08 ފެބުރުއަރީ 2021
ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގާއި ހެކި ހޯދުމުގައި ގާނޫނާއި ޖިނާއީ އިޖްރައާތާ ޚިލާފަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގާއި ހެކި ހޯދުމުގައި ގާނޫނާއި ޖިނާއީ އިޖްރައާތާ ޚިލާފަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ފަހުގެ ތާރީޚެއްގައި ރާއްޖެއިން އެއްފަހަރާ އަތުލައިގަތް ރެކޯޑް އަދަދެއް ކަމަށްވާ 149 ކިލޯގެ މަސްތުވާތަކެތި ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ އަތުލައިގަތީ އޭޕްރީލް 2019 ގަ އެވެ. އެ މައްސަލާގައި ފަސް މީހަކަށް ކުރި ދައުވާގައި އޭގެ ތެރެއިން ހަތަރު މީހެއްގެ ބައި ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ. އެއީ ދައުވާ ކުރުމުގެ މުއްދަތު ހަމަވުމާއި ފުލުހުންގެ ތަހުގީގުގައި އިޖްރައާތާ ޚިލާފްވި ކަމަށް ބުނެ އެވެ. އެ މައްސަލަ ދައުލަތުން ނިންމީ އިސްތިއުނާފް ނުކުރުމަށެވެ.
އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ޕީޖީ ޝަމީމް މިއަދު ހާޒިރު ކުރުމުން އޭނާ ވިދާޅުވީ ހެކި ހޯދުމާއި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރީ ގާނޫނީ އިމުން ބޭރުން ކަމަށެވެ. އެގޮތުން ކޯޓު އަމުރެއް ނެތި ގޭގެއަށް ވަދެ، މީހުން ހައްޔަރު ކުރުމާއި ހައްޔަރަށް ނުވާ ގޮތުން މީހުން ބަންދު ކުރެވޭނެ މުއްދަތަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާ އަދި ހައްޔަރު ކުރުމަށް ފަހު ގާނޫނީ އިންޒާރު ނުދީ ހުރުން ފަދަ ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފް ބޮޑެތި ކަންކަން ހިންގާފައި ހުއްޓެވެ. އެކަން އެގޮތަށް ހިނގިކަން ޕީޖީ އޮފީހަށް ފަހުން އެނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޖީ އޮފީހުގެ ވަކީލަކަށް މި މައްސަލައިގެ މައުލޫމާތު ލިބުނީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭތާ ހައެއްކަ ގަޑިއިރު ފަހުން. އޭރު ގާނޫނުގައި ބުނާ މުއްދަތު ހަމަވެފައި އޮތީ،" ހައްޔަރަށް ނުވާ ގޮތުން ބަންދުގައި ބޭތިއްބެނީ ގިނަވެގެން ހަތަރު ގަޑިއިރަށް ކަން ފާހަގަ ކުރައްވައި، ޝަމީމް ވިދާޅުވި އެވެ.
ވަރަށް އާދައިގެ އިޖްރައާތުތަކާ ޚިލާފަށް ފުލުހުން އަމަލު ކޮށްފައި ހުރުމުން ފުލުހުންގެ އިހުމާލު އޮތް ކަމަށް ގަބޫލު ކުރަންތޯ މެމްބަރަކު ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ އެ ކޮމެޓީ ސިއްރު ކޮށްގެން ގެންދާއިރު އޭގެ ތަފްސީލު ދެއްވާނެ ކަމަށެވެ. އިތުރު ތަފްސީލު އޭނާ ހާމަ ކުރެއްވީ ކޮޮމެޓީ ސިއްރު ކޮށްގެން ގެންދިޔަ ބައިގަ އެވެ.
"ކުރު ޖަވާބަކީ އާނއެކޭ. ދެން ހުރި ތަފްސީލުތައް ދެން އޮތް ބައިގައި ހާމަ ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ 2019 ވަނަ އަހަރު މ. އުޖާލާގޭގައި ފުލުހުން މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ހިމެނޭ ފަސް ފުލުހަކު ވެސް 149 ކިލޯގެ ޑްރަގް އޮޕަރޭޝަންގައި ބައިވެރިވެފައިވާ ކަަމަށެވެ. އެކަމަކު ހުޅުވާރުލު އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ މައްޗަށް ތަހުގީގެއް ހިންގަން މިހާތަނަށް އަމުރެއް ނެރެފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުންނަށް ފިޔަވަޅު އެޅުމަކީ އަޅުގަނޑުގެ ޒިންމާއެއް ނޫން. ފުލުހުންގެ އިދާރާގެ އިދާރީ އިންތިޒާމްގެ ތެރެއިން އެކަންކަމަށް ފިޔަވަޅު އެޅޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޝަމީމް ވިދާޅުވި އެވެ.
