Roadha Mihaaru
ހިޔާނާތު ލިސްޓަށް ފިޔަވަޅުއަޅަން އަންގަން ފާސްކޮށްފި

ހިޔާނާތުގެ ލިސްޓުގައި ނަން އޮތް މީހުންނަށް ފިޔަވަޅު އަޅަން އަންގަން ފާސްކޮށްފި

19 މެއި 2021

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެެރެއިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނަށް މިހާރުން މިހާރަށް އެޅެން އޮތް ފިޔަވަޅެއް އަޅަން ސަރުކާރަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެެރެއިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނަށް މިހާރުން މިހާރަށް އެޅެން އޮތް ފިޔަވަޅެއް އަޅަން ސަރުކާރަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަގާމުތަކުގައި ތިބި މީހުންނަށް ފިޔަވަޅު އަޅަން އަންގަން ކަނޑައަޅާފައި އޮތީ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ މީހުންގެ ލިސްޓް ދިރާސާކުރުމަށް ފަހު ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އެކުލަވައިލި ރިޕޯޓްގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ. އޭރު ޖަލްސާގައި ބައިވެރިވެވަޑައިގެން ތިއްބެވީ ރިޔާސަތުގައި އިންނެވި، ނައިބު ރައީސް އިވާ އަބްދުﷲ ހިމެނިވަޑައިގަންނަވާ ގޮތުން 46 މެމްބަރުންނެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރިޔާސަތުންް ވޯޓުގައި ބައިވެރިވާނީ ދެކޮޅަށް ވޯޓު އެއްވަރުވާ ހާލަތްތަކުގައި އެކަންޏެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި ފަރާތްތަކާއި މަގާމުތައް ކުރިން އަދާކޮށްފައިވާ ފަރާތްތަކުގެ ލިސްޓު ވަކިން ހޯދަން މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. ހިޔާނާތުގެ މައްސަލަ ބަލައި، ދައުލަތަށް ގެއްލުނު މުދާ އަނބުރާ ހޯދަން އުފެއްދި ރިޔާސީ ކޮމިޝަން ( އެެސެޓް ރިކަވަރީ ކޮމިޝަން) އިން މަޖިލީހާ ހިއްސާކުރި އެ ލިސްޓް، ކޮމިޓީ މަރުހަލާގައި ވަނީ އާއްމުކޮށްފަ އެވެ.

އެ ލިސްޓް ދިރާސާކޮށް ޖޮއިންޓް ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި އަށް ކަމެއް ކުރަން ހުށަހަޅާފައި ވެ އެވެ.

ޖޮއިންޓް ކޮމިޓީގެ ބައެއް ހުށަހެޅުުންތައް

- މަގާމުތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން، މިހާރުން މިހާރަށް ވަކިކުރެވެން ހުރި ފަރާތްތައް ވަކިިކުރަން އެންގުން

- މަގާމުތަކުގައި ތިބި ފަރާތްތައް ނުފޫޒުފޯރުވައިފާނެތީ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުން.

- ތަހުގީގަށް އޭސީސީގެ ވަސީލަތްތައް ފުރިހަަމަށް ބޭނުން ކުރަން ކޮމިޝަނަށް އެންގުން

- ފައިސާ ހޯދަން ކަމާ ބެހޭ ފަރާތްތަކަށް އަންގައި އެކަން ކުރިއަށް ދާ ގޮތް މަޖިލީހުން ބަލަމުން ގެންދިއުން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް މިފަހަރު ފޮނުވި އިރު އެލިސްޓްގައި 281 ނަމެއް އެބަ އޮތެވެ. މިހާރުވެސް މަގާމުތަކުގައި ތިބި ގިނަ އަދަދެއްގެ ފަރާތްތަކުގެ ނަންތައް ލިސްޓުގައި އޮތް އިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ޖޮއިންޓް ކޮމިޓީ ރިޕޯޓަށް މިިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ގިނަ މެމްބަރުން ފާޑުވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތް ލަސްކަމުން، އެކަމަށެވެ.