Roadha Mihaaru
ކޮވިޑް ވެކްސިން ދޭން ފެށުމުން ޔުނިސެފްގެ ޝުުކުރު

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭންފެށުމުން ޔުނިސެފުގެ މަރުހަބާ އާއި ޝުކުރު

01 ފެބުރުއަރީ 2021

ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނަށް ކޮވިޑް-19ގެ ވެކްސިން ދޭން ފެށުމުން ޔުނިސެފުން އެކަން ފާހަގަކޮށް މަރުހަބާ ކިޔައި، ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނަށް ކޮވިޑް-19ގެ ވެކްސިން ދޭން ފެށުމުން ޔުނިސެފުން އެކަން ފާހަގަކޮށް މަރުހަބާ ކިޔައި، ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކޮށްފި އެވެ.

ރާއްޖޭގައި ހުންނަ ޔުނިސެފުގެ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ ހެލްތު ޕްރޮފެޝަނަލުންނަށް ވެކްސިން ދޭން ފެށުމުން ޝުކުރުއަދާކުރާ ކަމަށާއި އެއީ ކާމިޔާބީއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އާއިލާތަކުގެ ރައްކާތެރިކަމަށް ޓަކައި، ތިޔަބޭފުޅުންގެ އާއިލާތަކާ ދުރުގައި ގިނަ ދުވަސްތަކަކާއި ރޭތަައް ހޭދަކުރެއްވީތީ ޝުކުރުއަދާކުރަން،" ޔުނިސެފްގެ ޓްވީޓްގައި ބުންޏެވެ.

ރާއްޖޭގައި މިއަދު ޖަހަން ފެށީ އިނގިރޭސިވިލާތުގެ އޮކްސްފޯޑާއި އެެސްޓްރަޒެނެކާގެ އިންޑިއާ ވާޝަން "ކޮވިޝީލްޑް" އެވެ. އެ ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެ އަށް ހަދިޔާކުރީ އިންޑިއާ އިންނެވެ. އެސްޓްރަޒެނެކާގެ ވެކްސިން ގިނަ ގައުމުތަކެއްގައި އުފައްދާއިރު އެ ވެކްސިންގެ އެންމެ ގިނަ ޑޯޒް އުފެއްދީ އިންޑިއާގެ ސީރަމް އިންސްޓްޓިއުޓްގެ ޕްލާންޓުގަ އެވެ. އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރީ އެ ޕްލާންޓްގަައި އުފެއްދި ވެކްސިނެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން މިއަދު ފެށި އިރު އެންމެ ފުރަތަމަ އެ ވެކްސިން ޖެއްސެވީ ދައުލަތުގެ ތިންބާރުގެ ވެރިންނެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު މިއަދު ވެކްސިން ޖެއްސެވި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ވެކްސިން ހަދިޔާކުރީ 50،000 މީހުންނަށް ޖެހޭ ވަރަށެވެ. މީގެ އިތުރުން ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ދޭ ވެކްސިނާއި ސަރުކާރުން ގަންނަ 700،000 ޑޯޒު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް ވެކްސިން ޕްރޮގްރާމް ނިންމުމެވެ. އުއްމީދަކީ ކުރިއަށް އޮތް ހަ މަހުގެ ތެރޭގައި ރާއްޖެ އަށް މި ބަލިން އަރައިގަނެވި އާއްމު ހާލަތަށް ރުޖޫއަވުން ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.