Roadha Mihaaru
ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލުން ނަތީޖާނެރެންޖެހޭ: ކްލޮޕް

ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލުން ނަތީޖާނެރެންޖެހޭ: ކްލޮޕް

17 ޖެނުއަރީ 2021

ލިވަޕޫލް (ޖެނުއަރީ 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ލިވަޕޫލުން ނަތީޖާ ނެރެންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލް (ޖެނުއަރީ 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ލިވަޕޫލުން ނަތީޖާ ނެރެންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ޔުނައިޓެޑް މި ވަގުތު އެއް ވަނައިގައި އޮތީ 17 މެޗުން 36 ޕޮއިންޓާ އެކު އެވެ. ރޭ ލެސްޓާ ސިޓީ ހޯދި މޮޅާ އެކު 18 މެޗުން 35 ޕޮއިންޓް ހަމަކޮށް އެ ޓީމު ވަނީ ދެ ވަނަ އަށް އަރައިފަ އެވެ. ލިވަޕޫލް ތިން ވަނައިގައި އޮތީ 17 މެޗުން 33 ޕޮއިންޓާ އެކު އެވެ. މިރޭ ޔުނައިޓެޑް އަތުން މޮޅުވެގެން ލިވަޕޫލަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ލިވަޕޫލްގެ ނަތީޖާތައް ރަނގަޅެއް ނޫނެވެ. އެކަމަކު ޔުނައިޓެޑުން އޮތީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެކަމަށް އިޝާރާތްކޮށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ މިއީ ލިވަޕޫލާ ދެކޮޅަށް ކުޅެން ރަނގަޅު ވަގުތެއް ކަމަށް ބުނެފަ އެވެ.

ކްލޮޕް ބުނީ ޔުނައިޓެޑުން މެޗުގެ ކުރިން ދެއްކި ގިނަ ވާހަކަތަކެއް އޭނާ އަށް އެކި ގޮތްގޮތުން އަޑުއިވިފައިވާ ކަމަށާއި ބޭނުންވަނީ އެކަމާ ކެރިހުރެ ކުރިމަތިލާން ކަމަށެވެ.

"އަހަރެން ވެސް އަޑުއެހިން ތި ވާހަަކަތައް. ޔުނައިޓެޑުން މިއީ ލިވަޕޫލާ ދެކޮޅަށް ކުޅެން ރަނގަޅު ވަގުތުކަމަށް ދެކޭގޮތަށް އަހަރެމެން ވެސް ގަބޫލުކުރަނީ މިއީ ޔުނައިޓެޑާ އެކީ ކުޅެން ރަނގަޅު ވަގުތުކަމަށް. މި މެޗުގެ މުހިއްމުކަން އަހަރެމެންނަށް ވަރަށް ބޮޑު. ލިވަޕޫލްގެ ދަނޑުގައި މި ކްލަބްގެ ކޮންމެ މީހެއް ވެސް އުއްމީދުކުރާނީ ޔުނައިޓެޑާ ދެކޮޅަށް ނަތީޖާ ނެރެވެންޖެހޭނެކަމަށް،" ކްލޮޕް ބުންޏެވެ.

އެންމެ ފަހުން ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު މެޗުގައި ސައުތެމްޓަން އަތުން ބަލިވިއިރު އެ މެޗަށް ފަހު ކްލޮޕް ވަނީ ލިވަޕޫލަށް ޕެނަލްޓީ ނުދޭ މައްސަލައިގައި ޝަކުވާކުރިއިރު ބަހުގެ ހަމަލާއެއް ޔުނައިޓެޑަށް ފޮނުވާލައިފަ އެވެ. ޕްރިމިއާ ލީގުގެ ކުރީގެ ރެފްރީ މާކް ކްލެޓެންބާގް ބުނީ އެއީ ބޮޑު މެޗުތަކުގެ ކުރިން ޔުނައިޓެޑްގެ ކުރީގެ ކޯޗު އަލެކްސް ފާގަސަން ވެސް ރެފްރީންގެ ނިންމުންތަކަށް ނުފޫޒުފޯރުވަން ގެންގުޅުނު އުކުޅެއް ކަމަށާއި ކްލޮޕް ވެސް ބޭނުންވަނީ އެ މަގުސަދު ހާސިލްކުރަން ކަމަށެވެ.

ކްލޮޕް ބުނީ އޭނާ އަކީ އެ ގޮތަށް ރެފްރީންގެ ނިންމުންތަކަށް ނުފޫޒުފޯރުވާނެ މީހެއްނޫން ކަމަށެވެ.

