Roadha Mihaaru
އަނަންތަރާ ކިހަވަކުގައި ކޮވިޑް ފެތުރި މޮނިޓަރިންގައި

އަނަންތަރާ ކިހަވައް ރިސޯޓްގައި ކޮވިޑް ފެތުރި މޮނިޓަރިންގައި

07 ފެބުރުއަރީ 2021

ބ. އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވައް މޯލްޑިވްސް ވިލާގައި ކޮވިޑް ފެތުރި ރިސޯޓް މިހާރު މި އޮތީ މޮނިޓަރިން ހާލަތުގަ އެވެ.

ބ. އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވައް މޯލްޑިވްސް ވިލާގައި ކޮވިޑް ފެތުރި ރިސޯޓް މިހާރު މި އޮތީ މޮނިޓަރިން ހާލަތުގަ އެވެ.

މިހާތަނަށް އެ ރިސޯޓްގެ މުވައްޒަފުންގެ ތެރެއިން 75 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ކްރިސްމަސް އާއި އާ އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ޓޫރިސްޓުންނާ އެކު އޮޕަރޭޓްކުރަމުން ދިޔަ ރިސޯޓްގެ މުވައްޒަފުންގެ ތެރޭގައި ބަލި ފެތުރޭކަން އެނގުނީ މިދިއަ މަހުގެ ފަހުކޮޅު އެވެ.

މިހާރު އެއްވެސް ބަޔަކަށް އެ ރިސޯޓަކަށް ނޭރެ އެވެ. އެހެންކަމުން މަތީ ފެންވަރުގެ ރިސޯޓަށް ޓޫރިސްޓުން އައުން ވެސް ވަނީ ހުއްޓިފަ އެވެ.

މި ވަގުތު ރިސޯޓްގައި 40 ހަކަށް ޓޫރިސްޓުން ތިބި ކަމަށްވެ އެވެ. އެޗުޕީއޭއިން ހުއްދަ ދީފައި އޮންނަނީ ފުރާ ޓޫރިސްޓުންނަށް އެކަނި ރިސޯޓުން ފޭބޭ ގޮތަށެވެ.

އެނގިފައިވާ ގޮތުގައި ރިސޯޓްގައި ތިބި ޓޫރިސްޓުންގެ ތެރޭގައި ދިގު މުއްދަތެއްގެ ޗުއްޓީއަށް އައިސް އުޅޭ މީހުން ވެސް ހިމެނެ އެވެ. އެހެންކަމުން ރިސޯޓްގެ އެތެރޭގެ ހިދުމަތްތަކަށް މާ ބޮޑު ބުރުލެއް ނައިސް، ކުރިއަށް ގެންދެ އެވެ.

އަނަންތަރާ ކިހަވަކުގައި ކޮވިޑް ފެތުރެން ފެށިކަން އެނގުނީ، އެޗުޕީއޭގެ މައުލޫމާތުތަކަށް ބަލާއިރު، ޖެނުއަރީ 19 ގަ އެވެ. ފުރަތަމަ ޕޮޒިޓިވް ވި ފަސް މީހުންގެ ތެރޭގައި އެކަކު ނޫނީ ދެން ތިބީ 35 އަހަރުން ދަށުގެ މީހުންނެވެ.

އަނަންތަރާ ކިހަވަކުގެ އިތުރުން ވެސް ބައެއް ރިސޯޓްތަކުގެ މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރުނެވެ. އެކަމަކު އޭގެ ތެރެއިން މިހާތަނަށް އެ ބަލީގައި މީހަކު މަރުވީ ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުން އެކަންނެވެ. އެ ރިސޯޓުން ވެސް ބަލި ކޮންޓްރޯލްކޮށް މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.

ސަން ސިޔާމް އޮޅުވެލި ރިސޯޓްގެ 100 އަށް ވުރެ ގިނަ މުވައްޒަފުންނަށް ކޮވިޑް ޖެހުނެވެ.