އެ މައްސަލަ ގައްދޫ ކޯޓަށް ފޮނުވީ ކްރިމިނަލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ކަމަށް ނިންމުމުންނެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބަލައިނުގަތުމުން ގައްދޫ ކޯޓަށް އެ މައްސަލަ ފޮނުވިއިރު ދައުވާ ކުރުމުގެ މުއްދަތު އޮތީ ހަމަވެފަ އެވެ.
ޝަމީމް ވިދާޅުވީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ބެލޭނެ ކަމަށާއި އެކަމަކު ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ނުކޮށް، ގައްދޫ ކޯޓަށް ދައުލަތުން މައްސަލަ ފޮނުވީ ކީއްވެގެން ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެއީ ކުރީގެ ޕީޖީ އައިޝަތު ބިިޝާމްގެ ދައުރުގައި ނިންމާފައިވާ ނިންމުމެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ކްރިމިނަލް ކޯޓުގެ އިހްތިސާސް ހިނގާ އެ ބާވަތުގެ މައްސަލަތަކަށް. މިހާރު ވެސް ބައިވަރުގެ މައްސަލަތައް އެބަކުރިއަށް ގެންދަވާ އެހެން އަތޮޅުތަކުގައި ހިނގާފައި ހުރި. އެއީ ހިނގާ ކަމެއް. އެހެންވީމަ އިހްތިސާސް އޮތް ކޯޓެއް. ކްރިމިނަލް ކޯޓަށް ފޮނުވިއިރު ދައުވާ ކުރުމުގެ މުއްދަތު ހަމައެއް ނުވޭ. އެކަމަކު ގައްދޫ ކޯޓަށް ފޮނުވިއިރު މުއްދަތު ހަމަވެފައި އޮތީ،" ޝަމީމް ވިދާޅުވި އެވެ.
ސަތޭކަ ސާޅީސް ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއް މިހާ ފަސޭހައިން ދައުލަތުން ދޫކޮށްލަނީ ކީއްވެގެންތޯ އާއި ދެން އަމަލު ކުރާނީ ކިހިނެތްތޯ އެއް މެމްބަރަކު ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ޝަމީމް ވިދާޅުވީ ގައްދޫ ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ މައްސަލަ ހައި ކޯޓަށް ހިފައިގެން ގޮސް އިތުރަށް ދައްކާނެ ގާނޫނީ ވާހަކައެއް ނެތް ކަމަށެވެ. ސަބަބަކީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާ ކުރުމާ ބެހޭގޮތުން ހައި ކޯޓުން ގިނަ ނިންމުންތަކެއް ކުރިން ނިންމާފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތެދެއް. މުޖްތަމައުގެ މަސްލަހަތުގައި އެޕީލް ކުރެވިދާނެ. ކީކޭތޯ ކިޔާނީ ހައި ކޯޓަށް ގޮސް؟ އެއްޗެކޭ ކިއިދާނެ. އެކަމަކު ގާނޫނީ އޮށްޓަރެއް ހުރި ކޮންމެވެސް ކަހަލަ ވާހަކައަކަށް ވާ ކަހަލަ ވާހަކައެއް ދެއްކޭނީ. އަމުދުން މީހަކު އަޑުއަހާނެ ކަހަލަ ވާހަކައެއް ދެއްކޭނީ،" ޝަމީމް ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ފުލުހުންނާއި ޕީޖީގެ އިތުރުން ކޯޓުގެ އިހުމާލު ވެސް އެބައޮތް ކަމަށެވެ. އެފަދަ މައްސަލަތައް ދަށު ކޯޓުން އަލުން ބެލުމަށްޓަކައި އަމުރު ކޮށްފައި ހުރި ކަމަށާއި އަދި ބައެއް މައްސަލަތަކުގައި އިހުުމާލުވި ފުލުހުން ވެސް ހިމެނޭހެން އަލުން މައްސަލަ ތަހުގީގު ކުރަން ބައެއް ގައުމުތަކުން އަމަލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވުމުން އެ މައްސަލަ އިސްތިއުނާފް ނުކުރީ ކީއްވެގެންތޯ އަލީ ވެސް ސުވާލު އުފެއްދެވި އެވެ.
