Roadha Mihaaru
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް

އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް

02 ޖެނުއަރީ 2024

ލިވަޕޫލް (ޖެނުއަރީ 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލުވަޕޫލުން 4-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރި މެޗުގައި މިސްރު ފޯވާޑް މުހައްމަދު ސަލާހުގެ ގޯލުޖެހުމުގެ ހުނަރަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ތައުރީފް ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލިވަޕޫލް (ޖެނުއަރީ 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލުވަޕޫލުން 4-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރި މެޗުގައި މިސްރު ފޯވާޑް މުހައްމަދު ސަލާހުގެ ގޯލުޖެހުމުގެ ހުނަރަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ތައުރީފް ކޮށްފި އެވެ.

މެޗުގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއެއް ސަލާހަށް ނާކާމިޔާބުވެގެން ދެ ވަނަ ހާފަށް ނުމެ ސަލާހު ވަނީ ހަތަރު މިނިޓު ތެރޭ ގޯލު ޖަހައި ލީޑު ނަގައިދީފަ އެވެ. އޭގެ ފަސް މިނިޓު ފަހުން އެލެކްސެންޑާ އީސާކް ނިއުކާސަލް އަށް އެއްވަރު ކޮށްދިނެވެ.

ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑު ނެގީ 74 ވަނަ މިނިޓުގައި ކާޓިސް ޖޯންސްގެ ގޯލަކުންނެވެ. އޭގެ ހަތަރު މިނިޓު ފަހުން ސްލާހުގެ އެހީތެރިކަމާ އެކު ކޯޑީ ގަކްޕޯ އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިން އިރު، 81 ވަނަ މިނިޓުގައި ސްވެން ބޮޓްމަން ނިއުކާސަލް އަށް ފަރަގު ކުޑަ ކޮށްދިނެވެ. ނަމަވެސް ސަލާހު ވަނީ 86 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އަލުން ދެ ގޯލަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

"ސަލާހަކީ ގޯލު ޖަހާ މެޝިނެއް. ފުރަތަމަ ލިބުނު ޕެނަލްޓީ ކާމިޔާބު ކުރެވުނު ނަމަ އެއީ ބޮޑު އެހީއަކަށް ވާނެ. އެކަމު އެހެން ނުވުން އެއީ މައްސަލައެއް ނޫން،" މެޗަށް ފަހު ކްލޮޕް ބުންޏެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް އެއްވަނައިގައި އޮތީ 20 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ 42 ޕޮއިންޓް ހޯދާފައިވާ އެސްޓަން ވިލާ އެވެ. ތިންވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 40 ޕޮއިންޓް ހޯދައިފައިވާ މެންޗެސްޓާ ސިޓީ އެވެ.

އާދިއްތަ ދުވަހުގެ ރޭ ފުލަމް އަތުން 2-1 އިން ބަލިވި އާސެނަލް އޮތީ 40 ޕޮއިންޓާ އެކު ތިންވަނައިގަ އެވެ. ފަސްވަނައިގައި އޮތް ޓޮޓެންހަމް ވަނީ އާދިއްތަ ދުވަހުގެ ރޭ 3-1 އިން ބޯންމަތު ބަލިކޮށް 39 ޕޮއިންޓް ހަމަކޮށްފަ އެވެ.

މި މެޗަށް ފަހު، މިމަހުގެ 13 ވަނަ ދުވަހު ފެށުމަށް ފަހަޖެހިފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ މިސްރު ޓީމާ، ސަލާހު ގުޅޭނެ އެވެ. އޭނާ އަކީ އެފްރިކަން ކަޕްގެ އެންމެ ކާމިޔާބު ޓީމު މިސްރުގެ ކެޕްޓަނެވެ.

މިއާ ގުޅިގެން އަންނަ އާދިއްތަ ދުވަހުގެ ރޭ ލިވަޕޫލުން އެފްއޭ ކަޕްގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ސަލާހު ނުފެނިދާނެ އެވެ. އަދި މި މަހު ކުޅޭ ލީގް ކަޕްގެ ސެމީ ފައިނަލް ދެ ލެގުގައި ވެސް އޭނާ ނުކުޅޭޏެ އެވެ.

އެފްރިކަން ކަޕްގެ ފައިނަލް އޮންނާނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހެވެ. މިސްރު ފައިނަލަށް ހިނގައްޖެ ނަމަ ލިވަޕޫލުން ލީގުގައި ޗެލްސީ އާއި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ސަލާހަށް ނުކުޅެވޭނެ އެވެ.