Roadha Mihaaru

އަންހެން މީހާ ވެއްޓުނު ގެއަށް ނޫސްވެރިން ވަންނަން ގޭގެ ވެރިފަރާތުން ހުއްދަ ނުދިން: ފުލުހުން

އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގި ގެ ކަމަށްވާ ހ. ފެންޓޯނިއާ އަށް ނޫސްވެރިން ވަންނަން އެ ގެގޭ ވެރިފަރާތުން ހުއްދަ ނުދިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަންހެންމީހާ ވެއްޓުނު ގެއަށް ވަންނަން ހުއްދަ ނުދިން
އިފްރާޒް އަލީ
އިފްރާޒް އަލީ

24 އެޕްރީލް 2025

އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގި ގެ ކަމަށްވާ ހ. ފެންޓޯނިއާ އަށް ނޫސްވެރިން ވަންނަން އެ ގެގޭ ވެރިފަރާތުން ހުއްދަ ނުދިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ ނޫސްވެރިންނަށް އެ ގެއަށް ވަދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނި ނަމަވެސް، އެ ގެގޭ ވެރިފަރާތުން އެކަމަށް އިންކާރު ކޮށްފައިވާ ކަމަށެވެ.

"މިއަދުގެ ޕްރެސްގައި ދެންނެވި ގޮތަށް ހާދިސާ ހިނގި ގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާކުރުމުން އެ ގެއަށް މީޑިއާ ވެއްދުމުގެ ހުއްދަ ދެވެންނެތް ކަމަށް ވަނީ ދަންނަވައިފަ އެވެ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެ އަންހެން މީހާ ވެއްޓުނީ އެ ގޭގެ 9 ވަނަ ފުލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓުންނެވެ.

އިމާރާތުން ވެއްޓުނު އަންހެން މީހާ، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދާއި އޭނާއާ އެކު އުޅުނު ފިރިހެން މީހާ ކަމަށްވާ 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

ހ. ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން ވެސް މަނާކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.

މި މައްސަލާގައި މއ. މާންދޫގޭ ދެކުނުގެ ޓެރަސް އާއި ދެވަނަ އަދި ހަތަރުވަނަ ފްލޯގެ އިތުރުން ގ. ކަށިވެލިގެ ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ވިދާޅުވި ގޮތުގައި، ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ފެންލައިޓްގެ އެލުމިނިއަމް ފްރޭމުން ފޮރެންސިކް ސާމްޕަލްތައް ނަގައި، އެހެން މީހެއްގެ ބައިވެރިވުމެއް އޮތްތޯ ވެސް ބަލާނެ އެވެ. އަދި ފެންލައިޓުން ވެއްޓުނު ކަމާ މެދު އުފައްދާ ސުވާލުތަކާ އެކު، ތަހުގީގުގައި އެކަން ވެސް އިތުރަށް ކަށަވަރުކުރަން ސީން ރިކޮންސްޓްރަކްޓްކޮށްގެން ވެސް ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.