Roadha Mihaaru
ޑްރަގް ގެނެސް ފިލި އަރުޝަދުގެ ކޭސް އިސްތިއުނާފުކޮށްފި

ޑްރަގް ގެނެސް ފިލި ކަމަށް ބުނާ އަރުޝަދުގެ ނެޓްވޯކްގެ މައްސަލަ އިސްތިއުނާފުކޮށްފި

06 ޖެނުއަރީ 2022

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ޑްރަގް ނެޓްވޯކެއް ކަމަށް ތުހުމަތުކުރާ ހަ މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ޑްރަގް ނެޓްވޯކެއް ކަމަށް ތުހުމަތުކުރާ ހަ މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މިއީ މިދިޔަ މަހު މާލޭން އަތުލައިގަތް 119 ކިލޯ ޑްރަގްސް ވެސް ގެނައި ނެޓްވޯކް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. ނެޓްވޯކްގެ އިސް މީހާ ކަމަށް ފުލުހުން ބުނާ ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ހާލިދާއި ހަމަ އެ ރަށު ދޯދި، މުހައްމަދު އަކްރަމް އަބްދުލްހަންނާނު ވަނީ 119 ކިލޯ ޑްރަގްސް ރާއްޖެއަށް އެތެރެކުރުމަށް ފަހު އެއާ މެދު އަމަލުކުރަންވީ ގޮތް ކިޔައިދީ ހަމަ އެ ދުވަހު ރާއްޖޭން ފުރައިގެން ގޮސްފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ 30 ގައި ހިންގި އޮޕަރޭޝަނުން އަރުޝަދާއި އޭނާގެ ހަތް ބައިވެރިންގެ ތެރެއިން ހަ މީހެއްގެ މައްސަލަ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ޑްރަގްގެ ބޮޑެއް ކަމަށް ފުލުހުން ބުނާ އަރުޝަދު ޚާލިދު

ޑްރަގްގެ ބޮޑެއް ކަމަށް ފުލުހުން ބުނާ އަރުޝަދު ޚާލިދު

އެ މައްސަލަ ކޯޓުން ބަލައިގަތް ނަމަވެސް އަދި ރަޖިސްޓްރީއެއް ނުކުރެ އެވެ.

އެ އޮޕަރޭޝަނުގައި މާލޭގެ ހަ ގެއެއް ބަލައި ފާސްކޮށް ގާތްގަނޑަކަށް ނުވަ ކިލޯގެ ޑްރަގު އަތުލައިގަތެވެ. މި މައްސަލައިގައި ޑްރަގް ޓްރެފިކިންގެ ދައުވާކުރީ ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ހާލިދާއި ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހްމަދު ސުނައިނާއި މއ. ވައިލެޓްމާގެ އަސްލަމް ނާޒިމާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރާއި ލ. ކަލައިދޫ މަތަރަސްމާގެ ހުސައިން ޒަހީންގެ މައްޗަށެވެ. އެކަމުގައި ބައިވެރިވި ކަމުގެ ދައުވާ ކުރީ ގދ. ހޯނޑެއްދޫ މެޑްރިޓްހައުސް، އަހްމަދު ގިޔާސް އާއި މ. ދާރުލްގަރާރު އިސްމާއިލް ވިޝާލްގެ އިތުރުން ޅ. ނައިފަރު މިސްކިތްދޮށުގެ އަހްމަދު އިމްސާހުގެ މައްޗަށެވެ.

ފުލުހުންގެ އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރާ ސާމާނާއި ފައިސާ ގުނާ މެޝިނު ފަދަ އެއްޗެހީގެ އިތުރުން ޑްރަގު ވިޔަފާރި ކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 4.6 މިލިއަން ރުފިޔާ ހޯދި އެވެ. އެކަމަކު، ދައުވާ ލިބޭ ހަ މީހަކާ އެ ތަކެއްޗާ ގުޅުވާނުލުވޭ ކަމަށް ނިންމައި، އެ ހަ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ސެޕްޓެމްބަރު 28 ވަނަ ދުވަހު ހުކުމްކުރި އެވެ. އޭގެ ތެރޭގައި، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ އަރުޝަދު ވެސް ހިމެނެ އެވެ.

އޭނާ އަތުން އެއްވެސް ޑްރަގެއް ނުފެނުނަސް ބަލައި ފާސްކުރި ތަންތަނުގައި ހުރި ބައެއް ތިޖޫރީތައް އޭނާގެ އަތުން ފެނުނު ތަޅުދަނޑިން ހުޅުވުނެވެ. އަދި އަރުޝަދުގެ ފޯނުން ޑްރަގް ވިޔަފާރީގެ ހިސާބުތަކާއި ނޯޓުތައް ފެނުނު ކަމަށް ވެސް ދައުލަތުން ބުނެ އެވެ. އަރުޝަދަކީ މިދިޔަ މަހުގެ 12 ވަނަ ދުވަހު މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގަތް 119 ކިލޯގެ ޑްރަގްސް ރާއްޖެއަށް އެތެރެކުރުމުގައި ވެސް އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރާއިރު މި ކޭސްގައި ވެސް ކުރިން ސަލާމަތްވި ބައެއް މީހުން ބައިވެރިވުމުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އަހްމަދު ސުނައިނާއި އަލީ ޒުބައިރެވެ.