Roadha Mihaaru
ރަންބީރްގެ ބައްޕަގެ ރޯލަށް ބޯނީ ކަޕޫރް

ރަންބީރްގެ ބައްޕަގެ ރޯލަށް ބޯނީ ކަޕޫރް

13 ޖެނުއަރީ 2021

މިއީ ރަންބީރް ކަޕޫރަށް ލިބޭ ފަހުރަކަށް ވެސް ވެދާނެ އެވެ. އޭނާ ދާދި ފަހުން ސޮއިކުރި ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "އެނިމަލް" ގައި އަނިލް ކަޕޫރް ކުޅޭނީ ރަންބީރްގެ ބައްޕަގެ ރޯލެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއީ ރަންބީރް ކަޕޫރަށް ލިބޭ ފަހުރަކަށް ވެސް ވެދާނެ އެވެ. އޭނާ ދާދި ފަހުން ސޮއިކުރި ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "އެނިމަލް" ގައި އަނިލް ކަޕޫރް ކުޅޭނީ ރަންބީރްގެ ބައްޕަގެ ރޯލެވެ.

މި ހަފުތާގައި ނިއު ދިއްލީގައި ޝޫޓިން ފެށި ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމުގައި ރަންބީރްގެ ބައްޕަގެ ރޯލު ކުޅެނީ އަނިލްގެ ބޭބެ ޕްރޮޑިއުސަރު ބޯނީ ކަޕޫރެވެ. މިއީ ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ އަދި ބަތަލާ ޖާންވީ އާއި އެކްޓަރު އަރުޖުން ކަޕޫރްގެ ބައްޕަ ފިލްމެއްގައި ބޮޑު ރޯލެއް ކުޅެން އެއްބަސްވި ފުރަތަމަ ފަހަރަށެވެ.

ނަން އަދި އިއުލާންނުކުރާ ލަވްގެ ފިލްމުގައި ބޯނީ އާއި ބަތަލާ ޑިމްޕަލް ކަޕާޑިއާ އަކީ ރަންބީރްގެ މައިންބަފައިންނެވެ. މި ރޮމޭންޓިކް ކޮމެޑީގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ.

ލަވްގެ ފިލްމަށް އެއްބަސްވުމުގެ ކުރިން ބޯނީ ވަނީ މިދިޔަ މަހު ނެޓްފްލިކްސް އިން ސްޓްރީމްކުރި ކޮއްކޮ އަނިލްގެ ފިލްމު "އޭކޭ ވާސަސް އޭކޭ" ގައި ހަމަ އޭނާގެ ގޮތުގައި ކެމިއޯއަކުން ފެނިފަ އެވެ.

ލަވްގެ ފިލްމަށް ސޮއިކުރިކަން ކަށަވަރުކޮށް ދެމުން މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި ބޯނީ ބުނީ ލަވްގެ ފަރާތުން ލިބުނު ހުށަހެޅުމާ ދޭތެރޭ ސީރިއަސްކޮށް ވިސްނަން މަޖުބޫރުވީ އަރުޖުންއާ ހެދި ކަމަށެވެ.

"އަހަންނަށް ރޯލު އޮފާކޮށްފައި އަރުޖުންގެ ކިބައިން ވެސް ލަވް ވަރަށް ބޮޑަށް އެދުނު ފިލްމަށް އެއްބަސްކުރުވައި ދޭން. ދެން އޭނަ ކިޔާވަރުން އެއްބަސްވީ." ޖުދާއީ އާއި ވޯންޓެޑް ފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރު ބުންޏެވެ.

ބޯނީ، 65، ބުނިގޮތުގައި ފިލްމަށް އެއްބަސްވީ ޝަރުތަކާ ވެސް އެކީގަ އެވެ. އެއީ އޭނާގެ އަމިއްލަ ބައެއް ޕްރޮޑަކްޝަންތަކުގެ މަސައްކަތްތައް މި ވަގުތު މުމްބާއީގައި ކުރިއަށްދާތީ އެ މަސައްކަތްތަކުގެ ވާނުވާ ބަލަން ދޭތެރެ އިން ދިއްލީގައި ހުރެފައި މުމްބާއީ އަށް ދާން ލަވް ހުއްދަ ދިނުމެވެ.

ބޯނީ ބުނީ ކެމެރާ ކުރިމައްޗަށް ނުކުތުމަކީ އެއްގޮތަކަށް ވެސް ޖެހިލުންވާ ކަމެއް ނޫން ކަމަށެވެ. އެހެންވެ ފިލްމެއްގެ ބޮޑު ރޯލެއް ކުޅެން ޖެހުމަކުން އެއްވެސް ހާސްކަމެއް ވެސް ނެތް ކަމަށް ބުންޏެވެ.

"ހަޔާތުގައި ވަރަށް ގިނަ އަޑިގުޑަންތަކާ ދިމާވެއްޖެ. އެހެންވީމަ ކީއްވެ ކަންކަމާ ޖެހިލުންވާންވީ؟" ބޯނީ ބުންޏެވެ.

ލަވްގެ އާ ފިލްމަކީ އޭނާ 2018 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އަށް ފަހު ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.

ރަންބީރްގެ ބައްޕައިންގެ ރޯލު އަނިލް އާއި ބޯނީ އަށް ކުޅުމުގެ ފުރުސަތު ލިބުނު އިރު، ދާދި ފަހުން ޝޫޓިން ނިންމައިލި ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ "ޖުގް ޖުގް ޖިއޯ" އަކީ ރަންބީރުގެ މަންމަ ނީޓޫ ސިންގް އާއި އަނިލް ދެމަފިރިންގެ ރޯލުން ފެންނާނެ ފިލްމެކެވެ.

އޭގެ ލީޑް ތަރިންނަކީ ވަރުން ދަވަނާއި ކިއާރާ އަދުވާނީ އެވެ.