Roadha Mihaaru
އިޖުރާތްތަކަށް ވުރެ އަވަސްކުރަންވީ ވެކްސިން ޖެހުން

އިތުރު އިޖުރާތްތަކަށް ވުރެ އަވަސްކުރަންވީ ވެކްސިން ޖެހުން: ނަޝީދު

02 ފެބުރުއަރީ 2021

ސިއްހީ އިދާރާތަކުން އިތުރު އިޖުރާތްތަކެއް ހެދުމަށް ވުރެ ބޮޑަށް، އަވަސް ކުރަން ވީ ކޮވިޑް-19ގެ ވެކްސިން ޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިއްހީ އިދާރާތަކުން އިތުރު އިޖުރާތްތަކެއް ހެދުމަށް ވުރެ ބޮޑަށް، އަވަސް ކުރަން ވީ ކޮވިޑް-19ގެ ވެކްސިން ޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވެ، 200 އިން މައްޗަށް ދިއުމުން މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ އަނެއްކާ ވެސް ސްކޫލްތައް ބަންދުކޮށް، ބޯޑަރުތައް ބަންދުކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ކުރަންވީ ކަމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އަވަހަށް ވެކްސިން ޖަހައިގެން ކޮވިޑް ކޮންޓްރޯލްކުރުމެވެ.

"މިއީ އެޗްޕީއޭ އާއި މިނިސްޓްރީ އޮފް ހެލްތުން އިތުރު އިޖުރާއަތް އުފައްދަންވީ ވަގުތެއް ނޫން. ބުއްދި ބަހައްޓަވާ،" ނަޝީދު ވިދާޅުވި އެވެ.

ކޮވިޑްގެ ވެކްސިން ޖެހުން އަވަސްކުރަން ނަޝީދު ގޮވައިލެއްވި އިރު، ރާއްޖޭގައި އެ ބަލީގެ ވެކްސިން ޖަހަން ފެށީ އިއްޔެ އެވެ. އެ ވެކްސިން ޖެހުމަށް އިއްޔެ ފެށި ފުރަތަމަ ބުރުގައި ދައުލަތުގެ އެއް ބާރުގެ ވެރިއެއްގެ ހައިސިއްޔަތުން އެމަނިކުފާނު އިއްޔެ ވެކްސިން ޖެއްސެވި އެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް އިއްޔެ ދިނީ އެޗްޕީއޭއިން ބުނިގޮތުގައި 282 މީހުންނަށެެވެ.

ރާއްްޖޭގައި ވެކްސިން ދޭން ފެށީ އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންގެ އެއް ލައްކަ ޑޯޒް އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރުމުންނެވެ.

ރާއްޖޭގައި އެންމެ ހަލުވިކޮށް ކޮވިޑް ފެތުރުނީ މިދިޔަ އޮގަސްޓްމަހު އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު އަލަށް ފެންނަ ކޭސްތަކުގެ އަދަދު ދަށްވަމުން އައިސް 100 އިން ދަށުގައި ހިފެހެއްޓިފައި ހުންނަތާ ގިނަދުވަސްތަކެއް ފަހުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ރޭ ވަނީ އެ އަދަދު 200 އިން މައްޗަށް ގޮސްފަ އެވެ. އެޗްޕީއޭއިން ރޭ އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި އާދީއްތަދުވަހުގެ ހަވީރު 6:00 އިން ފެށިގެން އިއްޔެ ހަވީރު 6:00 އާ ދެމެދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 215 އެވެ.

އޭގެ ތެރެއިން 159 މީހުންނަކީ މާލެ ސަރަހައްދުގައި ތިބި މީހުންނެވެ. ރިސޯޓްތަކުގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަށްތަކުގައި ތިބި 27 މީހަކާއި ރިސޯޓްތަކުގައި ތިބި 20 މީހުން ވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެ އެވެ. މީހުން އުޅޭ ރަށްތަކުން އެ ބައްޔަށް ޕޮޒިޓިވްވީ އަށް މީހުންނެވެ.

ރާއްޖޭން ކޮވިޑް ޖެހުުނު މީހުންގެ އަދަދަކީ މިހާރު 16،056 އެވެ. އެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 52 އެވެ. ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1,814 އެވެ. އަދި އެބައްޔަށް ފަރުވާކުރަން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދަކީ 184 އެވެ.