Roadha Mihaaru
ކްލޮޕް ދެ މެޗަށް ސަސްޕެންޑް ކޮށްފި

ކްލޮޕް ދެ މެޗަށް ސަސްޕެންޑް ކޮށްފި

19 މެއި 2023

ލިވަޕޫލް (މެއި 19) - މިދިޔަ މަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން ލިވަޕޫލް ފަހު ވަގުތު 3-4 އިން މޮޅުވި މެޗުގައި ރެފްރީ ޕައުލް ޓިއާނީއާ ގުޅޭގޮތުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދެއްކި ވާހަކަތަކާ ގުޅިގެން، އިނގިރޭސި އެފްއޭ އިން ކްލޮޕް ދެ މެޗަށް ސަސްޕެންޑް ކޮށްފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ލިވަޕޫލް (މެއި 19) - މިދިޔަ މަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން ލިވަޕޫލް ފަހު ވަގުތު 3-4 އިން މޮޅުވި މެޗުގައި ރެފްރީ ޕައުލް ޓިއާނީއާ ގުޅޭގޮތުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދެއްކި ވާހަކަތަކާ ގުޅިގެން، އިނގިރޭސި އެފްއޭ އިން ކްލޮޕް ދެ މެޗަށް ސަސްޕެންޑް ކޮށްފި އެވެ.

ޓޮޓެންހަމް އަތުން ހޯދި އުނދަގޫ މޮޅަށް ފަހު ކްލޮޕް ބުނީ އެ މެޗުގައި ރެފްރީ ޓިއާނީ ހުރީ ލިވަޕޫލާ ދެކޮޅަށް ކަމަށެވެ.

ކްލޮޕްގެ ކޮމެންޓާ ގުޅިގެން ދެ މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 75،000 ޕައުންޑުން އޭނާ ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

ކްލޮޕްގެ ސަސްޕެންޝަނުގެ ފުރަތަމަ މެޗަކަށް ވާނީ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި ލިވަޕޫލް އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއީ މިފަހަރުގެ ލީގުގައި ލިވަޕޫލް ހޯމްގައި ކުޅޭ ފަހު މެޗެވެ.

ކްލޮޕްގެ ދެ ވަނަ މެޗު ގުނާނީ 2023/2024 ސީޒަން ނިމުމުގެ ކުރިންނެވެ. އެހެންވެ، މި ސީޒަނުގެ ލީގު ފަހު މެޗުގައި ރަށުން ބޭރުގައި ސައުތެމްޓަނާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގެ ބެންޗުގައި ކްލޮޕަށް އިނދެވޭނެ އެވެ.

ޓޮޓެންހަމް މެޗުން މޮޅުވި ގޯލު ޑިއޯގޯ ޖޯޓާ ފަހު ވަގުތު ޖެހުމުން ކްލޮޕް ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފަ އެވެ. އެ ވަގުތު ހަތަރު ވަނަ އޮފިޝަލް ކުރިމަތީ ފޯރި ނެގުމަށް ފަހު ކްލޮޕް ބުނެފައިވަނީ މެޗު ތެރެއިން ޓިއާނީ އޭނާއާ ވާހަކަ ދެއްކީ ރަނގަޅަށް ނޫން ކަމަށެވެ.

އެ މެޗުގެ މައްސަލަ ބަލަން ފެށުމުން ލިވަޕޫލުން ވަނީ ސިޓީއެއް ފޮނުވައި ކަންތައް ހިނގާދިޔަ ގޮތް ތަފްސީލްކޮށްދީފަ އެވެ. އެކަމަކު މައްސަލަ ނިންމީ ކްލޮޕާ ދެކޮޅަށެވެ.

މިދިޔަ އޮކްޓޫބަރު މަހު މެންޗެސްޓާ ސިޓީ އަތުން ލީގުގައި ލިވަޕޫލް 0-1 އިން މޮޅުވި މެޗުގައި އަމަލުކުރި ގޮތުން ވެސް ކްލޮޕަށް އެއް މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވި އެވެ. އެ މެޗުގައި ކްލޮޕް ކްލޮޕް ޝަކުވާކުރީ މުހައްމަދު ސަލާހް އަށް ކުރި ފައުލެއް ރެފްރީ ނުދީގެން ކަމަށް ބުނެ އެވެ. އެ މެޗަށް ފަހު ކްލޮޕް ވަނީ އޭނާގެ ހަރަކާތްތަކަށް މާފަށް އެދިފަ އެވެ. އެކަމަކު މައްސަލަ ބެލުމަށް ފަހު ކްލޮޕަށް އެއް މެޗުގެ ސަސްޕެންޝަނެއް ދިނެވެ.

މި ސީޒަނުގެ ލީގުގައި ލިވަޕޫލް އަންނަނީ ގަދަ ހަތަރަކަށް އެރުމަށް މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ހަތް މެޗުން ވެސް އެޓީމު ވަނީ މޮޅުވެފަ އެވެ.