Roadha Mihaaru
ޕޮގްބާގެ ލަނޑުން ޔުނައިޓެޑް އަލުން އެއް ވަަނަ އަށް

ޕޮގްބާގެ ލަނޑުން ޔުނައިޓެޑް އަލުން އެއް ވަަނަ އަށް

21 ޖެނުއަރީ 2021

ލަންޑަން (ޖެނުއަރީ 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޕައުލް ޕޮގްބާ ޖެހި ގޯލުން ފަހަތުން އަރައި 2-1 އިން ފުލަމް ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑް އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލަންޑަން (ޖެނުއަރީ 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޕައުލް ޕޮގްބާ ޖެހި ގޯލުން ފަހަތުން އަރައި 2-1 އިން ފުލަމް ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑް އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އަންގާރަ ދުވަހުގެރޭ ލެސްޓާ ސިޓީން ޗެލްސީ ބަލިކޮށް ލީގުގެ އެއް ވަނަ އަށް އެރި އެވެ. އޭގެ ފަހުން ރޭގެ ފުރަތަމަ މެޗުގައި އެސްޓަން ވިލާ އަތުން 2-0 އިން މޮޅުވެ، މި ސީޒަނުގައި ފުރަތަމަ ފަހަރަށް މެންޗެސްޓާ ސިޓީ ވެސް ލީގުގެ އެއް ވަނަ އަށް ޖެހިލި އެވެ. ޔުނައިޓެޑް ރޭގެ މެޗަށް ނުކުތްއިރު އެ ޓީމު އޮތީ ތިން ވަނަ އަށް ވެއްޓިފަ އެވެ. ޔުނައިޓެޑުން އަލުން އެއް ވަނަ އަށް އެރީ 19 މެޗުން 40 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 18 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ލެސްޓާ އަށް ވެސް ވަނީ 19 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ. ސިޓީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ހަތަރު ވަނައިގައި އޮތް ލިވަޕޫލަށް 18 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު މިރޭ އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅޭނެ އެވެ.

ލީގުގެ 18 ވަނައިގައި އޮތް ފުލަމް އިން ރޭގެ މެޗުގެ ފަސް ވަނަ މިނިޓްގައި ލީޑުނެގީ އަޑެމޯލާ ލުކްމަން ޖެހި ގޯލުންނެވެ. މެޗުގެ 21 ވަނަ މިނިޓްގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ އެޑިންސަން ކަވާނީ އެވެ. މިއީ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ނެގި ހުރަހެއް ފުލަމްގެ ގޯލްކީޕަރު އަލްފަންސޯ އަރެއޯލާ އަތުގައި ޖެހިފައި ނުކުތް ވަގުތު ކަވާނީ ޖެހި ގޯލެކެވެ. ދެ ވަނަ ހާުފުގައި ޔުނައިޓެޑް މޮޅުކޮށްދިން ގޯލު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ޕޮގްބާ އެވެ. އޭރިއާބޭރުން ޕޮގްބާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.

ކޮވިޑް-19ގެ ހާލަތުން އަރައިގަނެ ކުޅުނު ފުރަތަމަ މެޗުގައި އެސްޓަން ވިލާ އިން ރޭ ސިޓީ ދަނޑުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. ސިޓީން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 79 ވަނަ މިނިޓްގަ އެވެ. ބެނާޑޯ ސިލްވާ ޖެހި މި ގޯލު ބަލައިނުގަންނަން އެސްޓަން ވިލާ އިން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެއީ އެ ބޯޅަ ސިޓީ އަށް ލިބުނީ އޮފްސައިޑްގައި ހުރި ރޮޑްރީ އެސްޓަން ވިލާގެ ޓައިރަން މިންގްސް އަތުން ބޯޅަ ހޯދުމުން ކަމަށް ބުނެ އެވެ. އެ ގޯލު ބަލައިގަންނަން ނިންމުމުން އެކަމާ މެދު ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކުރުމުން އެސްޓަން ވިލާގެ ކޯޗު ޑީން ސްމިތަށް ވަނީ ރަތް ކާޑު ދައްކައި ބެންޗުން ފޮނުވާލައިފަ އެވެ.

ސިޓީގެ ދެ ވަނަ ގޯލު އިތުރު ވަގުތުގައި ޕެނަލްޓީ އަކުން ކާމިޔާބުކުރީ އިލްކާއި ގުންޑޮގާން އެވެ. މިއީ އެސްޓަން ވިލާގެ މެޓީ ކޭޝް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ.