Roadha Mihaaru
61 ކިލޯގެ ޑްރަގްގެ ބޮޑަކު ދޫކޮށްލުމުން އިސްތިއުނާފަށް

61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު މީހަކު ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަނީ

25 ޖެނުއަރީ 2021

ރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު މ. ބޮއިލިންފިޝް، އަހުމަދު ވިސާމް ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން މިއަދު ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު މ. ބޮއިލިންފިޝް، އަހުމަދު ވިސާމް ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން މިއަދު ނިންމައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވި، އިރުއަލިމަސް ނަމަކަށް ކިޔާ މަސް ދޯންޏަކުން މާޗު 20، 2020 ގައި މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ވިސާމް އިއްޔެ ދޫކޮށްލުމުން އެކަން ހައި ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ.

ވިސާމް ދޫކޮށްލީ، ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ނެރެފައިވާ އަމުރު ރިވިއުކުރަން ގެންދިއުމުންނެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ނެރުއްވި އަމުރުގައި ވަނީ ކަރެކްޝަނަލް ސާވިސްގެ ފަރާތުން އޭނާއަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ދީފައި ނުވާ ކަމަށެވެ. ވިސާމަކީ ކަކުލުގެ ބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭ މީހެއްކަން ލިޔުންތަކުން އެނގެން އޮތް އިރު ވެސް އޭނާ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށާއި އޭނާ ނަފްސާނީ ޑޮކްޓަރަކަށް ވެސް ދެއްކުމަށް ރިފާކޮށްފައިވާއިރު އެކަން ވެސް ކޮށްފައި ނުވުމަކީ ވިސާމް ދޫކޮށްލާ ސަބަބެއް ކަމަށް ވިދާޅުވި އެވެ.

އެ މައްސަލައިގައި 11 މީހަކަށް ދައުވާކޮށް މިދިޔަ އަހަރު ކޯޓަށް ފޮނުވި އެވެ. އެއީ ވިސާމްގެ އިތުރުން މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު މާއިޝް، މ. މާކޮޅު، މުހައްމަދު ޝާމިން، މއ. ވިރާހު، އަހުމަދު ޝިފާޒް، ހުޅުމާލޭ ފްލެޓް 06ޖީ4، އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ، ހުސައިން ސުނާޒް، މ. މުލި، ސޯސަންވިލާ، ސައުދުﷲ ރަޝީދު، މ.ކެޕްރިކޯން، މުހައްމަދު ނަޝީދު، މ.މުލި، ހުދުފިނިފެންމާގެ، މުހައްމަދު މާއިދު، މ. ކޮޅުފުށި، އޯޝަންވިއު އަދި މުހައްމަދު ރިޟްވާން އިބްރާހިމް، މ. މުލި، މުސްތަރީގެ އެވެ.

އެ މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރުކުރި މީހުންނެވެ. އަނެއް ހަތަރު މީހުންނަކީ މާލެއާއި ހުޅުމާލޭގެ ހަތަރު ގެއެއް ބަލައި ފާސްކޮށް ހައްޔަރުކުރި މީހުންނެވެ.