Roadha Mihaaru
"11 ކުޅުންތެރިން ތިބިއްޔާ ލިވަޕޫލް ދާނީ ކުރިއަށް"

11 ކުޅުންތެރިން އެކަނި ތިއްބަސް ލިވަޕޫލް ދާނީ ކުރިއަށް: ކްލޮޕް

22 ފެބުރުއަރީ 2024

ލިވަޕޫލް (ފެބްރުއަރީ 22) - މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބި ކަމުގައި ވިއަސް، މެޗަކަށް 11 ކުޅުންތެރިން ހަމަވާ ނަމަ ލިވަޕޫލް ފަހަތަށް ނުޖެހޭނެ ކަމަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލް (ފެބްރުއަރީ 22) - މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބި ކަމުގައި ވިއަސް، މެޗަކަށް 11 ކުޅުންތެރިން ހަމަވާ ނަމަ ލިވަޕޫލް ފަހަތަށް ނުޖެހޭނެ ކަމަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ކްލޮޕް މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 4-1 އިން ލޫޓަން ޓައުން ބަލިކޮށް، ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނެގުމަށް ފަހު އެވެ.

ލިވަޕޫލް އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު 26 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ 25 މެޗުން 56 ޕޮއިންޓް ހޯދާފައިވާ މެނެޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި އޮތް އާސެނަލް އަށް ވަނީ 25 މެޗުން 55 ޕޮއިންޓް ލިބިފަ އެވެ.

އަނިޔާގެ ސަބަބުން ލިވަޕޫލްގެ ސީނިއާ ނުވަ ކުޅުންތެރިއަކު ލޫޓަންއާ ދެކޮޅަށް ކުޅުނު ސްކޮޑުގައި ނުހިމެނެ އެވެ. ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް، ޑިއޯގޯ ޖޮޓާ، މުހައްމަދު ސަލާހު، ތިއާގޯ ސިލްވާ، ޑޮމިނީކް ސޮބޯޒްލައި، ޖޮއެލް މަޓިލް، ކާޓިސް ޖޯންސް، ޑާވިން ނޫނޭޒް އަދި ގޯލްކީޕަރު އެލިސަން ބެކާ ވެސް ހުރީ އަނިޔާގަ އެވެ.

ލިވަޕޫލަށް ދެން އޮތީ އާދިއްތަ ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ އިނގިރޭސި ލީގު ކަޕްގެ ފައިނަލު މެޗެވެ. މީގެތެރޭން ގިނަ ކުޅުންތެރިން ފައިނަލް މެޗަށް ފިޓް ވާނެ ކަމަށް ނުބެލެވެ އެވެ. ލީގު ރޭހުގައި ލިވަޕޫލް އެންމެ ކުރީގައި އުޅުނަސް، ޗެލްސީ އޮތީ 20 ޓީމު ހިމެނޭ ލީގުގެ ތާވަލްގެ 10 ވަނައިގަ އެވެ. އަދި އެއީ އީއެފްއެލް ކަޕް ފައިނަލްގައި ލިވަޕޫލް ފޭވަރިޓެއް ގޮތުގައި ބަލަން ޖެހޭ ކަމެއް ކަމަށް ކްލޮޕް ނުދެކެ އެވެ.

"އަހަރެމެން ބަލަން ޖެހޭނީ [ފައިނަލަށް ފިޓް ވާނެ ކުޅުންތެރިން]، އެކަމު މެޗުގެ ކުރިން ވެސް އަހަރެން ބުނި ފަދައިން، އަހަރެމެންގެ 11 ކުޅުންތެރިން ތިބިއްޔާ އަހަރެމެން ދާނީ ކުރިއަށް،" ކްލޮޕް ބުންޏެވެ.

"އަހަރެމެންނަކީ ފައިނަލްގެ ފޭވަރިޓުންހޭ؟ ޔަގީނުން ވެސް ނުވާނެ. އަހަރެމެން އެންމެ ފަހުން ޗެލްސީއާ ކުޅުނު ފަހުން އެމީހުން ކުރިއެރުންތަކެއް ހޯދާފައިވޭ، އެހެންވެ އުނދަގޫ ވާނެ. މިރޭ މިއީ އަދި ތަފާތު ހާއްސާ ކަމެއް."

އެންފީލްޑުގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓުގައި ޗިޑޯޒީ އޮގްބީން ޖަހައިދިން ގޯލާ އެކު ފުރަތަމަ ހާފު ލީޑު ކުރީ ލޫޓަން އެވެ. ލިވަޕޫލުން ހަތަރު ގޯލު ވެސް ޖެހީ ފަހު ހާފުގަ އެެވެ.

އެގޮތުން 56 ވަނަ މިނިޓުގައި ވާޖިލް ވެން ޑައިކް ނަތީޖާ އެއްވަރު ކޮށްދިންއިރު، ދެ މިނިޓު ފަހުން ލީޑު ނަގައިދިނީ ކޯޑީ ގަކްޕޯ އެވެ. މި ދެ ގޯލު ވެސް ޖަހަން އެހީވީ އެލެކްސިސް މެކްއަލިސްޓާ އެވެ. އެންޑީ ރޮބާޓްސަންގެ އެހީތެރިކަމާ އެކު ލުއިސް ޑިއާޒް ތިންވަނަ ގޯލު ޖެހިއިރު، ފަހު ގޯލު ޖެހީ ހާވީ އެލިއޮޓް އެވެ.

އެލިއޮޓް ލިވަޕޫލަށް ކުޅެދިން 100 ވަނަ މެޗުގައި އޭނާ ޖެހި ގޯލަކީ، މި ސީޒަންގައި ލިވަޕޫލުން ކާމިޔާބު ކުރި 100 ވަނަ ގޯލެވެ.