Roadha Mihaaru
ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް އީވާ ނިންމަވައިފި

ނަޝީދުގެ ގަރާރު ބޭރުކޮށްފައި އޮތުމުން ކުރިއަށް ނުގެންދެވޭނެކަން އީވާ އިއުލާނުކުރައްވައިފި

12 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް އިއުލާނުކުރައްވައި، މިއަދު ބޭއްވި ދެވަނަ ޖަލްސާ ވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނިންމާލައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް އިއުލާނުކުރައްވައި، މިއަދު ބޭއްވި ދެވަނަ ޖަލްސާ ވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނިންމާލައްވައިފި އެވެ.

އެތައް ފަހަރެއްގެ މަތިން ގަރާރު އެޖެންޑާ ކުރިޔަސް، ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދެވި ދިގުލައިގެންގޮސްފައި އޮއްވައި، އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމަށް ފަހު އެވެ.

މިއަދު ހެނދުނު 9:00 ގައި ޖަލްސާ ފެއްޓެވީ މަޖިލީހުގެ ރިޔާސަތުގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތުގައި އިންނަވައިގެންނެވެ. ޖަލްސާ ފަށައި، އެ ގަރާރު ތަޅުމަށް ހުށަހެޅުއްވުމުގެ ކުރިން ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ ނިޒާމީ ނުކުތާތައް ނަންގަވައި، އެ ގަރާރު ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ، އެ މައްސަލަ ކުރިއަށް ގެންދަން ހުރަސްއަޅުއްވައިފަ އެވެ.

އޭގެ ރައްދުގައި އެމްޑީޕީ މެމްބަރުން ނިޒާމީ ނުކުތާތައް ނަންގަވައި، ތަޅުމުގައި ހިނގި ބޮޑު ޒުވާބަކަށްފަހު، ރިޔާސަތުން އަފީފް ޖަލްސާ ނިންމަވާލެއްވީ ގަރާރު ގޯސްކަމަށް ކަނޑައަޅުއްވައި، އަލުން ގަރާރު ހުށަހަޅަން އަންގަވައިފަ އެވެ. ޖަލްސާ ނިންމަވާލެއްވި އިރު، އެކަން އެ ގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ލަފާ ދެއްވަމުން ގެންދެވި ކަމަށް މެމްބަރަކު ވިދާޅުވި އެވެ.

އޭގެފަހުން، މަޖިލީހުގެ އިތުރު ޖަލްސާއެއް ކުއްލި ގޮތަކަށް ތާވަލުކޮށް، ޖަލްސާ ފެށީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތު އިންނަވައިގެންނެވެ. މިއީ ނަޝީދުގެ ގަރާރު ހުށަހެޅި ފަހުން، އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އީވާ ވަޑައިގެންނެވި ފުރަތަމަ ޖަލްސާ އެވެ.

އެކަމަކު ޖަލްސާ ފައްޓަވަމުން، އީވާ ވިދާޅުވި ގޮތުގައި ޖަލްސާގެ އެޖެންޑާގައި ހިމަނާފައި ވަނީ މިއަދު ހެނދުނު ބޭއްވި ޖަލްސާގެ ރިޔާސަތުން ގޮތެއް ނިންމާފައި އޮތް ގަރާރެއް ކަމަށެވެ.

"މި ގަރާރަކީ މިއަދު ހެނދުނު 9:00 ޖެހިއިރު ފެށުނު ޖަލްސާގައި މިއަދުގެ ރިޔާސަތުން އެ ޖަލްސާ އެ ހިސާބުން ނިމުނީ ކަމަށް ނިންމަވައި ބޭރުކޮށްފައިވާ ގަރާރެއް. އެހެންވީމާ އަޅުގަނޑެއް ގަބޫލެއް ނުކުރަން މިއީ މިއަދު ދެން އިތުރަށް ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށް. މި ގަރާރަކީ މަޖިލީހުގެ ރިޔާސަތުން ނިޒާމީ މައްސަލައެއްގައި ގޮތެއް ނިންމައި ބޭރުކޮށްފައިވާ ގަރާރެއް," ޖަލްސާ ނިންމަވާލައްވަމުން އީވާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، މިއަދު އިތުރު ޖަލްސާއެއް މަޖިލީހުގެ އިދާރާއިން ތާވަލުކުރީ ވެސް، އެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުކުރެވޭތީ އެވެ. ނަމަވެސް، މިއަދުގެ ދެވަނަ ޖަލްސާ އިން ވެސް އެ ގަރާރު ކުރިއަށް ގެންދެވޭ ގޮތް ނުވުމުން، ދެން ވާނެ ގޮތެއް އަދި ސާފެއް ނޫނެވެ.

މިކަމުގައި މަޖިލީހުގެ އިދާރާގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު މިއަދަށް އެ ގަރާރު ތާވަލުކުރުމުން، އަންނަ ހުކުރު ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރުމުގެ ޖަލްސާ އާ ހަމައަށް އެ ގަރާރު ކުރިއަށް ގެންދިޔުމަށް ހުރަސްއަޅާނެ ކަމުގެ އިޝާރާތެއް ނަޝީދު ވަނީ ދެއްވައިފަ އެވެ.