ޝަމީމް ވިދާޅުވީ ކުދިކުދި އިޖްރައާތުތަކާ ޚިލާފްވާ މައްސަލަތައް ބަލައިގަތަސް، ފާޅުކަން ބޮޑު ގޯސްތައް ހުންނަ މައްސަލަތަކުގައި ގާނޫނާ ޚިލާފް ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ވަރަށް ބޮޑެތި ގޯސްތައް ފުލުހުން ހަދާފަައި ހުރުމުން އެ މައްސަލަ އިސްތިއުނާފް ކުރިޔަސް، ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އެންމެ އަސާސީ ހައްގުތަކާ ގުޅޭ ކަންކަމުގައި ރާއްޖޭގެ ގާނޫނު އަސާސީ އޮތްގޮތުން ބަލައި ނުގަނެވޭއޭ ސުޕްރީމް ކޯޓުން ވިދާޅުވެފައި އޮތީ. ތި ބަހުސް އަޅުގަނޑުމެން ވަރަށް ދިގުކޮށް ކޮށްފިން ސުޕްރީމް ކޯޓުގައި. އަޅުގަނޑުމެންނަށް ކާމިޔާބެއް ނުވި،" ޝަމީމް ވިދާޅުވި އެވެ.
އަލުން އެ މައްސަލަ ތަހުގީގު ހިންގަން ފުރުސަތު ނެތީތޯ ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ ރާއްޖޭގައި އެގޮތަށް އަމަލު ނުކުރާ ކަމަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އޭނާ މަގާމާ ހަވާލުވުމުގެ ކުރިން ވެސް، 149 ކިލޯގެ މައްސަލާގައި ހަދާފައި ހުރި ބޮޑެތި ގޯސްތަކުގެ ސަބަބުން ދައުވާ ނުކުރަން ޕީޖީ އޮފީހުން ކުރިން ވިސްނުން ގެންގުޅުނެވެ. އޭރު އެ ދައުވާކުރީ މުޖްތަމައުގެ އާންމު މަސްލަހަތަށް ރިއާޔަތްކޮށް، ކުރީގެ ޕީޖީ ބިޝާމްގެ ނިންމެވުމަކުން ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ޝަމީމް މަގާމާ ހަވާލުވުމަށް ފަހު ނިންމީ ކޯޓުން ގޮތެއް ނިންމަންދެން މައްސަލަ ބޭއްވުމަށް ކަމަށް ވިދާޅުވި އެވެ.
"އެ ބޭފުޅުން ދައުވާ ނުކުރަން ފުރަތަމަ ނިންމެވީ. އެކަމަކު އާންމު މަސްލަހަތު މި މައްސަލާގައި ބޮޑުކަމުން ދައުވާ ކުރަން ނިންމެވީ ކަމަށް އެ ބޭފުޅުން ވިދާޅުވަނީ،" އެ މައްސަލަ އޭރު ގެންގުޅުނު ޕީޖީ އޮފީހުގެ ވަކީލުންނާ ހަވާލާ ދެއްވައި، ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މައްސަލަ ލަސްވުމުގެ އެއް ސަބަބަކީ ދައުވާލިބޭ ދެ މީހެއްގެ ދިފާއީ ވަކީލަކު ބަޔާނުގައި ސޮއި ނުކުރުމެވެ. އެފަދަ ކަންކަން ބާ ކައުންސިލުން ބަލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ އުވާލުންތަ؟
ފުލުހުން އަރުޝަދު ދޫކޮށްލި މައްސަލަ ބަލަން އަންގައިފި
"ބޭސް ކާޑު" ނިމުނީ، ދެން އޮތީ ވީ ހާލެއްގައިވުން؟
ޑްރަގް ނެޓްވޯކްތައް ދޫވުމާއި އޭގެ އަނެއް ފަރާތް!
ފްލައިޓެއް ހިފައިގެން ގޮސް ވެސް ހެކި ދޭން ތައްޔާރު
119 ކިލޯ ޑްރަގް:އެކަކު ދޫވި މައްސަލަ ހައިކޯޓަށް
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ކުށްކުރާ ވަރު މި އަހަރު ދަށް: ފުލުހުން
ޑްރަގް އޮޕަރޭޝަނެއްގައި މާލެއިން ފަސް މީހުން ހައްޔަރު
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