގެ ނޯ ކޮންފިޑެންސް މައްސަލައަށް ކިހިނެއްތޯ ވީ؟" ނިޒާމީ މައްސަލައެއް ނަންގަވައި ރޮޒައިނާ ސުވާލު ކުރެއްވި އެވެ.

އެ ނިޒާމީ މައްސަލަ އަށް ރިޔާސަތުން އިޖާބަ ނުދެއްވައި، ބަހުސް ކުރިއަށް ގެންދެވި ނަމަވެސް، އޭގެ ފަހުން އެ މައްސަލަ ސަރުކާރަށް ތާއީދު ކުރައްވާ އިތުރު އެއްވެސް މެމްބަރަކު ޖައްސަވާފައެއް ނުވެ އެވެ.

ބަހުސްގެ މެދު ތެރެއިން، އެމްޑީޕީގެ މެމްބަރުން ތަޅުމުގައި ނެތް ކަން ރިޔާސަތުން ނަޝީދު ފާހަގަކުރެއްވި އެވެ.

"...މި ވަގުތު ކޮމިޓީތަކެއް ނުހިނގާ. އެހެންވީމާ މެމްބަރުން ތިއްބަވަން ޖެހޭނީ މަޖިލީހުގެ ތަޅުމުގައި. މަޖިލީހުގެ ތަޅުމުގަ ހާއްސަކޮށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން މި ތަޅުމުގައި ނެތި ދާ ކަމީ އަޅުގަނޑު ހިތުން ވަރަށް ބޮޑު ކަންބޮޑުވުމެއް،" ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން ވެސް، ބަހުސްގައި މުޅިން ވެސް ވާހަކަ ދެއްކެވީ ސަރުކާރާ އިދިކޮޅު މެމްބަރުންނެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުން ތަޅުމުގައި ނެތް ކަމުގެ ޝަކުވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ނިޒާމީ ނުކުތާއެއް ނަންގަވައި ފާހަގަކުރެއްވި އެވެ.

"...ގަދަކަމުން މަސައްކަތް ކުރުވުން އެއީ ކަނޑައެޅިގެން މަނާކޮށްފަ އޮތް ކަމެއް. ކުއްލިއަކަށް ސަރުކާރު ހުރިހާ މެމްބަރުން ފުއްޓަތްކެއް ޖަހާލާފައި ރައީސް އޮފީހުން މި ތަނުން ނެރޭ ނެރުމާއި ވައްދާ ވެއްދުމާއި ރައީސްގެ ސަމާލުކަމަށް ގެންނަން،" އޭނާ ވިދާޅުވި އެވެ.

ވަހީދު ނެންގެވި ނިޒާމީ މައްސަލަ ރިޔާސަތުން ނަޝީދު ވަނީ ބަލައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

"މި މަޖިލީހަކީ 87 މެމްބަރުންގެ މަޖިލީހެއް. އަޅުގަނޑު ފާހަގަކޮށްފިން ކޮމިޓީތަކެއް ނުހިނގާ. މި ވަގުތު ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން މިތާ ގޮނޑިތަކުގައި ނުތިއްބަވާންވީ އެއްވެސް ސަބަބެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު، އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވާހަކައެއް މިއަދު ނުދައްކަވަ އެވެ. އިމްތިޔާޒުގެ މައްސަލަ މަޖިލިހަށް ވައްދާފައިވާއިރު ވެސް އެ އަށް ވުރެ އެހެން މައްސަލަތައް ރިޔާސަތުން ކުރިއަށް ނެރުއްވައި އެޖެންޑާގައި ހިމެނި ސަބަބެއް ނޭނގުނެވެ. އެކަމަކު، އިއްޔެ އެއީ މައްސަލައަކަށް ވި އެވެ. މިއަދު މާ ބޮޑު ކަމަކަށް ނުވި އެވެ.