Roadha Mihaaru
ނެޓްފްލިކްސް އަށް މިޝެލް އޮބާމާގެ ކައްކާ ޝޯއެއް

ނެޓްފްލިކްސް އަށް މިޝެލް އޮބާމާގެ ކައްކާ ޝޯއެއް

11 ފެބުރުއަރީ 2021

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ މިޝެލް އޮބާމާގެ ކައްކާ ޝޯއެއް ކުޑަކުދިންނަށް ހާއްސަކޮށްގެން ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ މިޝެލް އޮބާމާގެ ކައްކާ ޝޯއެއް ކުޑަކުދިންނަށް ހާއްސަކޮށްގެން ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ.

އަންނަ މަހުގެ 16 ގައި ސްޓްރީމްކުރަން ފަށާ ޝޯގެ ނަމަކީ "ވޮފްލްސް+މޯޗީ" އެވެ. މި ޝޯގެ އެކްޒެކެޓިވް ޕްރޮޑިއުސަރަކީ މިޝެލްގެ ފިރިކަލުން އަދި އެމެރިކާގެ 44 ވަނަ ރައީސް ބަރަކް އޮބާމާ އެވެ.

އެ ދެ ކަނބަލުންގެ ކުންފުނި ހަޔާ ގްރައުންޑް ޕްރޮޑަކްޝަނާއި ނެޓްފްލިކްސް ގުޅިގެން އެކި ވައްތަރުގެ ކޮންޓެންޓްތައް ގެނެސްދޭން އެއްބަސްވުމެއް ހެދީ 2018 ގަ އެވެ.

"ވޮފްލްސް+މޯޗީ" އަކީ އެ ދެ ނަން ކިޔާ ޕަޕެޓުންނާ އެކު މިޝެލް ފެންނާނެ ޝޯއެކެވެ. ޝޯގައި އެ ދޭތި ކައްކާއިންނަށް ވާން ކުރާ މަސައްކަތާއި އެކަމުގެ ޝައުގުވެރިކަމާ ގުޅުން ހުރި ކަންކަމުގެ ތެރޭގައި އުޅޭ ތަން ދައްކާނެ އެވެ.

ކެއްކުމަށް ބޭނުންވާ ތަކެތި ސުޕަމާކެޓްތަކުން ހޯދުމާއި ތާޒާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެކި ހިސާބުތަކުގެ ދަނޑުތަކަށް ގޮސްގެން ހޯދުމާއި ދުނިޔޭގެ މަޝްހޫރު ރެސްޓޯރަންތަކަށް ޒިޔާރަތްކޮށް ކެއުންތަކާ ބެހޭ މައުލޫމާތު ހޯދުން ފަދަ ކަންކަން ފެންނާނެ އެވެ. ޝޯގައި މިޝެލް ފެންނާނީ ސުޕަމާކެޓެއް ހިންގާ މީހެއްގެ ގޮތުގަ އެވެ.

ޝެފުންގެ އިތުރުން ކެއްކުމަށް ލޯބިކުރާ އާންމުންނާއި ކުޑަކުދިންނާއި ސެލެބްރިޓީން ވެސް ޝޯގައި ބައިވެރިވާނެ އެވެ

ޝޯގެ މަގުސަދަކީ ސިއްހަތަށް ފައިދާހުރި ކާނާގެ މުހިއްމުކަމާއި ކާނާ ތައްޔާރުކުރުމާއި ކެއްކުމުގެ ހުނަރަކީ ކިހާ ޝައުގުވެރިކަމެއްކަން ކުދިންނަށް އަންގައިދިނުމެވެ.

"ވަރަށް ބަލާހިތްވާ އަދި މަޖާ ކަންކަން ހިމެނޭ ގޮތަށް މި ޝޯ ގެނެސްދޭނީ. އުންމީދުކުރެވޭ ވަރަށް މަގުބޫލު އެއްޗަކަށް ވާނެ ކަމަށް،" ޝޯއާ ބެހޭ ގޮތުން ނެޓްފްލިކްސް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ. ޝޯގެ ވާހަކަ ޓްވިޓާގައި ހިއްސާކުރައްވަމުން މިޝެލް ވެސް ވިދާޅުވީ މުޅިން އާ ތަފާތު ޝޯއެއް ގެނެސްދެވޭނީ ވަރަށް އުފާވާ ކަމަށެވެ.

"ވެފްލްސް+މޯޗީ" ގެނެސްދޭނީ އާދަޔާހިލާފަށް ކުޑަކުދިން ފަލަވާ މައްސަލައާ ދެކޮޅަށް މިޝެލްގެ ދެކަނބަލުން ކުރިއަށް ގެންދަވާ ކެމްޕޭން "ލެޓްސް މޫވް!" ގެ ތީމަށެވެ.

މިޝެލްގެ އާ ޝޯއެއް ނެޓްފްލިކްސް އިން ފަށާ އިރު އެކަމަނާ 2019 ގައި ލިޔުއްވި އޮޓޯބައޮގްރީ "ބިކަމިން" ގެ ޑޮކިއުމަންޓަރީ އަކީ ނެޓްފްލިކްސް އިން ސްޓްރީމްކުރާ އެއްޗެކެވެ.