Roadha Mihaaru
ބޮޑުހިޔާނާތް: އިތުރު 14 ނަމެއް، ހާމަކުރުން މަނާ

ބޮޑުހިޔާނާތާ ގުޅޭ ލިސްޓަށް އިތުރު 14 ނަމެއް، މައުލޫމާތު ބޭރުކުރުން މަނާ

09 މެއި 2021

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ލިސްޓް، ތަހުގީގީ އިދާރާތަކުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި އިރު އެ ލިސްޓަށް 14 ނަމެއް އިތުރުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ލިސްޓް، ތަހުގީގީ އިދާރާތަކުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި އިރު އެ ލިސްޓަށް 14 ނަމެއް އިތުރުކޮށްފި އެވެ.

ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި ފަރާތްތަކާއި ކުރިން ތިބި ފަރާތްތަކުގެ ތެރެއިން ހިޔާނާތާ ގުޅޭ ފަރާތްތަކުގެ ލިސްޓް ހޯދަން މަޖިލީހުން އެދުނީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންގެ އިދާރާއާއި އެސެޓް ރިކަވަރީ ކޮމިޝަނުގަ އެވެ.

އެ މައުލޫމާތު ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އިދާރާތަކުން ފޮނުވި ލިސްޓްގައި ޖުމްލަ 281 ނަމެއް އެބައޮތް ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ބުނެފައި އޮތީ އެ ލިސްޓްގައި ހިމެނެނީ 267 ފަރާތެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ލިސްޓްގައި ހިމެނޭ ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާކުރަން މިހާރު ފޮނުވާފައި ވާއިރު އަނެއްބައި ފަރާތްތަކުގެ ތަހުގީގު އަދި ދަނީ ކުރިއަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި އެދިފައި އޮތީ ލިސްޓްގައިވާ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭރު އެ މުއައްސަސާތަކަށް ނިސްބަތްވީ ފަރާތްތަކާ އަދި މިހާރު ވެސް މިހާރު ވެސް ދެމިތިބި މީހުންގެ ލިސްޓެއް އޮތީ ދީފައި. އޭގެ ތެރޭގައި އެބަ އޮތް ޖުމްލަ 281 ފަރާތެއްގެ ނަން އެބަ އޮތް ހިމަނާފަައި، އަޅުގަނޑު އޭގައި އޮތް ހުރިހާ ނަންތަކެއް ނުދަންނަވާނަން ސިއްރު ހިފެހެއްޓުމުގެ ބޭނުމުގައި،" އިންތި ވިދާޅުވި އެވެ.

މައުލޫމާތުތައް ބެލޭނީ ހަމަ އެކަނި ކޮމިޓީގައި

އެމްްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ މައްސަލަ ބަލަން 241 ކޮމިޓީން އެކުލަވައިލި ސަބްކޮމިޓީގައި ވެސް ފާސްކޮށްފައި އޮތް އުސޫލަކީ ލިބިފައިވާ މައުލޫމާތު މަޖިލީހުން ބޭރަށް ގެންދިއުމުގެ ފުރުސަތު އެއްވެސް މެމްބަރަކަށް ނުދިނުމަށެވެ. އެ މައުލޫމާތު މެމްބަރުންނަށް ވެސް ބެލޭނީ ހަމަ އެކަނި ކޮމިޓީ އަށް ހާޒިރުވެވަޑައިގަންނަވައިގެންނެވެ.

ޖޮއިންޓް ކޮމިޓީގައި ވެސް އެގޮތަށް މަސައްކަތް ގެންދަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ. އޭނާ ވިދާޅުވީ ކުރިން ލިބިފައި ހުރި މައުލޫމާތާ މެދު ވެސް އަމަލުކޮށްފައި އޮންނާނީ އެގޮތަށް ކަމަށެވެ.

"ސަބްކޮމިޓީގައި ހިމެނޭ މެމްބަރުންނަށް ވެސް އޭއްޗިހި ނުގެންދެވޭ ގޮތަށް އޭރު ހަމަޖެހިފައި އޮތީ ހަމަ އެ އުސޫލުން މީގައި ވެސް އަމަލުކޮށްދެއްވަން އަަޅުގަނޑަށް ފެނޭ މުގައްރިރު. މެމްބަރުން އިއުތިޒާޒް ނުކުރައްވާ ކަަމަށް ވަންޏާ. އޭގެ މާނައަކީ ކޮމިޓީގެ ކޮންމެ މެމްބަރަކަށް ވެސް އެ މައުލޫމާތު ހުރި ތަނަކަށް ވަޑައިގަތީމައި އެ ބަަލަން އޮންނަ އުސޫލަކުން ބެލޭނެ ގޮތް ހެދުން،" ހަސަން ވިދާޅުވި އެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރައްވައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ އެގޮތަށް ކަންތައް ކުރަން ޖެހެނީ އެއީ މީހުންގެ މުޅި ދިރިއުޅުމާ ގުޅިފައިވާ ހައްސާސް މައުލޫމާތަށް ވާތީ ކަމަށެވެ.

"އަޅުގަނޑުމެން އެއްޗެއް ލީކްކޮށްލީމާ ވާހެނެއް ނޫން މުޖުތަމައު ތެރޭގައި މިކަން ވެގެންދާނީ،" އޭނާ ވިދާޅުވި އެވެ.

އެގޮތަށް ފާސްކުރީ ޖޮއިންޓް ކޮމިޓީގެ އިއްތިފާގުންނެވެ.

މަސްލަހަތު ފުށުއަރާ މެމްބަރުން ބަދަލުކުރާނެ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ މައްސަލަ ބަލާ އިރު މަސްްލަަހަތު ފުށުއަރާ މެމްބަރަކު ޖޮއިންޓް ކޮމިޓީގައި އިނދެއްޖެ ނަމަ އެ މެމްބަރަކު ބަދަލުކުރަން ވެސް މިއަދު ފާސްކުރި އެވެ. އެގޮތަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

އިލްޔާސް ވިދާޅުވީ 241 ކޮމިޓީގެ ސަބްކޮމިޓީގައި އެފަދަ މެމްބަރުން ތިއްބެވި ނަމަ އެ މެމްބަރުން ބަދަލުކުރަން ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތަށް ފާސްކޮށްފައި ސިއްރު މަޝްވަރާތަކަށް ފަހު ހަސަން ލަތީފު ހުށަހެޅުއްވީ ސަބްކޮމިޓީގައި މިހާރު އިންނަވާ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ބަދަލުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހަމަޖެއްސުމަށެވެ. އެކަމަކު އެގޮތަށް ހުށަހެޅުއްވީ ސީދާ ކީއްވެ ކަމެއް ހަސަން ވިދާޅެއް ނުވެ އެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެ ހުށަހެޅުން ވެސް ފާސްކުރީ ކޮމިޓީގެ އިއްތިފާގުންނެވެ.