Roadha Mihaaru
ލާލޭ ދިން ކުންފުނީގައި ދެ ފަނޑިޔާރެއްގެ އަނބިން

ހުޅުމާލޭ ފަރީދިއްޔާ ސްކޫލު ދިން ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ދެ ފަނޑިޔާރެއްގެ އަނބިން!

07 ނޮވެމްބަރ 2016

ހުޅުމާލޭގައި ލާލޭ އިންޓަނޭޝަލް ސްކޫލު ހިންގި ފަރީދިއްޔާ ސްކޫލުގެ އިމާރާތުގެ ބިޑު ކާމިޔާބު ކުރި ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ އަނބިކަނބަލުން ހިމެނޭކަން އެނގިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭގައި ލާލޭ އިންޓަނޭޝަލް ސްކޫލު ހިންގި ފަރީދިއްޔާ ސްކޫލުގެ އިމާރާތުގެ ބިޑު ކާމިޔާބު ކުރި ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ އަނބިކަނބަލުން ހިމެނޭކަން އެނގިއްޖެ އެވެ.

ހަތަރު ފަރާތަކުން ކުރިމަތިލި އެ ބިޑު ކޮލިޓޭޓް އެޑިއުކޭޝަނަށް ކާމިޔާބު ވެފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

"މިހާރު" އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ކޮލިޓޭޓް އެޑިއުކޭޝަންގެ ހަތަރު ހިއްސާދާރުންގެ ތެރޭގައި ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ގާނިޔާ އަބްދުލްޣަފޫރާއި އެ ކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާނުގެ އަނބިކަނބަލުން މިންނަތު ނަސީރު ހިމެނިވަޑައިގަންނަވަ އެވެ. ތައުލީމީ ދާއިރާގެ ތަޖުރިބާ އެ ދެ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާކަން ނުވަތަ ނޫންކަން އަދި ސާފު ނުވާއިރު، އޭގެ ތެރެއިން ގާނިޔާ އަކީ ރާއްޖެއިން މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު ވެސް މެ އެވެ.

ކޮލިޓޭޓް އެޑިއުކޭޝަންގެ އަނެއް ދެ ހިއްސާދާރުންނަކީ، ލިޔެކިޔުންތަކުގައި ބުނާ ގޮތުން، ގދ. ފިޔޯރީ ރޯސްމީޑު މޫސާ ރަޝީދާއި އޭނާގެ ބޭބެ މުހައްމަދު ރަޝީދެވެ. އޭގެ ތެރެއިން މުހައްމަދު ރަޝީދަކީ އަހުމަދިއްޔާ ސްކޫލުގައި ހިސާބު މާއްދާ ކިޔަވައި ދެެއްވަމުން ގެންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ޓީޗަރެކެވެ. މިހާރު ވެސް އޭނާ އަކީ އަހުމަދިއްޔާގެ ސީނިއާ މެނޭޖްމަންޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މޫސާ ރަޝީދު ވަނީ ލާލޭ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްކަން އަދި ރަށްރަށުގެ ބައެއް އެހެން ސްކޫލްތައް ހިންގުމުގައި ވެސް ހަރަކާތްތެރިވެވަޑައިގަންފަ އެވެ.

ފަރީދިއްޔާ ސްކޫލުގެ އިމާރާތުގައި ހިންގަމުން އަންނަ ސްކޫލު ބިޑަށް ލުމަށް ސަރުކާރުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅެވެ. އަދި ކޮލިޓޭޓް އެޑިއުކޭޝަން ރަޖިސްޓްރީކޮށްފައިވަނީ، ލިޔެކިއުންތަކުން އެނގޭ ގޮތުގައި، އޭގެ ދުވަސްކޮޅެއް ކުރިން ޖުލައި މަހުގެ ތެރޭގަ އެވެ.

މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

އެކަމަކު ކޮލިޓޭޓް އެޑިއުކޭޝަނުން ސްކޫލުގެ ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ އެންމެ މަތިން މާކްސް ލިބިގެން ބިޑު ކާމިޔާބުވިކަން އެ ކުންފުންޏަށް އެޑިއުކޭޝަން މިނިސްޓްރީން ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުން ފެށިގެން ދެން އެ ސްކޫލު ހިންގާނީ، އިންޑިއާ އާއި ސްރީ ލަންކާ އާއި އިނގިރޭސި ވިލާތް އަދި އޮމާންގައި ވެސް ސްކޫލުތައް ހިންގާ، ގޭޓްވޭ ސްކޫލާ ގުޅިގެން ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އަށް އަހަރު ކުރިއްސުރެ ލާލޭ ސްކޫލު ހިންގަމުން އައި ތުރުކީގެ ކުންފުނި، ބިޒް އެޓޯލް އަށް ދީފައިވާ މުއްދަތު ހަމަވުމުން، ސްކޫލު އަލުން ހިންގުމަށް ބިޑަށް ހުޅުވާލުމުން ފައިނޭންޝަލް ބިޑުގައި އެންމެ ކުޑަ ފީއެއް ހުށަހަޅާފައިވަނީ ވެސް ބިޒް އެޓޯލްސް އިންނެވެ.. ދެވަނަ އަށް އެންމެ ކުޑަ ފީއެއް ހުށަހަޅާފައިވަނީ ކޮލިޓޭޓް އެޑިއުކޭޝަނުންނެވެ.

އެކަމަކު ބިޑު ކާމިޔާބު ކުރެވޭނީ ފައިނޭންޝަލް ބިޑުގެ އިތުރުން ޓެކްނިކަލް ބިޑުން ވެސް އެންމެ މަތިން މާކްސް ހޯދާ ބަޔަކަށެވެ. ޓެކްނިކަލް ބިޑުގައި ހިމެނެނީ ސްކޫލު ހިންގުމުގެ ތަޖުރިބާ އާއި ގާބިލްކަމުގެ އިތުރުން ސްކޫލު ހިންގުމަށް ޕްލޭންކޮށްފައިވާ ގޮތެވެ.

ސްކޫލު ހިންގުމުގެ ތަޖުރިބާ ގޭޓްވޭ ސްކޫލުގައި ހުރި ނަމަވެސް ކޮލިޓޭޓް އެޑިއުކޭޝަނުން މިހާތަނަށް ރާއްޖޭގައި އެއްވެސް ސްކޫލެއް ހިންގާފައެއް ނުވެ އެވެ.