Roadha Mihaaru
މެގަ އިން މުމްބާއީ އަށް ވެސް ސީދާ ދަތުރުތައް ފަށަނީ

މެގަ މޯލްޑިވްސް އިން މުމްބާއީ އަށް ވެސް ސީދާ ދަތުރުތައް ފަށަނީ

02 ނޮވެމްބަރ 2016

ރާއްޖޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ އެއާލައިން، މެގަ މޯލްޑިވްސް އިން އިންޑިއާގެ މުމްބާއީ އަށް ވެސް މި އަހަރުގެ ތެރޭގައި ދަތުރުތައް ފަށަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ އެއާލައިން، މެގަ މޯލްޑިވްސް އިން އިންޑިއާގެ މުމްބާއީ އަށް ވެސް މި އަހަރުގެ ތެރޭގައި ދަތުރުތައް ފަށަން ނިންމައިފި އެވެ.

މެގަ މޯލްޑިވްސްގެ ޑިރެކްޓަރު އޮފް ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓް މިފްޒާލް އަހުމަދު މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން މުމްބާއީ އަށް ސީދާ ދަތުރުތައް ފަށާނެ އެވެ. ހަފުތާއަކު ދެ ފްލައިޓު މުމްބާއީ އަށް ބާއްވަން ނިންމާފައި ވިޔަސް، ދަތުރުތައް ފަށާނެ ދުވަހެއް އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިއްލީ އާއި މުމްބާއީ އަށް ދިވެހިންނަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" މެގަ މޯލްޑިވްސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިފްޒާލް ވިދާޅުވި އެވެ.

މެގަ މޯލްޑިވްސް އިން ވަނީ މި މަހުގެ 14 ގައި އިންޑިއާ އަށް ދަތުރު ފަށަން ނިންމައި ޓިކެޓް ވިއްކަން ފަށައިފަ އެވެ. އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް ސީދާ ކުރާ ދަތުރުތަކުގައި ހަފުތާ އަކު ތިން ފްލައިޓް ބާއްވާއިރު، މިއީ މާލެ އާއި ދިއްލީއާ ދެމެދު އޮންނަ ހަމައެކަނި ސީދާ ފްލައިޓެެވެ.

މެގަ މޯލްޑިވްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިފްޒާލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެގަ މޯލްޑިވްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިފްޒާލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖެ އިން ދިއްލީ އަށް ސީދާ ދެވޭނެ ގޮތެއް މިހާރަކު ނޯވެ އެވެ. ދިއްލީ އަށް ދަތުރުކުރާ މީހުން އެންމެ އާއްމުކޮށް ބޭނުންކުރަނީ އިންޑިއާގެ ބެންގަލޫރު މަގެވެ. ނަމަވެސް މާލެ އިން ބެންގަލޫރަށް ސީދާ ދިއުމަށް ފަހު، ބެންގަލޫރުން ދިއްލީ އަށް ދާން ޖެހޭތީ ދަތުރު ދިގުވެ އެވެ. އެ މަގުން ކުރާ ދަތުރަށް ގާތްގަނޑަކަށް ނުވަ ގަޑިއިރު ހޭދަކުރަން ޖެހެ އެވެ.

އިންއާގެ ދަތުރުތަކާ ގުޅޭ ގޮތުން މިފްޒާލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ކުރިއަރަމުން އަންނަ އެއް މާކެޓަކީ އިންޑިއާ މާކެޓު ކަމަށާއި މި އަހަރު ގާތްގަނޑަކަށް 25 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. ދިއްލީ އަދި މުމްބާއީ އަށް ސީދާ ދެވޭނެ ގޮތެއް ނެތްއިރު ވެސް އެހާ ގިނަ އަދަދެއްގެ ޓޫރިޓުން އެ ސަރަހައްދުތަކުން ރާއްޖެ އަންނައިރު، މެގަ މޯލްޑިވްސްގެ ދަތުރުތައް ފެށުމާ އެކު އެ މާކެޓަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ފަސް އަހަރު ކުރިން އަޅުގަނޑުމެންގެ ހިދުމަތް ފެށިއިރު ޗައިނާ މާކެޓުން މިހާ ގިނަ މީހުން އަންނާނެ ކަމަށް ހިއެއް ނުކުރޭ. އަޅުގަނޑު ދަންނަވާނީ އިންޑިއާ އިން ވެސް ވަރަށް ބޮޑެތި އަދަދުތައް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އަންނާނެއޭ،" މިފްޒާލް ވިދާޅުވި އެވެ

މެގަ އިން މިދިޔަ ސެޕްޓެމްބަރު މަހު އަލަށް ގެނައި ބިޒްނަސް ކްލާސް 12 ސީޓް އަދި އިކޮނޮމީ ކްލާސް 156 ސީޓް ހިމެނޭ ބޮއިން 800-737 މަރުކާގެ ބޯޓުގައި ކުރާ ދިއްލީ ދަތުރުުތަކުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށައިފަ އެވެ. ދެކޮޅު ޓިކެޓެއް 389 ޑޮލަރު (5998.38 ރުފިޔާ) އަށް ވިއްކާއިރު، އެއްކޮޅު ދަތުރެއްގެ އަގު އުޅެނީ 234.5 ޑޮލަރު (3615.99 ރުފިޔާ) ގަ އެވެ.

އެމެރިކާ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން 2009 ގައި ފެށި މެގަ މޯލްޑިވްސްގެ ފަސްވަނަ އަހަރީ ދުވަސް އަންނަ މަހު ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، މި މަހު ސްރީ ލަންކާ އަށް ދަތުރުތައް ފަށަން ވެސް ވަނީ ނިންމައިފަ އެވެ. އެ ގޮތުން، ފުރަތަމަ ފްލައިޓް މާދަމާ ބާއްވާއިރު، ކޮލަމްބޯ އަށް ވެސް ހަފްތާ އަކު ތިން ފްލައިޓް ބާއްވާ ގޮތަށް ހަމަޖައްސާފައިވެ އެވެ.