Roadha Mihaaru
އިންޓަ ސެމީ އަށް، އިބްރަހިމޮވިޗަށް ރަތެއް

އިންޓަ ސެމީ އަށް، އިބްރަހިމޮވިޗަށް ރަތެއް

27 ޖެނުއަރީ 2021

މިލާން (ޖެނުއަރީ 27) - އިޓާލިއަން ކަޕްގައި ރޭ 2-1 އިން އޭސީ މިލާން ބަލިކޮށް އިންޓަ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު، މިލާންގެ ތަރި ޒްލަޓާން އިބްރަހިމޮވިޗަށް ރަތް ކާޑެއް ދައްކައިފި އެވެ.

މިލާން (ޖެނުއަރީ 27) - އިޓާލިއަން ކަޕްގައި ރޭ 2-1 އިން އޭސީ މިލާން ބަލިކޮށް އިންޓަ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު، މިލާންގެ ތަރި ޒްލަޓާން އިބްރަހިމޮވިޗަށް ރަތް ކާޑެއް ދައްކައިފި އެވެ.

އިބްރަހިމޮވިޗް މެޗުގެ 31 ވަނަ މިނިޓްގައި މިލާނަށް ލީޑުނަގައިދިން މި މެޗުގައި އޭނާއާ އިންޓަގެ ފޯވާޑް ރޮމެލޫ ލުކާކޫއާ ދެމެދު ދަނޑުމަތީގައި ތަކުރާރުކޮށް ބަހުގެ ހަަމަލާތަކެއް ބަދަލުކުރި އެވެ. އަދި ދެ ކުޅުންތެރިން މެދުގައި މައްސަލަ ހޫނުވި ވަގުތުގައި ރެފްރީ ވަނީ ދެ ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކައިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 13 މިނިޓް ތެރޭ އިބްރަހިމޮވިޗަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކީ އިންޓަގެ އަލެކްސަންޑަ ކޮލަރޯވަށް ކުރި ފައުލަކަށެވެ.

މިލާނުގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި އިންޓަ އިން ކުޅުން ރަނގަޅުކޮށް މެޗުގެ 71 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަަކުރި އެވެ. ޕެނަލްޓީ އަކުން ގޯލު ޖެހީ ލުކާކޫ އެވެ. މިއީ މިލާނުގެ ރަފައެލް ލެއާއޯ އެ ޓީމުގެ އޭރިއާތެރެއިން އިންޓަގެ ނިކޯލޯ ބަރޭލާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އިންޓަ މޮޅުކޮށްދިން ލަނޑު ޖެހި ކްރިސްޓިއަން އެރިކްސަން ކުޅެން އެރީ 88 ވަނަ މިނިޓްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެރިކްސަން މި ގޯލު ޖެހީ ހިލޭ ޖެހުމަކުންނެވެ.

މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ ބަލިވުމުގެ އެންމެ ބޮޑު ސަބަބަކީ މެޗުގެ ކޮންޓްރޯލް އޭނާގެ ޓިމުގެ އަތުގައި އޮއްވައި ކުޅުންތެރިއަކު މަދުކޮށް ޕްރެޝަރުގައި ކުޅެން ޖެހުމެވެ. އޭނާ ބުނީ އިބްރަހިމޮވިޗަށް ފުރަތަމަ ރީނދޫ ކާޑު ދެއްކުމުގެ ފަަހަތުގައި ލުކާކޫ އިސް ރޯލެއް ކުޅުނު ކަމަށެވެ. އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އިބްރަހިމޮވިޗް ފަދަ ކުޅުންތެރިއަކާ މެޗެއްގެ ތެެރެއިން ދިމާވާ ކަމެއްގެ ތެރޭގައި އެގޮތަށް ކުރިމަތިލައި ލުކާކޫ ދެއްކި ހިތްވަރަކީ ފަހުން އޭނާގެ ކޮންފިޑެންސް ރަނގަޅުވި ކަމެއް ކަމަށެވެ.

ސެމީގައި އިންޓަ ކުޅޭނީ ސްޕަލް އާއި ޔުވެންޓަސް ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.