Roadha Mihaaru
މެގަ އިން ބަންގްލަދޭޝް އަށް ދަތުރުތައް ފަށަނީ

މެގަ މޯލްޑިވްސް އިން ބަންގްލަދޭޝް އަށް ވެސް ދަތުރުތައް ފަށަނީ

07 ނޮވެމްބަރ 2016

ރާއްޖޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ އެއާލައިން، މެގަ މޯލްޑިވްސް އިން ބަންގްލަދޭޝް އަށް ދަތުރުތައް ފަށަން މަސައްކަތް ފަށައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ އެއާލައިން، މެގަ މޯލްޑިވްސް އިން ބަންގްލަދޭޝް އަށް ދަތުރުތައް ފަށަން މަސައްކަތް ފަށައިފި އެވެ.

މެގަ މޯލްޑިވްސްގެ ސީއީއޯ ޖޯޖް ވިއެންމަން އިންޑިއާގެ ނޫސްތަކަށް އިއްޔެ ވިދާޅުވި ގޮތުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީ މެދުވެރިކޮށް، މާލެ އާއި ދާކާއާ ދެމެދު ދަތުރުތައް ފަށަން އެ އާލައިނުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން، އެ ކަމަށް ބޭނުންވާ ހުއްދަ އަށް އިންޑިއާ ސަރުކާރުގައި މިހާރު އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ އާއި ޑާކާއާ ދެމެދު މިހާރު އުދެހެނީ ވަރަށް މަދު ފްލައިޓެއް. އެކަމަކު، އެއީ ވިޔަފާރީގެ ފުރުސަތު ވަރަށް ބޮޑަށް އޮތް ރޫޓެއް،" ޖޯޖް ވިދާޅުވި އެވެ.

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު މިހާރު އުދުހެނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އެކަންޏެވެ. އެ އެއާލައިނުން ޑާކާ އަށް ސީދާ ދަތުރުތައް ފެށީ ނޮވެމްބަރު 15، 2012 ގަ އެެވެ.

މެގަ މޯލްޑިވްސް އިން ވަނީ އަންނަ ހޯމަ ދުވަހު އިންޑިއާ އަށް ދަތުރު ފަށަން ނިންމައި ޓިކެޓް ވިއްކަން ފަށައިފަ އެވެ. ދިއްލީ އަށް ސީދާ ކުރާ ދަތުރުތަކުގައި ހަފުތާ އަކު ތިން ފްލައިޓު ބާއްވާއިރު، މިއީ މާލެ އާއި ދިއްލީއާ ދެމެދު އޮންނަ ހަމައެކަނި ސީދާ ފްލައިޓެެވެ.

މެގަ އިން މިދިޔަ ސެޕްޓެމްބަރު މަހު އަލަށް ގެނައި ބިޒްނަސް ކްލާސް 12 ސީޓު އަދި އިކޮނޮމީ ކްލާސް 156 ސީޓު ހިމެނޭ ބޮއިން 800-737 މަރުކާގެ ބޯޓުގައި ކުރާ ދިއްލީ ދަތުރުުތަކުގެ ޓިކެޓު ވިއްކަން މިހާރު ވަނީ ފަށައިފަ އެވެ. ދެކޮޅު ޓިކެޓެއް 389 ޑޮލަރު (5998.38 ރުފިޔާ) އަށް ވިއްކާއިރު، އެއްކޮޅު ދަތުރެއްގެ އަގު އުޅެނީ 234.5 ޑޮލަރު (3615.99 ރުފިޔާ) ގަ އެވެ.

މީގެ އިތުރުން، އިންޑިއާގެ ވިޔަފާރީގެ މަރުކަޒު ކަމަށްވާ މުމްބާއީ އަށް ވެސް އަންނަ މަހު ސީދާ ދަތުރުތައް ފަށަން މެގަ މޯލްޑިވްސް އިން އަންނަނީ ތައްޔާރުވަމުންނެވެ.

އެމެރިކާ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން 2009 ގައި ފެށި މެގަ މޯލްޑިވްސްގެ ފަސްވަނަ އަހަރީ ދުވަސް އަންނަ މަހު ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، މިދިޔަ ހަފުތާގައި ވަނީ ސްރީ ލަންކާ އަށް ވެސް ދަތުރުތައް ފަށައިފަ އެވެ.

ޑާކާ އަށް ދަތުރުތައް ފަށަން މެގަ މޯލްޑިވްސް އިން މަސައްކަތް ކުރަމުން އަންނައިރު، ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރެ އެވެ. އަދި ގަވައިދާ ހިލާފަށް ގާތްގަނޑަކަށް އިތުރު 20،000 ބިދޭސީން އުޅެ އެވެ. އޭގެ ތެރޭން ވަރަށް ބޮޑު ބަޔަކީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.