Roadha Mihaaru
އީސަގެ މައްސަލާގައި އަންހެން މެންބަރުންގެ އަޑެއް ނެތް

އީސަގެ މައްސަލާގައި އަންހެން މެންބަރުންގެ އަޑެއް ނެތް

20 މެއި 2021

ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ އަނބިކަނބަލުންނަށް އަނިޔާކުރި ކަމުގެ ތުހުމަތާ އެކު ހައްޔަރުކުރުމާ ހަމަޔަށް ދިޔައިރު ވެސް މަޖިލީހުގެ އަންހެން މެންބަރުން އެކަމާ ވާހަކަ ނުދައްކަވާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ އަނބިކަނބަލުންނަށް އަނިޔާކުރި ކަމުގެ ތުހުމަތާ އެކު ހައްޔަރުކުރުމާ ހަމަޔަށް ދިޔައިރު ވެސް މަޖިލީހުގެ އަންހެން މެންބަރުން އެކަމާ ވާހަކަ ނުދައްކަވާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ އެންމެ ހަތަރު އަންހެން މެމްބަރުން ނަމަވެސް އަންހެނުންނާއި ކުޑަކުދިންގެ ހައްގުގައި އެ ބޭފުޅުންގެ އަޑު އަބަދުވެސް ގަދަ އެވެ. އަންހެނުންނާއި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގައި މަޖިލީހުގައި ބަހުސް ކުރުމުގެ މާކުރިން އެ ބޭފުޅުން އެ ވާހަކަތައް ފައްޓަވަ އެވެ. ނަމަވެސް މިފަހަރު އަދި އަޑެއްބަޑެއް ނީވެ އެވެ.

އަންހެނުންނަށް ހައްގުތައް ހޯދައިދިނުމުގެ ބޮޑު ވައުދާއެކު މަޖިލީހަށް ވަޑައިގެންނެވި މެމްބަރުން މި މައްސަލައިގައި ވާހަކަ ނުދައްކާތީ ފާޑުކީ އެކަކު ބުނީ މިކަމުގައި އަންހެން މެންބަރުން މަޑުން ތިއްބަވާތީ ހިތް ހަލާކުވާ ކަމަށެވެ.

"ކޮންމެފަދަ ކަމެއް ކުރިޔަސް ދިފާއުގައި ނުކުންނަހާ ފިރިހެން މެންބަރުންނާ މީހުންނާ ބަލާގައި އަންހެން އިއްޒަތްތެރި މެންބަރުން ހަނު ހުންނަވާތީ ހިތް ހަލާކުވޭ. އަޅުގަނޑުމެންނަށް ރައްކާތެރިކަން ލިބޭނީ ތި ބޭފުޅުން އިސްވެ ބަސް ބުނީމާ. ކުށްވެރި ކުރީމަ،" ޓްވިޓާގައި އަންހެނަކު ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް، ގޯޅިގަނޑެއްގެ ތެރެއަށް ވައްދައި އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައެއް ފެންމަތިވެ އާއްމުންގެ ރުޅިގަނޑު ފަޅައިގެން ދިޔައިރު ވެސް މަޖިލީހުގެ އަންހެން މެންބަރުންގެ ފަރާތުން ފެނުނީ ހަމަ މިކަހަލަ މަންޒަރެކެވެ.

އެހެން މީހަކު ކުރި ޓްވީޓެއްގައި އަންހެނުންގެ ދިފާއުގައި ފިރިހެނުން ވާހަކަ ނުދައްކާނެ ކަމަށް ބުނެ، މަޖިލީހުގެ އަންހެން މެންބަރުން ޓެގްކޮށް، އެ މެންބަރުން ކޮބައިތޯ ސުވާލުކޮށްފައިވެ އެވެ.

މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން އަންހެނުންނަށް ތިއްބެވީ އެންމެ ހަތަރު ބޭފުޅެކެވެ. އެއީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އަދި އައްޑޫ މީދޫ ދާއިރާގެ ރޮޒެއިނާ އާދަމެވެ.

މަޖިލީހުގެ އަންހެން މެންބަރުންގެ އަޑެއް ނީވުނަސް، އެމްޑީޕީގެ ފިރިހެން ބައެއް މެންބަރުން މިހާރު ދަނީ އީސަ، މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމާއި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ހިމެނިވަޑައިގަންނަވަ އެވެ.

ގެވެށި އަނިޔާގެ ތުހުމަތު ދޮގުކޮށް އީސަ ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ކުރިން، އެ މަގާމުން އޭނާ ވަކިކުރަން އިޖުތިމާއީ ކޮމިޓީން ބައްދަލުވުމެއް ބޭއްވި އެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީގެ ކޯރަމް ހަމަނުވުމުން ބައްދަލުވުން ކުރިއަށްގެންދެވޭ ގޮތެއް ނުވީ އެވެ.

"އަޅުގަނޑުގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށިއަނިޔާގެ މައްސަލައެއް މި ވަގުތު ތަހުގީގުކުރެވެމުން ދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަ ގޮތުގައި އެއްބާރުލުން ދިނުމަށްޓަކައި، މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އަޅުގަނޑު އިސްތިއުފާ ދިން ވާހަކަ ދަންނަވަމެވެ." އީސަގެ ސިޓީގައިވެ އެވެ. އެ މައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވަނީ ކޯޓު އަމުރަކަށް އެދިފަ އެވެ.