"މާކް ކްލެޓެންބާގް ކަހަލަ މީހުން އެ ކަހަލަ ވާހަކަ ދައްކާނަމަ އެ ވާހަކަ ދެކެވެނީ އަހަންނާ ބެހޭގޮތުންނެއް ނޫން. އެ މީހުން އެ ދައްކަނީ އަމިއްލަ ނަފްސާ ބެހޭގޮތުން ހެން ހީވަނީ. އަހަރެންގެ ނެތް މައިންޑް ގޭމްސްގެ އެއްވެސް ހުނަރެއް. އެ ވެދާނެ އަހަރެންގެ މައްސަލައެއް ކަމަށް،" ކްލޮޕް ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުނީ ޔުނައިޓެޑް ފާއިތުވެދިޔަތަނުގައި ހޯދި ކުރިއެރުންތައް ވަޒަންކޮށްލަން ބަލާއިރު ލިވަޕޫލް ދަނޑުގައި ނަތީޖާއެއް ނެރެވިއްޖަނަމަ އެ ވެގެންދާނީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މިދިޔަ ދެ އަހަރު ލިވަޕޫލުން ކުޅެމުންދިޔަ ލެވަލަކީ އެއްވެސް ބަޔަކަށް އޮޅިފައި އޮންނާނެ ކަމެއް ނޫން ކަމަށެވެ.

"އެންފީލްޑްގައި ލިވަޕޫލާ ކުޅުމަކީ ފުޓްބޯޅައިގެ ބޮޑު ޗެލެންޖެއް. އަނެއްކޮޅުން ލީގުގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި ދަމަހައްޓާފައި އޮތް ބަލިނުވުމުގެ ރެކޯޑަކީ ވެސް މީގެ ވަރަށް ބޮޑު ސަބަބެއް. އަހަރެމެން ވަރަށް ގިނަ އުނދަގޫ މެޗުތަކަކުން ނަތީޖާ ނެރެފިން. އެ މެޗުތަކުގައި ދެއްކި ކުޅުން ތަކުރާރުކޮށްފިއްޔާ މި ފަަހަރު ވެސް މޮޅުވެވިދާނެ،" ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑުން ލީގުގެ އެއް ވަނައިގައި އޮތްއިރު، މިއީ 2013 ވަނަ އަހަރަށް ފަހު ސީޒަނެއްގެ ފުރަތަމަ 17 މެޗަށް ފަހު ޔުނައިޓެޑް އެއް ވަނަ މަގާމުގައި އޮތް ފުރަތަމަ ފަހަރެވެ. ޔުނައިޓެޑަށް މި ފަހަރު ލީގު ކާމިޔާބުކުރެވިދާނެ ކަމަށް ދެކެވޭ ވާހަކަ އަށް އަދި ސޯލްޝެއާގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ.

"މިދިޔަ އަހަރުތަކުގައި އޮކްޓޫބަރަށް ފަހު ލީގު އޮންނަނީ ދެ ޓީމުގެ ރޭހަކަށް ވެފައި. މި ފަހަރު އަހަރެމެންނަށް މި ރޭހުގައި ބައިވެރިވުމަކީ ވެސް ކުރިއެރުމެއް އަހަރެން ކުރިން ބުނިގޮތަށް ލީގު ކާމިޔާބުކުރުމުގެ ވާހަކަ އަހަރެމެން ދައްކަން ޖެހޭނީ އަދި ކަންތައްތަކެއް ރަނގަޅުކުރުމަށް ފަހު،" ސޯލްޝެއާ ބުންޏެވެ.

ލިވަޕޫލާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ޔުނައިޓެޑް މޮޅުވީ 2018 ވަނަ އަހަރުގެ މާޗް މަހު އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވި މެޗެވެ. ލިވަޕޫލް ލީގުގައި އެންމެ ފަހުން ޖެހިޖެހިގެން ދެ މެޗުން ބަލިވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެ ފަހަރު ބްރެންޑަން ރޮޖާސްގެ ކޯޗުކަމުގައި ކުޅުނު ލިވަޕޫލް ދެ ވަނަ ބަލިވީ ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގަ އެވެ. ލިވަޕޫލް އެންމެ ފަހުން އަމިއްލަ ދަނޑުގައި ބަލިވީ 2017 ވަނަ އަހަރު އޭޕްރީލް މަހު ކްރިސްޓަލް ޕެލަސް އަތުންނެވެ.

ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.